ދިވެހި ބަހުގެ އެކެޑަމީ

ރާއްޖޭގައި ހިންދީ ބަހުގެ ދުވަސް ފާހަކޮށްފި

ހިންދީ ބަހުގެ ދުވަސް ފާހަގަ ކުރަން ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗުރަލް ސެންޓަރު (އައިސީސީ) ގައި ބޮޑު ހަފްލާއެއް ބާއްވައި އެ ހަފްލާ ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ޝަރަފުވެރި ކޮށްދެއްވައިފި އެވެ. އޭނާ އެ ހަފްލާގައި ވަހަކަ ދެއްކެވީ ވެސް ހިންދީ ބަހުންނެވެ.

އިންޑިއާއިން ކަލްޗަރަލް ސެންޓަރެއް ގާއިމްކޮށް ރާއްޖޭގައި އެ ގައުމުގެ ހަރަކާތް ފުޅާ ކޮށްފައިވާއިރު އިންޑިއާގައި ރާއްޖޭގެ ކަލްޗަރަލް ސެންޓަރެއް އަޅަން ވަނީ ހުއްދަ ނުދީފަ އެވެ.

އޭނާ ހިނދީ ބަހުން ރޭ ވިދާޅުވީ ހިންދީ ބަހަކީ "ދިވެހިންނާ ރަހުމަތްތެރި، ދިވެހިން ލޯބިކުރާ ބަހެއް" ކަމަށެވެ. ހިންދީ ޑްރާމާތަކާއި، ފިލްމާއި ލަވަ ފޫހިކަމެއް ނެތި ދިވެހިން ބަލާ ކަމަށެވެ.

އައިސީސީގެ ޑައިރެކްޓަރު މުހައްމަދު ހާލިގް ވިދާޅުވީ، މިފަދަ ހަފުލާއެއް ބާއްވަން ނިންމީ ހިންދީ ބަހަކީ ގިނަ ދިވެހިން ދަންނަ ބަހަކަށްވެފައި، ދިވެހިން ހިންދީ ބަހަށް ކުރާ ލޯބި ހިއްސާ ކުރަން ކަމަށެވެ.

"ރާއްޖެއާއި އިންޑިއާއަކީ އަބަދުވެސް ގާތް އެކުވެރި ގުޅުމެއް އޮންނަ ދެ ގައުމު. ހިންދީ ބަހަކީ ދިވެހިންނާއި ގާތް ބަހަކަށްވެފައި މިފަދަ ހަފްލާއެއް ބޭއްވުމަކީ ދެ ގައުމުގެ މެދުގައި އޮތް އެކުވެރިކަން އިތުރަށް ހަރުދަނާވެގެންދާނެ ކަމެއް." ހާލިގް ވިދާޅުވި އެވެ.

އައިސީސީ އަންނަނީ މާލޭގައި ޔޯގާ، ޓަބްލާ، ޑާންސް އަދި މިއުޒިކް ކުލާސްތައް ހިންގަމުންނެވެ. އަވަސް މުސްތަގުބަލެއްގައި ހިންދީ ބަސް ދަސްކޮށްދޭ ކުލާސްތަކެއް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ވެސް އެ ސެންޓަރުން ބުންޏެވެ.

ހިންދީ ބަހުގެ ދުވަހެއް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރަން ނިންމާފައި ވަނީ ޖެނުއަރީ 10، 1975 ގައި ބޭއްވި ފުރަމަތަ ދުނިޔޭގެ ހިންދީ ބަހުގެ ކޮންފަރެންސަށް ފަހުގައި އެވެ.