ކުޅިވަރު

ޔުނައިޓެޑުން ފަލްކާއޯ ބަހައްޓާނެތަ؟

މި ސީޒަންގެ ނިޔަލަށް ލޯނު އެއްބަސްވުމެއްގެ ދަށުން ކޮލަމްބިއާގެ ފޯވަޑް ރަޑަމެލް ފަލްކާއޯ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވިއިރު ވެސް، އޭނާގެ ފިޓްނަސްއާމެދު ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ. ޔުނައިޓެޑް އިން ޅޯނު އެއްބަސްވުމެއްގައި އޭނާ ގެންނަން ނިންމީ ވެސް، މެޑިކަލް ޓެސްޓްތައް ހަދައި، ވަރަށް ރަނގަޅަށް އޭނާގެ ހާލަތު ބެލުމަށް ފަހު އެވެ. ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކަށް ފަހު ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ފަލްކާއޯ ހުރުމުން، އޭނާގެ ފިޓްނަސްއާމެދު އޭރު ވެސް އޮތީ ސުވާލު އުފެދިފަ އެވެ.

ޔުނައިޓެޑްއާ ގުޅުނު ފަހުން، ފަލްކާއޯ އަށް އަނިޔާގެ މައްސަލަތައް ދިމާވެ، އޭނާގެ ކުރިމަގާމެދު ވަނީ ސުވާލުތައް އުފެދިފަ އެވެ. ޔުނައިޓެޑްގެ ފުރަތަމަ 11ގައި ފަލްކާއޯ ކުޅެފައިވަނީ އެންމެ ތިން މެޗުގަ އެވެ. ޔުނައިޓެޑަށް މިހާތަނަށް ކުޅުނު ޖުމްލަ އަށް މެޗުން އޭނާ ޖަހާފައިވަނީ އެންމެ ލަނޑެކެވެ.

ލޯނު އެއްބަސްވުމެއްގެ ދަށުން ފަލްކާއޯ ގެންނަން ޔުނައިޓެޑް އިން ހަ މިލިއަން ޕައުންޑް ހޭދަކުރިއިރު، ފަލްކާއޯގެ މުސާރަ އަށް އެ ކްލަބުން ހަފުތާއަކަށް 265،000 ޕައުންޑް ހޭދަކުރެ އެވެ. މި ސީޒަނަށް ފަހު ފަލްކާއޯ ގަތުމުގެ ފުރުސަތު ޔުނައިޓެޑަށް ލިބިފައި އޮތް ނަމަވެސް، އެ ފުރުސަތުގެ ބޭނުން ޔުނައިޓެޑް އިން ހިފާނެކަމާމެދު މިހާރު ވަނީ ސުވާލުތަކެއް އުފެދިފަ އެވެ.

ޔުނައިޓެޑަށް ލިބޭނެ ހިތްހަމަޖެހުމަކީ ފަލްކާއޯ އަށް ދިމާވި އަނިޔާގެ މައްސަލަތަކަކީ ކުރިން ކުރިމަތިވި ކަކުލުގެ އަނިޔާއާ ގުޅުން ހުރި ކަމަކަށް ނުވުމެވެ. އެހެން ނަމަވެސް، ބޮޑު ހޭދައެއްކޮށްފައި ގެނައި ފޯވަޑް އަށް ސީޒަންގެ މިހާތަނަށް ޔުނައިޓެޑްގެ ފުރަތަމަ 11ގައި އެންމެ ތިން މެޗު ކުޅުމަކީ އެ ކްލަބުން އުންމީދުކުރި ގޮތެއް ނޫނެވެ.

ޕޯޓޯ އާއި އެތުލެޓިކޯ މެޑްރިޑްގައި ގިނަ ލަނޑުތަކެއް ޖަހައި، ޔޫރަޕްގެ އެންމެ ނުރައްކާތެރި އެއް ފޯވަޑްގެ ގޮތުގައި ހުރި ފަލްކާއޯގެ ފެންވަރާމެދު ޝައްކުކުރެވޭކަށް ނެތެެވެ. މިހާރު އޭނާ އަށް ދިމާވެެގެން އުޅެނީ ފިޓްނަސްގެ މައްސަލައެކެެެވެ. މުޅިން ފިޓުވެ، ފެންވަރު ސާބިތުކޮށްދީގެން ނޫނީ މި ސީޒަނަށް ފަހު ފަލްކާއޯ ޔުނައިޓެޑްގެ ޖޯޒީގައި ފެނުމުގެ ފުރުސަތު ކުޑަ އެވެ.

"ފިޓުނުވާ ކުޅުންތެރިއެއް އަހަރެންގެ ޓީމަކަށް ނާރާނެ. މިހާރު ވެސް ބަލާ އަހަރެން ކުރިން ކޯޗުކޮށްދިން ޓީމުތަކުގައި އަހަރެންގެ އިރުޝާުދުގެ ދަށުން ނެރުނު ޓީމުތައް. ފިޓުނުވާ ކުޅުންތެރިއެއް ނާރާނެ. އަަހަރެން މީހެއްގެ ނަމަކަށް ނުބަލާލަން. އަހަރެންގެ ޓީމަކަށް އެރޭނީ ފިޓުވެގެން،" ވެން ހާލް ބުންޏެވެ.

ފަލްކާއޯގެ ފިޓްނަސްގެ އިތުރުން، ފަލްކާއޯގެ އުމުރުން ދޮށީވުމުން ޔުނައިޓެޑް އިން އޭނާ ބަހައްޓަން 43 މިލިއަން ޕައުންޑް ހޭދަކޮށްފާނެ ކަމާމެދު ވެސް ސުވާލު އުފެދެ އެެވެ. އުމުރުން ދޮށީވުމުގެ އިތުރުން، ފަލްކާއޯގެ އިންޖަރީގެ މައްސަލަތައް މި ފަހަކަށް އައިސް ބޮޑުވުމުން ޔުނައިޓެޑް އިން އޭނާ ބަހައްޓަން ބޮޑު ހޭދައެއްކޮށްފާނެ ކަމާމެދު ޝައްކެވެ.

ޔުނައިޓެޑް އިން ކޮންމެ ގޮތަކަށް ނިންމިޔަސް، އެ ނިންމުން ގުޅިފައިވަނީ ފަލްކާއޯގެ ފިޓްނަސް އާއި ފޯމަށެވެ. މިހާރު ފަލްކާއޯގެ ބޭނުން ނުހިފުނު ނަމަވެސް، ސީޒަންގެ ބާކީ އޮތްބައިގައި އޭނާގެ ފޯމު ރަނގަޅުވެ، ގިނަ ލަނޑުތަކެއް ފެނިއްޖެ ނަމަ އޭނާ ބެހެއްޓުމާމެދު ޔުނައިޓެޑް އިން ވިސްނަފާނެ އެވެ. އެކަމަކު ފަލްކާއޯ އަށް މިހާރު މާ ގިނަ ވަގުތެއް ނެތެވެ. ކުރީގެ ފޯމުގައި ކުޅެގެން ނޫނީ ޔުނައިޓެޑްގައި އޭނާ އަށް މުސްތަގްބަލެއް އޮތް ކަމަކަށް ނުބެލެވެ އެވެ.