ކުޅިވަރު

ވެލެންސިއާގެ ކޯޗަކަށް ސޮބާ، އަންކޮ ސޮއިކޮށްފި

ކުރިއަށް ސީޒަންގައި ކުލަބު ވެލެންސިއާގެ ކޯޗަކަށް، އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ސޮބާހް މުހައްމަދު އިބްރާހިމް (ސޮބާ) ހަމަޖައްސައިފި ކަމުގެ އިޝާރާތެއް ލިބިއްޖެ އެވެ.

ސޮބާ، ވަނީ ވެލެންސިއާއިން ފެނުނު އެންމެ ކާމިޔާބު ކޯޗް ހަންގޭރީގެ ލާސްލޯ ކިސްގެ ކޯޗްކަމުގެ ދަށުން ވެލެންސިއާ އަށް ކުރިން ކުޅެފަ އެވެ. ސޮބާ އެންމެ ފަހުން ހުރީ ގްރީން ސްޓްރީޓްގެ ކޯޗަކަށެވެ.

އެ ޓީމު ފުރަތަމަ ޑިވިޝަނަށް ގެންގޮސްދީ، މިދިޔަ ސީޒަންގެ މާލޭ ލީގްގެ ދެ ވަނަ އެ ޓީމަށް ހޯދައި ދިނެވެ. ނަމަވެސް، ދިވެހި ޕްރިމިއާ ލީގްގެ ދެ ވަނަ ބުރުން ފެށިގެން، އެ ޓީމަށް މައްސަލަ ކުރިމަތި ވިއެވެ. ދިވެހި ލީގްގެ ގަދަ ހަތަރަކުންވެސް ޖާގަ ގެއްލުނެވެ. ސޮބާ ގްރީން ދޫކޮށްލީ، ދިވެހި ލީގަށް ފަހު އެވެ. އޭނާ އެ ކުލަބު ދޫކޮށްލިއިރު، ޓީމުގެ މާލީ ހާލަތު އޭރު އޮތްގޮތުން ކުޅުންތެރިންނަށް މުސާރަ ނުލިބި އޮތް މައްސަލަ ސޮބާ ފާހަގަ ކުރި އެވެ.

އޭރު އޭނާ ބުނީ، ގްރީން ސްޓްރީޓުން، އޭނާގެ މަގްސަދު ހާސިލުވާން ނެތް ކަމަށްވާނަމަ، އެހެން ޓީމަކުން ނަމަވެސް، އޭނާގެ މަގުސަދު ހާސިލު ކުރާނެ ކަމަށެވެ.

"މިތަނުން [ގްރީން ސްޓްރީޓުން] އަޅުގަނޑުގެ މަގްސަދު ހާސިލު ވާން ނެތް ކަމަށް ވަންޏާ އެހެންތާކުންވެސް [އެހެން ޓީމަކުން] ނަމަވެސް (އެކަން) ކުރާނަން، ގިވްއަޕެއް ނުކުރާނަން،" ސޮބާ އޭރު ބުނެފައި ވެއެވެ.

ވެލެންސިއާގެ ކޯޗަކަށް، ސޮބާ ހަވާލުވި ކަމެއް، އެ ކުލަބުން ރަސްމީކޮށް ބުނެފައެއް ނެތެވެ. ނަމަވެސް، ބައެއް ކުޅުންތެރިންނާއެކު، ސޮއިކުރިކަން ހާމަ ކުރުމުގެ ގޮތުން، ވެލެންސިއާގެ ފޭސްބުކް ޕޭޖުގައި ޕޯސްޓް ކޮށްފައިވާ ފޮޓޯ ތަކުގައި، ކުޅުންތެރިންނާ، ޖޯޒީ ހަވާލު ކުރަން ހުރީ ސޮބާ އެވެ.

ކުޅުންތެރިން ސޮއި ކުރި ރަސްމިއްޔާތުގައި ސޮބާ

މުހިންމު ބައެއް ކުޅުންތެރިން ސޮއި ކުރި

އެހެން ޓީމަކުން، ވެލެންސިއާ އައި ކުޅުންތެރިންގެ ތެރެއިން، އެންމެ ފާހަގަ ކުރެވެނީ، ކުލަބު އީގަލްސްގެ ވައިސް ކެޕްޓަން އަންސަރު އިބްރާހިމް (އަންކޮ) އެވެ. މިދިޔަ އަހަރު ދިވެހި ލީގުން އީގަލްސް އަށް ޖާގަ ނުލިބުމުން، އޭރު އީގަލްސް އަށް ކުޅުނު ގިނަ ކުޅުންތެރިންނާއެކު، އޭނާ ވެސް ބަދަލުވީ، ގދ. ތިނަދޫ ޓީމަށެވެ.

ސޮބާގެ އިރުޝާދުގެ ދަށުން، މިދިޔަ އަހަރު، ގްރީން އަށް ކުޅުނު، އިބްރާހިމް ހަސީބު ވެސް ވަނީ ވެލެންސިއާ ގުޅިފަ އެވެ. އަދި ކުރިން ނިއު ރޭޑިއަންޓަށް ކުޅުނު މުހައްމަދު ކަރަމް އާއި ވެލެންސިއާގެ ކުރީގެ ކެޕްޓަން އަލީ އިމްރާން ވެސް ވަނީ އެނބުރި ޓީމަށް އައިސްފަ އެވެ. އޭނާ ވަނީ، 2012 ވަނަ އަހަރު، ވެލެންސިއާގެ ކެޕްޓަންކަން ކޮށްފަ އެވެ. މިދިޔަ އަހަރު އޭނާ ކުޅުނީ އުފަންރަށް ގދ. ތިނަދޫ ޓީމަށެވެ.

މިދިޔަ ތިން އަހަރު، ވެލެންސިއާ އަށް ކުޅުނު، ޑިފެންޑަރު މުހައްމަދު ޝިފާން (ކުޑައްޓޭ) ވަނީ ޓީމުގައި މަޑު ކުރަން، ނިންމައި ކުރިއަށް އޮތް ސީޒަނަށް ކޮންޓްރެކްޓް އާ ކޮށްފަ އެވެ. ކުޑައްޓޭ އާއި ސޮބާ އަކީ ކުރިން އެއްކޮށް ކުޅުނު ދެ ކުޅުންތެރިންނެވެ.