ދުނިޔެ

ބަންގްލަދޭޝްގައި ތިބި ރޯހިންޔާ މީހުންގެ މެދުގައި ނުރައްކާތެރި ބައްޔެއް ފެތުރެނީ

މިޔަންމާގެ ރާޚައިން ސްޓޭޓުގައި އެގައުމުގެ ސިފައިން ހިންގާ ޖަރީމާތަކުން ސަލާމަތްވާން އަވަށްޓެރި ބަންގްލަދޭޝަށް ގޮސްތިބި ރޯހިންޔާ ރެފިއުޖީންގެ މެދުގައިި ނޭވާލާ ނިޒާމުގެ ނުރައްކާތެރި ބައްޔެއް ފެތުރެން ފަށައިފިއެވެ.

ޑާކާ ޓްރައިބިއުން ނޫހުން ބުނީ 'ޑިފްތީރިއާ' ނަމަކަށް ކިޔާ އެބަލީގެ ސަބަބުން މިހާރު 30 މީހުން މަރުވެފައިވާ ކަމަށެވެ.

ނޫހުން ބުނީ އެ ބައްޔަކީ މިދިޔަ 2017 ވަނަ އަހަރާ ހަމައަށް ވެސް ބަންގްލަދޭޝް އިން ފުހެލާފައިވާ ބައްޔެއްގެ ގޮތުގައި ފާހަގަކޮށްފައި އޮތް ބައްޔެކެވެ. ބަންގްލަދޭޝްއަށް އެބަލި އަލުން އައީ މިދިޔައަހަރު އެގައުމަށް އައި ރޯހިންޔާ މީހުންނާ އެކުގައެވެ. އެއަށް ފަހު އެބަލި ވަނީ ބާރަށް ފެތުރިފައެވެ. ޑަބްލިއު އެޗްއޯއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެބަލި މިހާރު ވަނީ 3600 މީހަކަށް ޖެހިފައެވެ. ބަލި ޖެހުނު މީހުންގެ ތެރޭގައި ރޯހިންޔާ މީހުންގެ އިތުރުންް އެމީހުން ދިރިއުޅޭ ތަނާ ކައިރީގައި ދިރިއުޅޭ ބަންގްލަދޭޝްގެ ބައެއް މީހުން ވެސް ހިމެނެއެވެ.

ފްރާންސްގެ ހިލޭ ސާބަހަށް މަސައްކަތްކުރާ ' މެޑިސިންސް ސޭންސް ފްރޮންޓިއާސް' ( އެމްއެސްއެފް) ނުވަތަ ޑޮކްޓާސް ވިތައުޓް ބޯޑާސް އިން ބުނީ ބަލި ޖެހިފައިވާ ކުދިން ކޮންމެ ދުވަހަކުވެސް އަންނަ ކަމަށެވެ.

" މިއީ ވަރަށް އުނދަގޫ ހާލަތެއް. އެހެނީ ކޮންމެ ދުވަހަކުވެސް އާދޭ. ވެކްސިން ހޯދުން ވެސް އޮތީ ވަރަށް ދަތި ކަމަކަށް ވެފައި،" ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގައިވާ ރޯހިންޔާ ރެފިއުޖީ ކޭމްޕްގައި އެމްއެސްއެފުން ހިންގާ ވަގުތީ ކްލިނިކްގެ ހެޑް ނާސް ޑާކާ ޓްރައިބިއުން އަށް ބުނެފައި ވެއެވެ.

އެމްއެސްއެފްގެ ކްލިނިކް ހުޅުވި ފަތުން ޑިފްތީރިއާ ޖެހިގެން 600 މީހުން އެތަނަށް ވަނީ ދައްކާފައެވެ.

ޑިފްތީރިއާއަކީ ކަރު ދުޅަވެ، ނޭވާލާން އުނދަގޫވެ، އަދި އެކަމުގެ ސަބަބުން ހިތްހުޓިގެން މަރާ ކުރިމަތިވާ ނުރައްކާތެރި ބައްޔެކެވެ.


ރާހިން ސްޓޭޓުގައި މުސްލިމުންނާ މިޔަންމާ ސިފައިން ވަނީ ރޯހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ބޮޑެތި ޖަރީމާތައް ހިންގާފައެވެ.

އެގޮތުންް ހިންގި ޖަރީމާތަކުގެ ތެރޭގައި މީހުން މެރުމާއި އިތްފަތް ފޭރުމާއި ލާއިންސާނީ އަނިޔާތައް ދިނުން ހިމެެނެއެވެ. އެ ސަރަަހަދުން ރޯހިންޔާ މީހުން ހުސް ކުރަން ހިންގި އެ ޖަރީމާތަކުގައި އެމީހުން ދިރިއުޅޭ ގިނަ އަވަށްތަކެއްގައި ހުޅުޖަހައި އަންދާވެސް ލިއެވެ. އެ އަނިޔާވެރި ކަމުން ސަލާމަތްވާން އަވަށްޓެރި ބަންގްލަދޭޝްއަށް ދިޔަ މީހުންގެ އަދަދު ވަނީ ހަ ލައްކަައަށް ވުރެ މަތިވެފަ އެވެ.