ކުޅިވަރު

"ޗެލްސީގެ ކޯޗުކަން ދޫކޮށްލާކަށް ނޫޅެން"

ޗެލްސީގެ ކޯޗް ކަން ދޫކޮށްލުމުގެ އެއްވެސް ވިސްނުމެއް އޭނަ ނުގެން ގުޅޭ ކަމަށް، އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

މިދިޔަ ހަފުތާގައި ފެތުރިގެން ދިޔަ އެއް ޚަބަރަކީ، ކޮންޓޭގެ ބަދަލުގައި، ޗެލްސީއަށް އެހެން ކޯޗަކު ގެންނަން އުޅޭ ކަމުގެ ޚަބަރެވެ. އެގޮތުން ބާސެލޯނާގެ ކުރީގެ ކޯޗް ލުއިސް އެންރީކޭ ނުވަތަ ޔުވެންޓަސްގެ ކޯޗް މެސިމިލިއާނޯ އެލެގްރީ ގެންނަން އުޅޭ ވާހަކަތައް ދެކެވުނެވެ.

ކޮންޓޭ ބުނީ އޭނާ ޓީމު ދޫކޮށް ދިއުމުގެ އިހްތިޔާރު އެހެން މީހެއްގެ އަތުގައި އޮންނާނެ ނަމަ އެމީހަކީ، ޗެލްސީގެ އޯނަރު ރަޝިއާގެ ރޯމަން އަބްރޮހިމޮވިޗް ކަމަށެވެ. ޗެލްސީއާއެކު ކޮންޓޭ ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ އަންނަ އަހަރު އެވެ.

ޗެލްސީގެ އެކެޑެމީގެ، ހައިރާކްރަސީ އޮންނަ ގޮތާމެދު ކޮންޓޭ ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. އެއީ ރެކްރޫޓްމަންޓް ޕްރޮގްރާމުގައި ޓީމު ބޭނުންވާ ވަރުގެ ކުޅުންތެރިން އުފެއްދުމުގައި، އެކެޑެމީއަށް ކާމިޔާބު ނުހޯދޭތީ ކޮންޓޭ ވަނީ ރެކްރޫޓްމަންޓް ސްޓްރެޓަޖީ ބަދަލު ކުރުމަށް މީގެ ކުރިން ލަފަ ދީފަ އެވެ.

ނަމަވެސް، އޭނާ މީހާރު ބުނަނީ، ތިބި ކުޅުންތެރިންނާއެކުވެސް ޗެލްސީގައި އޭނާ މަސައްކަތް ކުރާނެ ކަމަށެވެ.

"އަހަރެން މިހާރު މިހުރީ ޗެލްސީއަށް މަސައްކަތް ކުރަން، އަހަރެންގެ ތިބި ކުޅުންތެރިންނާއެކު، ހަމައެޔާއެކު ފުޓްބޯޅައިގެ ނަޒަރުން، ކުލަބު ކުރިއެރުން ހޯދަން ޖެހޭ ކަންކަމާ މެދުވެސް އަހަރެން ސަމާލުކަން ދޭނަން، އަހަރެން ހިތްހަމަޖެހޭ އަހަރެމެންނަށް ކުރެވޭ މަސައްކަތާމެދު." ކޮންޓޭ ބުންޏެވެ.