ހަބަރު

މިލަންދޫ ސްކޫލްގެ އާ އިމާރާތުގެ ސީލިންގް ވެއްޓިއްޖެ

މިލަންދޫގައި އިމާރާތްކުރި ސްކޫލް އިމާރާތުގެ މަސައްކަތް ނިންމައި އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކުރީ މިދިޔަ ހޯމަ ދުވަހު އެވެ. އެ ސްކޫލަކީ މިހާރު އަތޮޅު ތެރޭގައި ހުރި ޖާގައިގެ ގޮތުން އެންމެ ބޮޑު ސްކޫލެވެ. ނަމަވެސް އަލަށް އެޅި އެ ސްކޫލުގެ ކިޔެވުން ވެސް ނުފަށަނީސް ކްލާސްރޫމެއްގެ ސީލިންގުން ބޮޑު ބައެއް ވަނީ ވެއްޓިފަ އެވެ.

މިލަންދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް 57 މިލިއަން ރުފިޔާ ހަރަދުކޮށްގެން އެޅި 30 ކްލާސްރޫމް ހިމެނޭ އެ އިމާރާތް ހެދީ އެސްޖޭ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން އެވެ. މީގެ ދެ އަހަރުކުރިން، 2015 ވަނަ އަހަރު ފެށި އެ އިމާރާތް މިދިޔަ ހަފްތާ އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކޮށް، އެތަން ބޭނުންކުރަން ވެސް ނުފަށަނީސް ސީލިން ވެއްޓުމުން ވަނީ ޝަކުވާ ބޮޑުވެފަ އެވެ.

"އަވަސް" އަށް މައުލޫމާތު ދެއްވަމުން މިލަންދޫ ކައުންސިލުގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ، ކިޔެވުން ނުފަށަނީސް ސްކޫލުގެ ތަންތަން ހަލާކުވަމުން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އޭނާ ވަނީ ސްކޫލުގެ އެކި މަސައްކަތްތައް ފުރިހަމަކޮށްފައި ނުވާ ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި ސްކޫލުގައި ހަރުކޮށްފައިވާ ދޮރުތަކާއި ފާހާނާގައި ބަހައްޓާފައި ހުރީވެސް ވަރަށް ފެންވަރު ދަށް ތަކެތީގެ ގޮތުގައި ވަނީ ސިފަކޮށްފަ އެވެ.

"ސްކޫލަކީ ކުދިން އުޅޭ ތަނެއް. ދެރަވަރު ތަކެތި އެތަނުގައި ބެހެއްޓީމަ ދެދުވަހުން އެތަކެތި ހަލާކުވާނެ. ސްކޫލް ނިންމާފައި ދިންއިރު، އެއް ގޭޓު އަދި ހަރު ނުކުރޭ. ސްލައިޑް ދޮރުތަކުން އެތެރެއަށް ފެން ނުވަންނަ ގޮތަށް ދޮރުގެ ކައިރި ފަށުގައި ހަރުކުރާ ޕެކިން ހަރުކޮށްފައެއް ނެތް. ވައިރުކޮށް ނިމުނީ އިއްޔެ. އެމީހުން އަޅުގަނޑުމެންގެ ކައިރިއަށް ސްކޫލްގެ ކަންކަން ނިމުނުކަން އަންގާ ސޮއިކުރާ ފޯމެއް ހިފައިގެން އައި. މިހިރަ ކަންކަން ނުނިމި ހުރީމަ ކައުންސިލުން ސޮއި ނުކުރޭ. މިހާރު ސީލިންގު އެ ވެއްޓުނީ،" ޝިޔާމް ވިދާޅުވި އެވެ.

ވެއްޓިފައިވަނީ އެ ސްކޫލުގެ ކޮމްޕިއުޓަރު ލެބުގެ ސީލިންގުން ބައެކެވެ.

އެކަމާގުޅިގެން އެސްޖޭ ކޮސްޓްރަކްޝަންގެ ފަރާތުން ސްކޫލްގެ ކަންކަމާ ހަވާލުވެގެން ހުންނަވާ މުހައްމަދު ރަޝީދު ވިދާޅުވީ، ތުހުމަތުތަކަކީ ސިޔާސީގޮތުން ޒާތީވެގެން ކައުންސިލުން ކޮށްފައިވާ ތުހުމަތުތަކެއް ކަމަށެވެ. ނަމަވެސް ސީލިންގުން ބައެއް ވެއްޓުނުކަމަށާއި އެތަން މަރާމާތުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ސްކޫލްގެ މަސައްކަތްކުރީ ރަނގަޅަށް. ސީލިންގް ވެއްޓުނީ އެތެރޭގައި އިން ނަރެއްގައި ދަބަރު ޖަހާފަ އިނީމަ. އެކަމަކު މިހާރު އެތަން އެބަ މަރާމާތުކުރޭ. އެއް އަހަރު ވަންދެން ސްކޫލަށް ލިބޭ ގެއްލުމަކަށް މީހެއްގެ އަތުން ލާރިއެއް ނުނަގާނެ. ކައުންސިލް ވަނީ ސިޔާސީ ގޮތުން ޒާތީވެފައި،" މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

ށ. މިލަނަދޫ ސްކޫލުގެ ކްލާސްރޫމެއްގެ ސީިލިން ވެއްޓި އެތަން މަރާމާތުކުރަމުންދާއިރު މިއަހަރުގެ ކިޔަވައިދިނުން މާދަމާ ފަށާނެ އެވެ.