ރާއްޖެ ކުޅިވަރު

ބަކާ އީގަލްސްއަށް ސޮއިކޮށްފި

Jan 14, 2018

ތަޖުރިބާކާރު މިޑްފިލްޑަރު މުހައްމަދު އާރިފް (ބަކާ) ކްލަބް އީގަލްސްއަށް ކުޅެން އެއްބަސްވެއްޖެ އެވެ.

އާސީޒަނަށް މުހައްމަދު ސިޔާޒް (މޯހަން) ގެ އިރުޝާދުގެ ދަށުން ނިކުންނަ އީގަލްސް ވަނީ އެޓީމުގެ ލަންކާ ކީޕަރު ސުޖަން ޕެރޭރާ އާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކޮށްފަ އެވެ. މީގެއިތުރުން ބިދޭސީ ދެކުޅުންތެރިން އީގަލްސް އާއި ގުޅޭނެ ކަމަށް ބެލެވެ އެވެ.

މިދިޔަ ސީޒަނުގެ މާލޭ ލީގުގައި ވިކްޓްރީ ސްޕޯޓްސް ކްލަބާ އެކު ދިވެހި ލީގަށް ކޮލިފައި ނުވުމުން ބަކާ ބަދަލުވީ މާޒިޔާ އަށެވެ. ނަމަވެސް ދިވެހި ލީގު ދެވަނަ ބުރުގެ ވަކި ހިސާބަކުން މާޒިޔާއިން ވަނީ ބަކާ ދޫކޮށްލާފަ އެވެ.

މާލޭ ލީގުގެ ގަދަ ހަތަރެއްގެ ޖާގައެއް ހޯދައި ދިވެހި ލީގަށް ކޮލިފައިވުމަށް ޓާގެޓް ކޮށްގެން ނިކުންނަ އީގަލްސް ޓީމު މެދުތެރޭގައި އެޓީމުގައި ފާއިތުވެދިޔަ އަހަރުތަކުގައި މޮޅު ކުޅުމެއް ދައްކައި ކެޕްޓަންގެ ދައުރު އަދާކުރި އިމްރާން ނަޝީދު (އިންމަ) ނެތްތަން ފޫބެއްދުމަށް އެންމެ މުހިންމު ދައުރެއް އަދާކުރަން ޖެހޭނީ ބަކާ އެވެ.

އިންމަ ނިއު ރޭޑިއަންޓަށް ބަދަލުވިއިރު ޑިފެންޑަރު މުޖްތާޒް މުހައްމަދު (މުޖޭ) ވަނީ އީގަލްސް ދޫކޮށް މާޒިޔާއަށް ބަދަލުވެފަ އެވެ.

ބަކާގެ އިތުރުން ތަޖުރިބާކާރު ޑިފެންޑަރު މުހައްމަދު ތަސްނީމް (މޯޑު) ވެސް ވަނީ އަލުން އީގަލްސް އާއި ގުޅިފަ އެވެ. އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ދުވަސްތަކެއް ވަންދެން ހުރުމަށްފަހު މޯޑު މިދިޔަ ސީޒަން ފަހުކޮޅު ފެނިގެންދިޔައީ ތިން ވަނަ ޑިވިޝަންގައި ބުރު ސްޕޯޓްސް ކްލަބަށެވެ.

ޓީމު ވަރުގަދަ ކުރުމަށް މިކުޅުންތެރިންގެ އިތުރުން އީގަލްސް އިން ވަނީ ޒުވާން ޓީމުގެ ބައެއް ކުޅުންތެރިންވެސް ފުރަތަމަ ޓީމަށް ސޮއިކޮށްފަ އެވެ. މިކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ހައިޝަމް ހަސަން، މުސަންނިފް މުހައްމަދު އަދި އަލީ ޝަމާލް އެވެ. ހައިޝަމް އަކީ 19 އަހަރުން ދަށުގެ ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިއެކެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ ޔޫތު ޗެމްޕިއަންޝިޕުގައި އީގަލްސްގެ ޑިފެންސް ލައިނުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ.

މުސަންނިފް ވަނީ މިދިޔަ އަހަރުގެ އެފްއޭ ކަޕްގައި އީގަލްސް ނިއު ރޭޑިއަންޓާ ވާދަކުރި މެޗުގައި ގޯލެއްވެސް ކާމިޔާބުކޮށްފަ އެވެ. އޭއީ މުސަންނިފް ސީނިއާ ލެވެލްގައި ކުޅުނު ފުރަތަމަ މެޗެވެ. ޝަމާލް އަކީ 2016 ވަނަ އަހަރުން ފެށިގެން އީގަލްސް ޓީމަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. އެނާ ވަނީ ޔޫތު ޗެމްޕިއަންޝިޕްގައި ޓީމުގެ ކެޕްޓަންގެ ދައުރުވެސް އަދާކޮށްފަ އެވެ.