ރާއްޖެ ކުޅިވަރު

ބީޖީ އަތުން ވިކްޓަރީ މޮޅުވެއްޖެ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ބީޖީ ސްޕޯޓްސް އަތުން 1-0 އިން ވިކްޓަރީ ސްޕޯޓްސް ކްލަބް މޮޅުވެއްޖެ އެވެ.

ވިކްޓަރީ އަށް މި ސީޒަންގެ ލީގުގައި ފުރަތަމަ ޕޮއިންޓްތައް ލިބުނީ މެޗުގެ ފުރަތަމަ ހާފުގައި މިޑްފީލްޑަރު މުހައްމަދު ތަސްމީން ޖެހި ލަނޑުންނެވެ. ބީީޖީގެ ޕެނަލްޓީ އޭރިޔާ ބޭރުން މެޗުގެ 25 ވަނަ މިނިޓުގައި ތަސްމީން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.

ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި މަހިބަދޫ އަތުން މޮޅުވި ބީޖީން ރަނގަޅު ހަމަލާތަކެއް އުފެއްދި ނަމަވެސް، ވިކްޓަރީ ކޮޅަށް ލަނޑެއް ޖެހޭ ގޮތެއް ނުވި އެވެ.

މެޗުގެ 58 ވަނަ މިނިޓުގައި ބީޖީގެ އަބްދުﷲ މުއާޒް (އޮޓޯ) ފޮނުވާލި ޝޮޓް ވިކްޓަރީގެ ގޯލްކީޕަރު ތޮލާލް ހަސަން ދިފާއުކުރިއިރު، އޭގެ ދެ މިނިޓު ފަހުން ބީޖީގެ އިބްރާހިމް ޝިޔާމް (ކުޑަތޮއްޑޫ) ފޮނުވާލި ޝޮޓް އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. މެޗުގެ 71 ވަނަ މިނިޓުގައި ޕެނަލްޓީ އޭރިޔާ ތެރެއިން ލިބުނު ހުސް ފުރުސަތެއްގައި ކުޑަތޮއްޑޫ ފޮނުވާލި ބޯޅަ ތޮލާލް ވަނީ ދިފާއުކޮށްފަ އެވެ.

މެޗުގެ 72 ވަނަ މިނިޓުގައި ވިކްޓަރީގެ ތަސްމީން ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ޝޮޓެއް، ގޯލުގެ ދަނޑި އަށް ވަނީ އަމާޒުވެފަ އެވެ.

މެޗަށް ފަހު ވިކްޓަރީގެ ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނީ މެޗުން ބޭނުންވި ނަތީޖާ ލިބުމުން ހިތްހަމަޖެހޭ ކަމަށެވެ.

"ވަރަށް މަސައްކަތް ރޭޓް ރަނގަޅު. ބޭނުންވާ ގޮތަށް ކުޅުނީމަ ނަތީޖާ މި ލިބުނީ. މެޗުގެ ކުރިން ވެސް ކުޅުންތެރިން ކައިރިން ވެސް ބުނިން ކުޅުމަށްވުރެ ބޮޑަށް މުހިންމީ ނަތީޖާކަން،" ނާދު ބުންޏެވެ.

މެޗަށް ފަހު ބީޖީގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނީ މެޗުން ބަލިވީ ލިބުނު ޗާންސްތަކުގެ ބޭނުން ނުކުރެވުމުން ކަމަށެވެ.

"ނަސީބު ދެރައަކީއޭ މުޅިއަކުން ނުބުނެވޭނެ. ލިބުނު ޗާންސްތައް ބޭނުންނުކުރެވިގެން ދިޔައީ. މިއަދު ދިމާވި ގޮތް މިއީ. ކުރިން ވެސް ހީކުރި ގޮތަށް ވިކްޓަރީން ވަރަށް ރަނގަޅަށް ޑިފެންސްކުރި،" ޝާޒް ބުންޏެވެ.

ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ނިއު ރޭޑިއަންޓާއި ޓީސީ ސްޕޯޓްސް ކްލަބެވެ.