ކުޅިވަރު

އެއްބާރުލުންދީފިނަމަ ވެލެންސިއާ ގަދަބާރަކަށް ހަދާނަން: ސޮބާ

ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރެވިއްޖެނަމަ، ކުލަބު ވެލެންސިއާ އަލުން ފުޓްބޯޅައިގެ ގަދަ ބާރަކަށް ހަދާނެ ކަމަށް، އެ ޓީމުގެ ކޯޗް ކަމާ ހަވާލުވި، ސޮބްހާ މުހައްމަދު އިބްރާހިމް (ސޮބާ) ބުނެފި އެވެ.

ސޮބާ، ބުނީ އެ މަސައްކަތުގައި އޭނާގެ ފުރަތަމަ ޓާގެޓަކީ، ވެލެންސިއާގައި ޓީމެއް ބިނާ ކުރުން ކަމަށެވެ. އަދި އެއަށްފަހު، މާލޭލީގްގެ ގަދަ ހައެއްގެ ތެރެއަށް ވަދެ ދިވެހި ޕްރިމިއާ ލީގްގެ ޖާގަ ހޯދުން ކަމަށެވެ. އޭނާ ބުނީ، މަސައްކަތަކީ ފަސޭހަ ޗެލެންޖެއް ނޫން ކަމަށެވެ.

"މެނޭޖްމެންޓުން އަޅުގަނޑަށް ފުރިހަމަ ސަޕޯޓް ދެއްވައިފި ކަމަށްވަންޏާ އިރާދަ ކުރެއްވިއްޔާ، ވެލެންސިއާ ބަލަންތިބި ސަޕޯޓަރުންނާ ވެލެންސިއާ އަށް ހެޔޮއެދޭ ރައްޔިތުން ވެލެންސިއާ ކުރީގެ މަގާމަށް ގެންގޮސްދޭނަން،" ސޮބާ ބުންޏެވެ. "ހަގީގަތުގައި އެއީ އަޅުގަނޑުގެ ޓާގެޓަކީ ފުރަތަމަ މި ޓީމު އެއްކޮށް ރީ ބިއުލްޑް [އަލުން ބިނާ] ކޮށްފަ، ރަނގަޅު ޕޮޒިޝަނަށް ޓީމު ގެންގޮސްދިނުން."

އޭނާ ބުނީ، މިދިޔަ ދެ އަހަރުވެސް، ވެލެންސިއާގައި އޮތީ ރަނގަޅު ޓީމެއް ކަމަށާއި ޓީމު އެއްކޮށް ހަލާކުވެގެން ނުދާ ކަމަށެވެ. ވެލެންސިއާގެ ހާލަތު އޮތްގޮތް އޭނާ އަށް އެނގޭ ކަމަށާއި އޭނާ ޕްލޭން ހަދާފައި ވަނީ ވެލެންސިއާގެ އޮތް ހާލަތަށް ރިއާޔަތް ކުރުމަށްފަހު ކަމަށް ސޮބާ ބުންޏެވެ.

"ހަމަ ވަރަށް ރަނގަޅަށް ޕްލޭންތަކެއް ހަދައިގެން ސީޒަންގައި ވަކި ޓާގެޓެއް ހާސިލު ކުރަން މި ނިކުންނަނީ، ހަމަ ބަޔަކު ގޮވައިގެން ނިކުންނާކަށް ނޫން،" ކުރިން ވެލެންސިއާ ކުޅުނު ސޮބާ ބުންޏެވެ. "އަޅުގަނޑުގެވެސް ޕާސަނަލް ޓާގެޓެއް އެބައޮތް އަދި މިހާބޮޑު ކުލަބެއް ވީމަ ގިނަ ބަޔަކު ދެކެން ބޭނުންވާނެ ވެލެންސިއާ ބެކް ޓް [އަލުން] އެމީހުންގެ މަގާމަށް އަންނަން، ވެލެންސިއާއަށް ހެޔޮ އެދޭ ހުރިހާ ބޭފުޅުންނަށް ދަންނަވާލަން ވެލެންސިއާގެ މުޅި ޓީމު ވަރަށް މަސައްކަތް ކުރާނަން ޓީމު އަނެއް ހާލަތަށް ގެންދިއުމަށް."

މިދިޔަ އަހަރު، ސޮބާ ހޭދަ ކުރީ، ކުލަބު ގްރީން ސްޓްރީޓްގައެވެ. ދެހާސް ސޯޅަ ވަނަ އަހަރު، އެކުލަބު ފުރަތަމަ ޑިވިޝަނަށް ގެންގޮސްދީ މިދިޔަ އަހަރު މާލޭ ލީގްގެ ދެ ވަނަ ހޯދައިދިނެވެ. ދިވެހި ޕްރިމިއާ ލީގްގައި އޭނާ އަށް އެ ޖާދޫ ނުދެއްކުނެވެ. އޭނާ ބުނީ، ގްރީންގައި ކަންކަން ރަނގަޅަށް ދިޔައިރު ކާމިޔާބު ހޯދުނު ކަމަށާއި ނަަމަވެސް ފަހުން އެއްވަރެއްގައި ނުދެވުނީ ފަހުކޮޅުގައި ކަންތަށް ދިޔަގޮތް ރަނގަޅު ނުވުމުން ކަމަށެވެ.

ވެލެންސިއާގެ ޖެނަރަލް ސެކެޓްރީ އަބްދުﷲ ޝިބާއު (ޝިބާ) ބުނީ، ޓާގެޓެއްގެ ގޮތުގައި ސޮބާ އަށް ދީފައިވާ ފުރަތަމަ ޓާގެޓަކީ ޓީމު ރީބިޔުލްޑް ކުރުން ކަމަށެވެ. އަދި ވެލެންސިއާ ވަރުގަދަ ކުލަބަކަށް ހަދާނީ ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާ ކުރަމުން ގޮސް ކަމަށް ޝިބާ ބުންޏެވެ.

"މިއީ ވެލެންސިއާ އަލުން ފެއްޓުމެއް ނޫން، މި ފެށުމަކީ ދެމިގެންދާ ފެށުމެއް، ކުރިންސުރެވެސް ހިނގަމުންދާ މަސައްކަތްތަކެއްގެ ފެށުމެއް މިއީ،" ޝިބާ ބުންޏެވެ. "އަޅުގަނޑުމެން މަސައްކަތް ކުރަން ބޭނުން ވަނީ (ކުރިން ކުރެވުނު) ތަޖުރިބާ ތަކެއްގެ އަލީގައި ލިބުނު ފިލާވަޅު ތަކެއްގެ އަލީގައި."

އޭނާ ބުނީ ވެލެންސިއާގެ މެނޭޖްމެންޓްގެ މޫނުތައް ބަދަލު ނުވާ ކަމަށާއި ނަަމަވެސް މެނޭޖްމެންޓް މަސައްކަތް ކުރާ ސްޓްރެޓަޖީ މިހާރު ތަފާތު ވާނެ ކަމަށެވެ.

ކުރިއަށް އޮތް ސީޒަނަށް ވެލެންސިއާ ވަނީ މިހާރުވެސް ބައެއް ކުޅުންތެރިން ލައްވައި ސޮއި ކޮށްފަ އެވެ. އެގޮތުން، މިދިޔަ ދެ އަހަރުވެސް އެ ޓީމުގެ ޑިފެންސަށް ކުޅުނު މުހައްމަދު ޝިފާން (ކުޑައްޓޭ) ވަނީ ކޮންޓްރެކްޓް އާ ކޮށްފަ އެވެ. ކުލަބު އީގަލްސްގެ ކުރީގެ ވައިސް ކެޕްޓަން އަންސަރު އިބްރާހިމް ވެސް ވަނީ ވެލެންސިއާ ސޮއި ކޮށްފަ އެވެ. އަދި މާޒިޔާ އާއި ގްރީން އަށް ކުޅުނު ހަސީބުވެސް ވަނީ ވެލެންސިއާ ގުޅިފަ އެވެ. ވެލެންސިއާގެ ކެޕްޓަންކަން 2012 ވަނަ އަހަރު ކުރި އަލީ އިމްރާން ވެސް ވަނީ އަލުން ކުލަބާ ގުޅިފަ އެވެ.

ވެލެންސިއާ އަކީ ރާއްޖޭގެ އުފެދުނު ފުޓްބޯޅައިގެ މަޝްހޫރު ބާރުތަކުގެ ތެރެއިން އެއް ބާރެވެ. އެންމެން ހައިރާން ކޮށްލުމަށްފަހު 2008 ވަނަ އަހަރުގެ ދިވެހި ލީގް ހޯދިފަހުން، ވޭތުވެދިޔަ ނުވަ އަހަރު އެ ޓީމު ފެނުނީ ވަނދު ކޮށެވެ. ނަމަވެސް ދެހާސް ސޯޅަ ވަނަ އަހަރު އެފްއޭ ކަޕް ކާމިޔާބު ކުރި އެވެ.

މި ދިޔަ އަހަރަކީ، ވެލެންސިއާގެ ނަތީޖާތައް އެންމެ ދަށް އަހަރެވެ. މޭލޭ ލީގްގެ ގަދަ ހަތަރަށް ނުވަދެވުމުން، ފުރަތަމަ ފަހަރަށް ދިވެހި ލީގުން އެ ޓީމަށް ޖާގަ ގެއްލުނެވެ. ވެލެންސިއާ އަކީ ދިވެހި ލީގް އެންމެ ފުރަތަމަ މިލުކު ކުރި ޓީމެވެ. އަދި އެ މުބާރާތުގައި ދެ ވަނަ އަށް އެންމެ ކާމިޔާބު ޓީމުވެސް މެއެވެ.