ދުނިޔެ

ޔޫއޭއީގެ ބަންދުގައި ހުންނެވި ކަމަށް ގަތަރުގެ ޝާހީ ބޭފުޅަކު ވިދާޅުވެއްޖެ

ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން ފުރިޔަ ނުދީ ހިފަހައްޓާފައި ހުންނެވި ކަމަށް ގަތަރުގެ ޝާހީ އާއިލާގެ ބޭފުޅަކު ތުހުމަތު ކުރައްވައިފި އެވެ.

ގަތަރު އަމީރުގެ ތިމާގެ ފުޅު ބޭފުޅެއް ކަމަށްވާ ޝައިޚު އަބުދުﷲ ބިން އަލީ އައް ސާނީ އާއްމު ކުރެއްވި ޔޫޓިއުބް ވީޑިއޯއެއްގައި ވިދާޅުވެފައި ވަނީ ޔޫއޭއީގެ ވަލީ އަހުދު އޭނާ ހިފަހައްޓަވައިގެން އުޅުއްވާ ކަމަށާއި އޭނާއަށް ކަމެއް ވެއްޖެ ނަމަ އެކަމުގެ ފުރިހަމަ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނީ ޔޫއޭއީގެ ވަލީ އަހުދު ކަމަށެވެ.

ޝައިޚު އަބުދުﷲ އާއްމު ކުރެއްވި ވީޑިއޯއިން ފެންނަނީ އޭނާ ގޮނޑިއެއްގައި އިންނަވައިގެން ސީދާ ކެމެރާއަށް ދިމާލަށް ބައްލަވައި ވާހަކަފުޅު ދައްކަވާ މަންޒަރެވެ.

"އަހަރެން މިހާރު މިހިރީ ޔޫއޭއީގައި ޝައިޚު މުޙައްމަދުގެ މެހުމާންދާރީގައި. އެކަމަކު މިއީ މެހުމާންދާރީ އަދާކުރުމުގެ ހާލަތެއް ނޫން؛ މިއީ ހިފެހެއްޓުމުގެ ހާލަތެއް. އެމީހުން އަންގާފައި އޮތީ އަހަރެން ނުދާން،" ވީޑިއޯގައި އަބުދުﷲ ވިދާޅުވެފައި ވެއެވެ.

ޝައިޚު އަބުދުﷲ ގެ ވީޑިއޯއާ ގުޅިގެން އަބޫދާބީގެ އެޑިއުކޭޝަން ޑިޕާޓްމަންޓާއި ކައުންޓަ ޓެރަރިޒަމް ސެންޓަރުގެ ވެރިޔާ އަލީ ރާޝިދު އައް ނުއައިމީ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވެފައި ވަނީ ޝައިޚު އަބުދުﷲ އެދިވަޑައިގަންނަވާ ކޮންމެ ވަގުތެއްގައި ވަޑައިގަތުމުގެ މިނިވަންކަން އޭނާއަށް އެބަ އޮތް ކަމަށެވެ.

ޝައިޚު އަބުދުﷲ އަކީ ގަތަރުގެ ޝާހީ އާއިލާގެ ބޭފުޅުންގެ ތެރެއިން ސައުދީ އަރަބިއްޔާއިން ރުހޭ ބޭފުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ސައުދީން ގަތަރާ ގުޅުން ކަނޑާލައި ދެގައުމު ގުޅޭ ސަަރަހައްދީ ރޮނގު ބަންދުކޮށްގެން އުޅެނިކޮށް މިދިޔަ އަހަރުގެ ހައްޖު މޫސުމުގައި އެ ސަރަހައްދު ހުޅުވައިލީ ޝައިޚު އަބުދުﷲ ސައުދީ ސަރުކާރާ ކުރެއްވި މަޝްވަރާތަކަކަށް ފަހުގައެވެ.

ޝައިޚު އަބުދުﷲ އަކީ ގަތަރުގެ ބާނީގެ ދަރިކަލެކެވެ. ނަމަވެސް ޝާހީ އާއިލާގެ ބޭފުޅުންގެ ތެރެއިން އޭނާ ނިސްބަތްވެވަޑައިގަންނަވާ ގޮފީގެ ބޭފުޅުން މިވީހާ ތަނަށް ތިއްބެވީ ގަތަރުގެ ހިންގުމުގެ ދާއިރާ ދުރުކޮށްލާފައެވެ.