ރާއްޖެ ކުޅިވަރު

އީސަ މާޒިޔާގައި މަޑުކޮށްފި

Jan 15, 2018

ހުނަރުވެރި އެޓޭކިން މިޑްފިލްޑަރު އިސްމާއިލް އީސަ (މެސީ) 2019 ވަނަ އަހަރުގެ ނިޔަލަށް މާޒިޔާގައި މަޑު ކުރާނެކަން އެ ކްލަބުން ހާމަކޮށްފި އެވެ.

މިދިޔަ ސީޒަނުގައި ވިކްޓްރީ ދިވެހި ލީގަށް ކޮލިފައި ނުވުމުން މަޒިޔާއަށް އީސަ ބަދަލުވެފައި ވަނީ ސީޒަންގެ ނިޔަލަށް ކަމަށް ކުރިން އޮތީ ބެލެވިފަ އެވެ. ނަމަވެސް މަޒިޔާއިން ހާމަކޮށްފައިވާ ގޮތުގައި އީސަ ވަނީ 2019 ވަނަ އަހަރުގެ ނިޔަލަށް ސޮއިކޮށްފަ އެވެ.

އީސަ އަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ހުނަރުވެރި އެޓޭކިން މީޑްފިލްޑަރުގެ ގޮތުގައި ސިފަ ކުރަމުން މަޒިޔާއިން ބުނެފައިވަނީ އީސަ ވަނީ އޭނަގެ ފެންވަރު ފާއިތުވެދިޔަ އަހަރުތަކުގައި ވަރަށް ފުރިހަމައަށް ސާބިތުކޮށްދީފައި ކަމަށެވެ. ކުރިއަށް އޮތް ސީޒަނަށް އީސަ ވެގެންދާނީ މަޒިޔާ ޓީމުގެ ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށްވެސް މާޒިޔާއިން ވަނީ ބުނެފަ އެވެ.

ރާއްޖޭގެ ވަރުގަދަ ގިނަ ކްލަބްތަކަކަށް ކުޅެފައިވާ އީސަ ވަނީ މީގެ ކުރިން ވީބީ، އީގަލްސް އަދި ނިއު ރޭޑިއަންޓަށް ވެސް ކުޅެފައެވެ. އީސަ ވަނީ މީގެ ކުރިން ވެސް މާޒިޔާއަށް ކުޅެފަ އެވެ. ކެރިއަރު ވިކްޓްރީގައި ފެށި އީސަ އަކީ އޭނާގެ ކުޅުމާއެކު ކޮންމެ ޑިފެންސް ލައިނެއް ވެސް ހުޅުވާލެވޭ ފެންވަރުގެ މޮޅެތެތި ޕާސްތަކާއި ތްރޫ ބޯޅަތަކެއް ކުޅެލާ ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ.

ތަގުރިބާކާރު މިޑްފިލްޑަރު މުހައްމަދު އުމައިރު މާޒިޔާ ދޫކޮށް ނިއު ރޭޑިއަންޓަށް ބަދަލުވެފައިވާއިރު މާޒިޔާއާށް ފާއިތުވެދިޔަ އަހަރުތަކުގައި މޮޅު ކުޅުމެއް ދައްކާފައިވާ އަސްހަދު އަލީ (އަޑުބަރޭ) މަޒިޔާ އާއެކު އާކޮންޓްރެކްޓެއްގައި ސޮއިކޮށްފައި ނުވެއެވެ. ބެލެވޭގޮތުގައި އަޑުބަރޭ މަޒިޔާއިން މިސީޒަނުގައި ފެނުމުގެ ފުރުސަތު ކުޑަ އެވެ.

މާޒިޔާއިން ވަނީ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ގިނަ ކުޅުންތެރިންކަތެއްގެ ކޮންޓްރެކްޓު އާކޮށްފަ އެވެ. މިކުޅުންރެރިންގެ ތެރޭގައި މުހައްމަދު އިރުފާން، މޫސާ ޔާމީން، ސަމޫހް އަލީ އަދި ޔަސްފާދް ހަބީބް ވަނީ މާޒިޔާ އާއެކު ހަދާފައިވާ ކޮންޓްރެކްޓު އާކޮށްފަ އެވެ.

މިކުޅުންތެރިންގެ އިތުރުން ހުނަރުވެރި ފޯވާޑް ހަސަން ނާއިޒް، މިދިޔަ ސީޒަނުގައި ގްރީން ސްޓްރީޓްސް ޓީމު ފެނުނު އަހުމަދު ހަސަން އަދި އަހުމަދު ނިޒާމް އާއި އީގަލްސްއަށް ކުޅުނު މުޖްތާޒް މުހައްމަދު ވަނީ މަޒިޔާ އާއި ގުޅިފަ އެވެ.