ހަބަރު

ބޭރުގެ ހަތަރު ޔުނިވަސިޓީއަކުން ރާއްޖެއަަށް އިތުރު ސްކޮލަޝިޕްތަކެއް

ރާއްޖޭގެ ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތުތައް އިތުރު ކުރުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީން ބޭރުގެ ހަތަރު ޔުނިވަސިޓީއަކާއެކު އެެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ. އެގޮތުން އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާ ބޭރުގެ ހަތަރު ޔުނިވަސިޓީ އަކީ، އިންޑިއާގެ ލަވްލީ ޕްރޮފެޝަނަލް ޔުނިވާސިޓީއާ ސްރީލަންކާގެ އީސޮފްޓް މެޓްރޯ ކެމްޕަސް ޔުނިވާސިޓީއާ މެލޭޝިއާގެ ދެ ޔުނިވާސިޓި އެއް ކަމަށްވާ މެނޭޖްމެންޓް އެންޑް ސައިންސް ޔުނިވާސިޓީ އަދި ޔޫސީއެސްއައި ޔުނިވާސިޓީ އެވެ.

ރަސްމިއްޔާތަށްފަހު މިނިސްޓަރު ވިދާޅުވީ، މިއަދު ވެވުނު އެއްބަސްވުމަކީ މަތީ ތައުލީމު ހުރިހާ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ވެވުނު އެއްބަސްވުއް ކަމަށެވެ. އަދި ވިދާޅުވީ، މި ފުރުސަތުތައް ހޯދައިދިނުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ ކިޔަވާ ނިންމާ ދަރިވަރުންނާއި ޒުވާނުންނަށް މަތީ ތައުލީމުގެ ފުރުސަތުތައް ޔަގީންކޮށް ދިނުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މި އެއްބަސްވުމުގެ ބޭނުމަކީ ރާއްޖޭގެ ދަރިވަރުން މިހާރުވެސް މަތީ ތައުލީމު ހާސިލްކުރަންދާ ޔުނިވާސިޓީތަކުން އިތުރު ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ.

މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން 230 ސްކޮލާޝިޕް ލިބޭނެ އެވެ. އަދި ޕާޝަލް ސްކޮލާޝިޕްސްގެ 1095 ސްކޮލާޝިޕްސް ލިބިގެންދާނެ އެވެ. ޕާޝަލް ސްކޮލާޝިޕްސްގެ ދަށުން ޓިއުޝަންް ފީގެ އެއްބައި ހިލޭ ލިބޭނެ އެވެ.

ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި މަތީތައުލީމުގެ 5200 ފުރުސަތުތައް ފަހިކޮށް ދީފައި ވެއެވެ. އަދި މިދިޔަ އަހަރު ވަނީ 2050 ސްކޮލާޝިޕަށް ކުރިމަތި ލުމުގެ ފުރުސަތުވެސް ހުޅުވާލާފަ އެވެ.