ފާރިސް މައުމޫން

ޕީޕީއެމް ތަމްސީލްކުރަން ފާރިސް ވިދާޅުވި އެއްޗެއް ހެކިންގެ ހަނދާނަކު ނެތް

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންއާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ޝަހުސު އޮޅުވާލުމުގެ ދައުވާ ސާބިތު ކުރުމަށް ޕްރޮސިކިއުޓާ ޖަނަރަލް (ޕީޖީ) އިން ހުށަހެޅި، ސިއްރު ދެ ހެކިންނާ ފާރިސްގެ ފަރާތުން ކުރިމަތިކުރި ގިނަ ސުވާލުތަކަށް "މިހާރު ހަނދާނެއް ނެތް" ކަމަށް ބުނެ ޖަވާބުދީފި އެވެ.

މި މައްސަލާގައި މިއަދު ސިއްރު ހެކިވެރިންގެ ހެކި ބަސް ނަގާފައިވަނީ ސިއްރުން ހެކި ބަސް ނުނެގޭނެ ކަމަށް ބުނެ ފާރިސްގެ ފަރާތުން އިޖުރާއީ ނުކުތާއެއް ފާހަގަ ކޮށްފައި ވަނިކޮށެވެ. ނަމަވެސް މިއަދު މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އަލީ ނިންމެވީ، ހެކި ބަސް ނެގުން ކުރިއަށް ގެންދިޔުމަށެވެ. ގާޒީ އެ ނިންމުން އިސްތިއުނާފު ކުރައްވާނެ ކަމަށް ފާރިސްގެ ވަކީލް މައުމޫން ހަމީދު ވިދާޅުވި އެވެ.

މިއަދު ފުރަތަމަ ސިއްރު ހެކި ބަސް ނަގާފައިވަނީ ފާރިސް ބައިވެރިވެވަޑައިގެންނެވި ޕާޓީތަކުގެ ޕްރެސްއަށް ދިޔަ އާންމު ރައްޔިތެއްގެ އެވެ. ޕީޖީގެ ވަކީލް ކުރެއްވި ސުވާލުތަކަކަށް ޖަވާބު ދެއްވަމުން އެ ހެކިވެރިޔާ ބުނީ، ފާރިސްއަކީ "ޕީޕީއެމް މީހެއް" ކަމަށް ޕްރެސްގައި އޭނާ ވިދާޅުވި ކަމަށެވެ. އަދި ފާރިސް އިށީނދެވަޑައިގެން އިންނެވީ ޕީޕީއެމްގެ ދިދަ ފަހަތުގައި ބަހައްޓައިގެން ކަމަށެވެ.

އެއާއެކު މައުމޫން ހަމީދު އެ ހެކިވެރިޔާއަށް ފާރިސް އެ ޕްރެސްގައި ދެއްކެވި ވާހަކަތަކުގެ ތަފްސީލް ހޯދުމަށް ސުވާލެއް އަމާޒު ކުރެއްވި އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ހެކިވެރިޔާ ބުނީ، "ޕީޕީއެމް މީހެއް ކަމަށް ވިދާޅުވެ ފާރިސް ވާހަކަ ދެއްކެވި، އަނެއް ބައި ހަނދާނެއް ނެތް" ކަމަށެވެ. އަދި، ފާރިސްއަކީ ޕީޕީއެމްގެ ބޭފުޅެއް ކަމަށް ވިދާޅުވި ސީދާ އިބާރާތް ވެސް އޭނާ މިހާރު ހަނދާން ނެތް ކަމަށް ބުންޏެވެ.

އެ ދުވަހު ފާރިސް ޕްރެސް ދެއްވީ މަޖިލިސް މެންބަރެއްގެ ހައިސިއްޔަތުންތޯ ގަބޫލު ކުރައްވަންތޯ ސުވާލު ކުރެއްވުމުން ވެސް ހެކިވެރިޔާ ބުނީ "އާދެ" ކަމަށެވެ. އޭނާ ބުނީ، ފާރިސްއަކީ މަޖިލިސް މެންބަރެއް ކަން އެނގޭ ކަމަށާއި އަދި ޕްރެސް ދެއްވީ މަޖިލިސް މެންބަރުންތަކެއް ތަމްސީލް ކުރައްވަން ކަމަށް ވެސް ގަބޫލު ކުރެވޭ ކަމަށެވެ. އެގޮތަށް ގަބޫލު ކުރެވެނީ ފާރިސް ކީކޭ ވިދާޅުވުމުންތޯ ސުވާލު ކުރުމުން ބުނީ، "ތި ސުވާލަށް ޖަވާބު ދޭން އުނދަގޫ" ކަމަށެވެ.

މީޑިއާތަކަށް ދައުވަތު ދީގެން މޫކައި ހޮޓެލްގައި ކުރިއަށް ދިޔަ އެ ޕްރެސްއަށް އޭނާ ދިޔައީ އާންމު މެންބަރެއްގެ ހައިސިއްޔަތުން ކަމަށް އޭނާ ބުންޏެވެ. އާންމު މެންބަރަކަށް ޕްރެސްއަށް ދައުވަތު ލިބުނީ ކިހިނެއްތޯ ނުވަތަ އެ ޕްރެސް އޮތްކަން އެނގުނީ ކިހިނެއްތޯ ސުވާލު ކުރުމުން ހެކިވެރިޔާ ބުނީ، "ދައުވަތު ލިބުނު ގޮތް ބުނަން ދަތި، ދައުވަތު ލިބުނު ގޮތް ހަނދާނެއް ނެތް،" ކަމަށެވެ.

ދެވަނަ ސިއްރު ހެކިވެރިޔާ ޕްރެސްއަށް ދިޔަ ހައިސިއްޔަތެއް ސާފެއް ނުވެ އެވެ. އެ ސުވާލު ކުރުމުން ޕީޖީއިން ވަނީ އެ ސުވާލު ކުރުމަށް އިއުތިރާޒު ކުރައްވާފަ އެވެ. އެ ހެކިވެރިޔާ ޕީޖީ ވަކީލްގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ބުނީ، ފާރިސް އިންނެވީ ޕީޕީއެމް ދިދައިގެ ކައިރީގަ ކަމަށާއި ނަމަވެސް ޕީޕީއެމް ތަމްސީލް ކުރައްވަން ފާރިސް އެ ޕްރެސްގައި ވިދާޅުވި އެއްޗެއް މިހާރު ހަނދާން ނެތް ކަމަށެވެ.

އެ ޕްރެސްގައި ތިއްބެވި ބޭފުޅުންނާ ގުޅޭ ގޮތުން ސުވާލު ކުރުމުން އޭނާ ބުނީ، "ހަތަރު ބޭފުޅުން ތިއްބެވި ކަމަށާއި އެހާ ބޮޑަށް ކޮން ބޭފުޅުންނެއް ކަމެއް ހަނދާނެއް ނެތް" ކަމަށެވެ. ދެއްކެވި ވާހަކަތައް ވެސް ހަނދާނެއް ނެތް ކަމަށެވެ. ޕީޕީއެމްއަށް ނިސްބަތްވާ ބޭފުޅެއް ކަމަށް ވިދާޅުވެ ފާރިސް ވާހަކައެއް ވިދާޅުވި ކަމެއް "އެނގިފައެއް ނެތް" ކަމަށް އޭނާ ބުންޏެވެ.

ޕީޕީއެމްގެ ލޯގޯ އާއި ދިދައާ ގުޅޭ ގޮތުން ވެސް ސުވާލުކުރި އެވެ. އޭނާ ބުނީ، ޕީޕީއެމްގެ ދިދާގައި ހަނދު ފަޅިއަކާއި ރުކެއް ހުންނަ ކަމަށެވެ. ލޯގޯ ހުންނަ ގޮތް އެހާ ބޮޑަށް ކިޔައިދޭން ނޭނގުނު ނަމަވެސް ފެނުނީމަ އެނގޭނެ ކަމަށެވެ.

ހެކިވެރިން ސިއްރު ކުރަން އެދިފައިވަނީ އެމީހުންނަށް އިގްތިސޯދީ ގޮތުން ބޮޑު ގެއްލުމެއް ލިބި، ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު އޮތުމުން ކަމަށް ޕީޖީއިން ވަނީ ބުނެފަ އެވެ. އެހެންވެ، ދެ ހެކިވެރިންނާ ވެސް އެ ސުވާލު އަމާޒު ކުރި އެވެ. އަދި އެމީހުންނަކީ ފާރިސްގެ ވަޒީފާއެއްގެ އުޅޭ ބައެއްތޯ ސުވާލުކުރި އެވެ. އެކަމަށް ޖަވާބު ދެމުން ދެ ހެކިވެރިން ވެސް ބުނީ، އެމީހުންނަކީ ފާރިސްގެ ވަޒީފާއެއްގަ އުޅޭ މީހެއް ނޫން ކަމަށެވެ.

އެކަމާ ގުޅިގެން ޕީޖީގެ ވަކީލް ވިދާޅުވީ، ފާރިސްގެ ފަރާތުން އިގްތިސޯދީ ގެއްލުމެއްވާނެ ވާހަކަ ބުނެފައިނުވާ ކަމަށެވެ. އެއާ ގުޅިގެން އަނެއްކާވެސް ހެކިވެރިންނާ މައުމޫން ހަމީދު ސުވާލު ކުރެއްވި އެވެ. ފުރަތަމަ ހެކިވެރިޔާ އެ ސުވާލުތަކަށް ސީދާ ޖަވާބެއް ދެއްވާފައެއް ނުވެ އެވެ. އޭނާ ބުނީ، ހެކި ބަސް ސިއްރު ނަގައިދޭން އޭނާ އެދުނީ އިގްތިސޯދީ ގެއްލުމެއް ވެދާނެތީ ކަމަށެވެ. ނަމަވެސް ދެވަނަ ހެކިވެރިޔާ ބުނީ، "އޭނާއަށް އެއްވެސް ކަހަލަ އިގްތިސޯދީ ގެއްލުމެއްވާނެ ކަމަށް ގަބޫލު ނުކުރެވޭ" ކަމަށެވެ.

ހެކިވެރިން ދެއްކި ވާހަކަތަކާ ގުޅިގެން އަޑު އެހުމަށް ވަދެވަޑައިގެން އިންނެވި، ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސެއިން އަރީފް ވަނީ "ހާސްވާ" ކަމަށް ވިދާޅުވެ ޝަރީއަތުގެ މަޖިލީހުން ނުކުމެވަޑައިގެންނެވުމަށް އެދިވަޑައިގެންފަ އެވެ. އެއާއެކު އެ މަޖިލީހުން އޭނާ ނެރުނެވެ. މެންބަރު ނުކުމެގެން ވަޑައިގެންނެވީ، ޝަރީއަތް ކުރިއަށްދާ ގޮތާމެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ. އޭރު ފާރިސްގެ ދައްތާފުޅު ޔުމްނާ މައުމޫން ވެސް އަޑުއެހުމުގައި އިންނެވި އެވެ.

މި މައްސަލާގެ ދެން އޮންނާނީ ތިން އަޑުއެހުމެކެވެ. އެގޮތުން ދެން އޮންނަ އަޑުއެހުމަކީ، ދިފާއުގައި ހުށަހަޅާފައިވާ 47 ހެކީންގެ ތެރެއިން ހާޒިރު ކުރާނެ ހެކިންނާ ގުޅޭ ގޮތުން ވާހަކަ ދެއްކުމެވެ. ޕީޖީއިން ވަނީ ދިފާއީ ގިނަ ހެކިން ހާޒިރުކުރުމަށް އިއުތިރާޒުކޮށްފަ އެވެ. ގާޒީ ވެސް ވިދާޅުވީ، ހާޒިރުުކުރާނީ މަދު އަދަދެއްގެ ހެކިން ކަމަށެވެ. އެއަށް ވާހަކަ ދައްކައި ބަހުސް ކުރަން ބޭނުންވާ ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ. އެ އަޑުއެހުމަށްފަހު އޮންނާނީ ދިފާއީ ހެކިންގެ ހެކިބަސް ނެގުމަށް ބާއްވާ އަޑުއެހުމެވެ. އެއަށްފަހު ހުލާސާކޮށް ވާހަކަ ދެއްކުމުގެ އަޑުއެހުމެވެ. ދެން އޮންނާނީ މައްސަލާގެ ހުކުމެވެ.