ދުނިޔެ

މިދިޔަ ތިން އަހަރު ނޫފުލޭ ވަރަށް ތެލުގެ އަގު އުފުލިއްޖެ

ސިންގަޕޫރް، ރޮއިޓާސް -- ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި ނޫފުލޭ ވަރަށް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފިލިއްޖެ އެވެ.

ތެލުގެ އަގު އެހާ ބޮޑަށް އުފުލުނީ އޯގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯޓިން ކަންޓްރީސް (އޯޕެކް) ގެ ގައުމުތަކާއި ރަޝިޔާއިން ތެޔޮ އުފައްދާ މިންވަރު މަދުކުރުމާއި ދުނިޔޭގެ އިގުތިސާދު ރަނގަޅުވަމުން އަންނާތީ ތެލަށް އޮތް ޑިމާންޑް ބޮޑުވުމުންނެވެ.

ދުނިޔޭގެ ތެލުގެ އަގު ބެލުމުގައި ބެންޗްމާކެއްގެ ގޮތުގައި ބަލާ ބްރެންޓް ކްރޫޑް ހޯމަ ދުވަހު ހުރީ 70.01 ޑޮލަރަށް ފީފާއެއްގެ ރޭޓުގައެވެ. މިއީ 2014 ވަނަ އަހަރުން ފެށިގެން އެ ބާވަތުގެ އަގު އެންމެ ބޮޑުވި މިންވަރެވެ. ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް ފީފާއެއް ހުރީ 64.509 ޑޮލަރަށެވެ. އެއީ އޭގެ ކުރީ ދުވަހަށް ވުރެ 20 ސެންޓް ( 0.3 ޕަސެންޓް) ބޮޑު އަދަދެކެވެ. އެބާވަތް 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފީފާއެއް 64.89 ޑޮލަރަށެވެ.

ބޭންކް އޮފް އެމެރިކާ މެރިލް ލިންޗް އިން ބުނީ ތެލުގެ އަގު ރަނގަޅުވީ މިއަހަރުގެ ފިިނިމޫސުމުގެ ފިނި ގަދަ ކަމާއި ތެލުގެ ސަޕްލައި ދަށްކުރަންް އޯޕެކުން ކުރި މަސައްކަތް ކުރިން ލަފާކުރި ވަރަށް ވުރެ އިތުރުކުރުމުން ކަމަށެވެ.

"ދުވާލަކަށް 430000 ފީފާގެ ޑެފިސިޓެއް މިހިނގާ 2018 ވަނަ އަހަރު ފެނޭ. ކުރިން ޑެފިސިޓް ވަނީ ދުވާލަކަށް 100000 ފީފާ، އެހެންވީމާ 2018 ވަނަ އަހަރު ބްރެންޓް ކްރޫޑް އެވްރެޖްކޮށް ހުންނާނެ ކަމަށް ބެލެވެނީ ފީފާއެއް 64 ޑޮލަރަށް. ކުރީ އަހަރު ހުރީ 56 އެވްރެޖްކޮށް 56 ޑޮލަރަށް،" އެބޭންކުން ބުންޏެވެ.

ތެލުގެ އަގު އަރުވަން އޯޕެކްގެ ގައުމުތަކާއި ރަޝިޔާއިން ތެޔޮ އުފައްދާ މިންވަރު މަދުކުރަން ފެށީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ. މިހިނގާ 2018 އަހަރު ނިމެންދެން ތެޔޮ އުފައްްދާ މިންވަރު އެވަރުގައި ހިފަހައްޓަން އެގައުމުތަކުންް ވަނީ ނިންމާފައެވެ.