ދުނިޔެ

ޔޫއޭއީގެ މަތިންދާބޯޓަކަށް ގަތަރުން ހުރަސްއެޅި ކަމަށް ބުނެފި

ޔުނައިޓެޑް އަރަބް އެމިރޭޓްސް ( ޔޫއޭއީ)ގެ މަތިންދާބޯޓުތަކަކަށް ގަތަރުގެ ވައިގެ ސިފައިންގެ މަތިންދާބޯޓަކުން ހުރަސް އެޅި ކަމަށް ބުނުމުން ދެގައުމުގެ ދެމެދުގައި އާ އަރައިރުމެއް ފެށިއްޖެއެވެ.

ޔޫއޭއީއަކީ ސައުދީން ބާރު އެޅުމުން ގަތަރާ ގުޅުން ކަނޑައިލާފައިވާ ގައުމެކެވެ. ސައުދީން ބާރު އަޅައިގެން ބަހުރައިނާއި މިސްރުން ވެސް ވަނީ ގަތަރާ ގުޅުން ކަނޑާލާފައެވެ.

ޔޫއޭއީގެ ޖެނެރަލް ސިވިލް އޭވިއޭޝަން އޮތޯރިޓީން އިއްޔެ ބުނީ ގަތަރުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ހުރަސްއެޅީ ޔޫއޭއީގެ މަދަނީ ދެ މަތިންދާބޯޓަކަށް ކަމަށެވެ. އަދި ބުނީ އެ ދެ ބޯޓަކީ 277 ޕަސެންޖަރުންނާ އެކު ބަހުރައިނަށް ދަތުރުކުރަމުން ދިޔަ ދެބޯޓް ކަަަމަށެެވެ. ނަމަވެސް އެހާދިސާ ހިނގި ދުވަހެއް ބުނެފައެއް ނުވެއެވެ. ނަމަވެސް ބުނެފަައި ވަނީ ހާދިސާ ހިނގީ އިއްޔެ ކަމަށް ދޭހަވާ ގޮތަކަށެވެ. އެގޮތުން ހާމަކޮށްފައި ވަނީ އެ ދެހާދިސާ ހިނގި ކަމަށް ބުނާ ގަޑިއެވެ. ބުނެފައި ވަނީ ފުރަތަމަ ހާދިސާ ހިނގީ ހެނދުނު 10:30 ގައި ކަަމާއި ދެވަނަ ހާދިސާ ހިނގީ 11.05 ގައި ކަމަށެވެ.

ޔޫއޭއީގެ ކުރި ތުހުމަތު ގަތަރުންް ވަނީ ދޮގުކޮށްފައެވެ. އަދި ގަތަރުން ވެސް ވަނީ ޔޫއޭއީއަށް ތުހުމަތެއް ކޮޮށްފައެވެ. ގަތަރުން ބުނީ ޔޫއޭއީ އިން ހަގީގަތެއް ނެތް އެވާހަކަ ދައްކަނީ އެގައުމުގެ އަސްކަރީ މަތިންްދާބޯޓެއް ގަވާއިދާ ހިލާފަށް ގަތަރުގެ ވައިގެ ސަރަހައްދަށް ވަނތް މައްސަލަ ހިންދާލަން ވެގެން ކަމަށެވެ. ޔޫއޭއީގެ ވައިގެ ސިފައިންގެ މަތިންދާބޯޓެއް މިދިޔަ ޑިސެމްބަރުމަހުގެ 21 ވަނަ ދުވަހު ގަތަރުގެ ވައިގެ ސަރަހައްދަށް ވަދެފައިވާ ކަމަށް އެގައުމުން ކުރިން ވަނީ ބުނެފައެވެ. އަދި އެ މައްސަލަ އދ. އަށް ހުށަހަޅާފައިވާ ކަމަށް ވެސް އެ ގައުމުން ބުންޏެވެ.

ޓެރަރިޒަމަށް ވާގިދޭ ކަމަށް ބުނެ އަރަބި ގައުމުތަކުން ގަތަރާ ގުޅުން ކަނޑައިލީ މިދިޔަ ޖޫން މަހުގެ ހަތަރުވަނަ ދުވަހު އެވެ. އެއަށް ފަހު އެގައުމުތަކުން އެދޭ 13 ކަމެއް ކުރަން ގަތަރަށް ޑިމާންޑް ކުރި އެވެ. އީރާނާ ސިޔާސީ ގުޅުން ކަނޑައިލުމާއި ގަތަރުގައިވާ ތުރުކީގެ އަސްކަރީ މަރުކަޒުތައް ބަންދުކުރުމާއި އަލް ޖަޒީރާ ބަންދުކުރުން އޭގެ ތެރޭގައި ހިމެެނެ އެވެ. އެއިން އެއްވެސް ކަމެއް ނުކުރާނެ ކަމަށް ގަތަރުން ބުނެފައި ވަނިކޮށް ގުޅުން ކަނޑައިލި ގައުމުތަކުން މިހާރު ވަނީ ޑިމާންޑްތައް ދޫކޮށްލާފަ އެވެ.