ދުނިޔެ

ލުބުނާނުގެ ފޯސީޒަންްސް ހޮޓަލުގައި އޮތް ވަލީދުގެ ހިއްސާ ވިއްކާލައިފި

ލުބުނާނުގެ ވެރިރަށް ބައިރޫތުގައިވާ ފޯ ސީޒަންސް ހޮޓެލްގައި ސައުދީ ބިލިޔަނަރު އަދި އަމީރު ވަލީދު ބިން ތަލާލްގެ ކިންގްޑަމް ހޯލްޑިންސް ކުންފުނީގެ ހިއްސާ ވިއްކާލައިފިއެވެ.

ނަންހާމަ ނުކުރާ މަސްދަރުތަކަކާ ހަވާލާދީ ރޮއީޓާސް އިން އިއްޔެ ބުނީ ބައިރޫތުގެ ފޯސީޒަންސް ހޮޓަލުގައިވާ ކިންގްޑަމް ހޯލްޑިންގްސްގެ ހިއްސާ ވިއްކައިލީ 100 މިލިޔަން ޑޮލަރާއި 115 މިލިޔަން ޑޮލަރާ ދެމެދުގެ އަގަކަށް ކަމަށެވެ. އަދި ބުނީ ހިއްސާ ގަތީ ލުބުނާނަށް އުފަން ސައުދީ ވިޔަފާރިވެރިއެއް ކަމަށާއި އެ ވިޔަފާރި ނިންމީ މިދިޔަ ޑިސެމްބަރު މަހު ކަމަށެވެ.

ރޮއިޓާސް ބުނީ ކިންގްޑަމް ހޯލްޑިންގްސްގެ ހިއްސާ ވިއްކައިލިޔަސް ހޮޓާ ހިންގާނީ ފޯސީޒަންސް ކުންފުނިން ކަމަށެވެ. އެހޮޓަލުގެ ހިއްސާ ދޫކޮށްލުމާއި ކިންގްޑަމް ހޯލްޑިންގްސްގެ ޗެއާމަން އަމީރު ވަލީދު ބިން ތަލާލް ހައްޔަރު ކުރުމާ ގުޅުމެއް ނެތް ކަމަށް ވެސް މަސްދަރުތަކާ ހަވާލާދީ އެ އެޖެންސީން ބުންޏެވެ. އަދި ބުނީ ހިއްސާ ދޫކޮށްލަން ނިންމާފައި ވަނީ ވަލީދު ހައްޔަރުކުރުމުގެ މާކުރިން ކަމަށެވެ.

ވަލީދުގެ ކިންގްޑަމް ހޯލްޑިންގްސް ކުންފުނިން އަންނަނީ މެދު އިރުމައްޗާއި އެފްރިކާގައިވާ ބައެއް މުދާތައް ވިއްކަމުންނެވެ. ރޮއިޓާސްއަށް މައުލޫމާތު ދިން މަސްދަރުތަކުން ބުނެފައި ވަނީ އެއީ އެކުންފުނީގެ ވިޔަފާރީގެ ސްޓްރެޓެޖީއާ އެއްގޮތަށް ކުރާ ކަމެއް ކަމަށާއި ސައުދީ އަރަބިއްޔާގައި ހިނގަމުންދާ ކަންތައްތަކާ އެކަމާ ގުޅުމެއް ނެތް ކަމަށެވެ.

ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތެއް ކަމަށް ބުނެ ސައުދީ ސަރުކާރުން ވަނީ ޝާހީ ހާންދާނުގެ އެތައް ބޭފުޅުންނަކާއި ވިޔަފާރިވެރިން ހިމެނޭ ގޮތުން 200 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައެވެ. އަމީރު ވަލީދު ވެސް ހައްޔަރު ކުރީ އެ ހަރަކާތުގައި މިދިޔަ ނޮވެމްބަރުމަހުގެ 4 ވަނަ ދުވަހުއެވެ. އޭރު ހައްޔަރު ކުރި ބައެއް ބޭފުޅުން މިހާރު ވަނީ ފައިސާ ދައްކަވަން އެއްބަސްވެވަޑައިގެންނެވުމުން މިނިވަން ކޮށްފައެވެ. ސައުދީ ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ބަންދުގައި ތިބި ބޭފުޅުންގެ ފަރާތްޕުޅުން 100 މިލިޔަން ޑޮލަރު ހޯދުމަށެވެ.