ހަބަރު

ނަސްރުﷲ ދައުވާކުރީ ނޫސްވެރިން އަތުން 28 މިލިއަން ހޯދަން

އަރަބިއްޔާ ސްކޫލްގެ ޕްރިންސިޕަލްގެ މަގާމުން ދާދިފަހުން އިސްތިއުފާ ދެއްވި، ޝޭހް ނަސްރުﷲ މުސްތަފާ މިހާރު ނޫހުގެ ހަތަރު ނޫސްވެރިއެއްގެ އަތުން 28 މިލިއަން ރުފިޔާ ހޯދުމަށް ދައުވާކޮށްފި އެވެ. އެ މައްސަލާގެ ޑިސްޕިއުޓް މަރުހަލާގެ ފުރަތަމަ އަޑުއެހުން މިއަދު ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ހައްޖަށް ހަތަރު މީހަކު ގެންގޮސް ހާލުގައި ޖެެއްސި މައްސަލާގައި އެ ހަބަރު ރިޕޯޓްކޮށްފައިވާތީ، ނަސްރުﷲ އެންމެ ފުރަތަމަ ދައުވާކުރީ މިހާރު ނޫހުގެ ފަސް ނޫސްވެރިޔަކާ ދެކޮޅަށެވެ. އެއީ، ސީނިއާ އެސިސްޓެންޓް އެޑިޓާ އަހުމަދު އަބްދުﷲ ސައީދާއި އެސިސްޓެންޓް އެޑިޓާ ފަޒީނާ އަހުމަދު އަދި އެ ނޫހުގެ ތިން ނޫސްވެރިން ކަމަށްވާ މުއިއްޒު އިބްރާހިމާއި މުހައްމަދު ޔާމީން އަދި އާސިމާ ނިޒާރެވެ.

ނަސްރުﷲ ވަނީ މުއިއްޒު އިބްރާހިމްގެ މައްޗަށް އުފުލި ދައުވާ މިއަދު އަނބުރާ ގެންގޮސްފަ އެވެ. ސަބަބު ކޯޓުގައި އޭނާ ހާމައެއް ނުކުރައްވަ އެވެ. ނަމަވެސް ރޭ ރާއްޖޭޓީވީގައި ނަސްރުﷲ ވިދާޅުވެފައިވަނީ އޭނާ ކައިރިން ދައުވާ އަނބުރާ ގެންގޮސްދިނުމަށް އެދެފިނަމަ ދައުވާ ނަގާނެ ކަމަށެވެ. އެގޮތުން އެއް ނޫސްވެރިޔަކު ދައުވާ އަނބުރާ ގެންގޮސްދިނުމަށް އޭނާ ގާތު އެދިފައިވާ ކަމަށެވެ.

އަޑުއެހުމަށްފަހު ސިވިލް ކޯޓުން ނުކުމެވަޑައިގެން، މިހާރު ނޫހުގެ ނޫސްވެރިންގެ ވަކީލް އިބްރާހިމް ރިފްއަތު ވިދާޅުވީ، ނަސްރުﷲ ނޫސްވެރިންގެ މައްޗަށް ދައުވާކޮށްފައިވަނީ، 2007 ވަނަ އަހަރުން ފެށިގެން އަމަލުކުރި އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވައިދުގެ ދަށުން ކަމަށެވެ. ނަސްރުﷲ އެދިފައިވަނީ ކޮންމެ ނޫސްވެރިއެއްގެ އަތުން ހަތް މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ހޯދުމަށް ކަމަށެވެ.

މިފަހުން ފާސްކުރި އަބުރު ރައްކާތެރިކުރުމުގެ ގާނޫނާއި އެ ގަވައިދުގައި ފުށު އަރާ ކަންކަން ހުރުމުން އެ ގަވައިދަށް އިސްލާހު ނުގެނެސް އެ ގަވައިދުގެ ދަށުން ދައުވާކޮށް މައްސަލަ ކޯޓުގައި ހިންގުމަކީ ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަމެއް ކަމަށް ވެސް ރިފްއަތު ވިދާޅުވި އެވެ. އަބުރާ ބެހުމުގެ ދައުވާތަކުގެ އިޖުރާއަތުތައް މިހާރު އޮންނަނީ އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ގާނޫނާއި ބަންޑާރަ ނައިބު އޮފީހުން އާންމުކުރި ޖޫރިމަނާ ނަގައިދިނުމުގެ އުސޫލުގެ މައްޗަށް ކަމަށް ވެސް ވިދާޅުވި އެވެ.

އެ ގަވައިދުގެ ދަށުން ބަދަލުގެ ގޮތުގައި ނެގޭނީ 100 ރުފިޔާ އާއި 5،000 ރުފިޔާއާ ދެމެދު ފައިސާގެ ބަދަލެއް ކަމަށާއި އިތުރަށް ބަދަލު ހޯދަން ބޭނުންވާނަމަ މާއްދީ ގޮތުން އޭނާއަށް ގެއްލުން ލިބުނުކަން ސާބިތުކޮށްދޭން ޖެހޭނެ ކަމަށް ވެސް ރިފްއަތު ވިދާޅުވި އެވެ. ނަމަވެސް މައްސަލާގައި ހުށަހަޅާފައިވަނީ ހަބަރުތަކުގެ ކޮޕީ އާއި ދައުވާއާ އެކަނި ކަމަށެވެ. މެޑިކަލް ސެޓްފިކެޓެއްފަދަ ލިޔުމެއް ހުށަހަޅާފައިނުވާ ކަމަށެވެ.

ހަމަ މި މައްސަލާގައި ނޫސްވެރިންނާ ދެކޮޅަށް މީޑިއާ ކައުންސިލަށް ނަސްރުﷲ މައްސަލަ ހުށަހަޅުއްވާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި މިނިވަން މުއައްސަސާއަކުން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ގޮތެއް ކަނޑަނާޅަނީސް އެ މައްސަލަ ކޯޓަށް ހުށަހެޅުމަކީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށް ރިފްއަތު ވިދާޅުވި އެވެ.

ރިފްއަތު ވިދާޅުވީ، މި މައްސަލާގައި ނޫސްވެރިން ހާމަކުރީ ހަގީގަތް ކަމަށާއި ހަގީގަތް ހާމަކޮށްގެން މީހެއްގެ މައްޗަށް އަބުރުގެ ދައުވާ ނުކުރެވޭނެ ކަމަށެވެ. މިއަދު ވަނީ މައްސަލާގެ ލިޔެކިޔުންތައް ބަދަލުކޮށްފަ އެވެ. އަދި ހަފުތާއެއް ފަހުން އިތުރު އަޑުއެހުމެއް ބޭއްވުމަށް ނިންމާފަ އެވެ.

ހައްޖަށް ގޮސް ބަޔަކު ހާލުގައި ޖެހުނު ހަބަރު އެންމެ ފުރަތަމަ ރިޕޯޓް ކުރެއްވި، މިހާރު ނޫހުގެ ސީނިއާ އެސިސްޓެންޓް އެޑިޓާ އަހުމަދު އަބްދުﷲ ސައީދު ވިދާޅުވީ، ރިޕޯޓްކުރި މައްސަލައަކީ އަމިއްލަ ވާހަކަތަކެއް ނޫން ކަމަށާއި ރިޕޯޓްކުރީ ހައްޖު މިޝަންގައި އެންމެ އިސްކޮށް ހުންނެވި އިބްރާހިމް އަހުމަދު ދެއްވި މައުލޫމާތުތަކެއް ކަމަށެވެ. މިހާތަނަށް އެއްވެސް ފަރާތަކުން އެއީ ދޮގު މައުލޫމާތުތަކެއްކަން ހާމަކޮށްފައި ވެސް ނުވާ ކަމަށެވެ.

އަބްދުﷲ ސައީދު ވިދާޅުވީ، އެއީ ބައެއްގެ އަބުރާ ބެހުން ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެ ހަބަރު ރިޕޯޓްކުރި އޭނާ ވެސް އަދި ނަސްރުﷲ ވެސް ހުންނެވީ މައްކާގައި ކަމަށެވެ. އެ މައުލޫމާތަކީ ދޮގު މައުލޫމާތެއް ކަމަށް ނަސްރުﷲ ވެސް ވިދާޅުވެފައިނުވާ ކަމަށާއި އެއްވެސް މައުލޫމާތެއް އިސްލާހުކުރަން ވެސް އެދިފައިނުވާ ކަމަށެވެ.

އޮޅުވާލައިގެން ބަޔަކު ހައްޖަށް ގެންގޮސް ހާލުގައި ޖެއްސި މައްސަލާގައި ނަސްރުﷲ މުސްތަފާގެ މައްޗަށް މިހާރު ވަނީ ދައުވާ ވެސް އުފުލާފަ އެވެ. އުފުލާފައިވަނީ ދެ ދައުވާއެކެވެ. އެއީ، އެނގިހުރެ ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތެއްގައި ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ދައުވާ އެވެ.

މިދިޔަ އޮގަސްޓު މަަހުގެ ތެރޭގައި ހައްޖަށް ދިޔަ މީހުންގެ ތެރެއިން ހަތަރު މީހަކަށް ހައްޖަށް ދެވޭނެ ގޮތް ހަމަޖައްސާދީފައިވީ ނަމަވެސް އެ މީހުން މައްކާއަށް ގޮސް ހުންނާނެ ތަނެއް ނެތި ހާލުގައި ޖެހުނެވެ. އެ ހަތަރު މީހުންގެ ތެރެއިން ކޮންމެ މީހެއްގެ އަތުން 70،000 ރުފިޔާ ނެގި ކަމަށް ވެސް އެ މީހުން ތުހުމަތު ކުރެ އެވެ. އެ ހަތަރު މީހުންނަކީ އުމުރުން 74 އަހަރުގެ ފިރިހެނަކާއި 56 އަހަރުގެ ފިރިހެނަކާއި އަދި 37 އަހަރާއި 39 އަހަރުގެ ދެމަފިރިންނެވެ. އެ މީހުން ފަހުން ބަލަހައްޓަން ޖެހުނީ ހައްޖު ކޯޕަރޭޝަނުން އެވެ.

މި މައްސަލައިގެ ތުހުމަތުގައި ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އޭނާ ހައްޔަރު ވެސް ކުރި އެވެ. ހައްޔަރު ކުރުމަށް ފަހު އޭގޭ އަނެއް ދުވަހު ޝަރުތުތަކާއެކު ގޭ ބަންދަށް ބަދަލުކުރި އެވެ. ނަސްރުﷲގެ އެހެން މައްސަލަތަކެއްގެ ޝަރީއަތް ވެސް މިހާރު ކުރިމިނަލް ކޯޓުގައި ކުރިއަށްދެ އެވެ. އެއީ އޭނާގެ މައްޗަށް އުފުލާފައިވާ އަޅާނުލުމުގެ ދެ ދައުވާ އާއި އޮރިޔާންކާޑް އުފައްދައި ގެންގުޅުމުގެ ދައުވާ އާއި ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާ އެވެ. އެ ދައުވާތައް އޭނާގެ މައްޗަށް އުފުލާފައިވަނީ، މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. ނަމަވެސް އެއީ ކޮންމެ މައްސަލައަކާ ގުޅިގެން ކަމެއް ސާފެއް ނުވެ އެވެ.