ވިޔަފާރި

ފްލައިދުބާއީ ރާއްޖެއަށް ހުއްޓާލައި، އެމިރޭޓްސްގެ ދަތުރުތައް އިތުރު ކުރަނީ

Jan 16, 2018
1

އެމިރޭޓްސްގެ ބަޖެޓް އެއާލައިން، ފްލައި ދުބާއީއިން ރާއްޖެއަށް އުދުހުންތައް ހުއްޓާލައި، އެމިރޭޓްސްގެ އުދުހުންތައް އިތުރުކުރަން މަސައްކަތް ފަށައިފި އެވެ.

ފްލައި ދުބާއީ ރާއްޖެއަށް އުދުހުންތައް ހުއްޓާލަން ނިންމާފައި ވަނީ އަންނަ މަހުގެ ފަހުކޮޅުން ފެށިގެން އެވެ. އެ ތާރީހުގެ ފަހުން އެ އެއާލައިނުން ދަތުރުކުރުމަށް ޓިކެޓު ނަގާފައިވާ މީހުންނަށް ވަނީ މިހާރު އެކަން އަންގަން ފަށައިފަ އެވެ. އަދި ފްލައި ދުބާއީ ދަތުރުކުރަން ޓިކެޓު ނަގާފައިވާ މީހުންނަށް އެމިރޭޓްސްއިން ދަތުރުކުރެވޭނެކަން ވަނީ އަންގާފަ އެވެ. ފްލައި ދުބާއީ އާއި އެމިރޭޓްސްއަކީ ވެސް ޔޫއޭއީ ސަރުކާރު ހިއްސާވާ ދެ ދެއާލައިން އެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު ބަޖެޓް އެއާލައިން ކަމަށްވާ ފްލައި ދުބާއީން ރާއްޖެއަށް އުދުހުންތައް ފަށާފައިވަނީ މީގެ ފަސް އަހަރު ކުރިންނެވެ. މި އެއާލައިން ރާއްޖެެއަށް އުދުހެނީ ދިވެހި ކުންފުންޏެއް ކަމަށްވާ އިނަ މޯލްޑިވްސްގެ އެޖެންޓު ކަމުގަ އެވެ.

އިނަ މޯލްޑިވްސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ގިޔާސް "އަވަސް" އަށް ވިދާޅުވީ ފްލައި ދުބާއީއިން އެމިރޭޓްސްއަށް ކޯޑްޝެއާ ކުރަން ނިންމާފައިވާ ކަމަށެވެ. އަދި މާލެ އާއި ދުބާއީއާ ދެމެދު ފްލައި ދުބާއީގެ ފްލައިޓްތައް ދަތުރު ނުކުރަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

"ފްލައި ދުބާއީއިން މީހުން އުފުލި ވަރަށް މީހުން އުފުލާނެ. ކޯޑްޝެއާ ކުރަނީ. މިހާރު އެމިރޭޓްސްއިން ވަނީ ހަފުތާއަކު ފަސް ފްލައިޓަށް ފްލައިޓުގެ އަދަދުވެސް އިތުރުކޮށްފައި،" އަބްދުﷲ ވިދާޅުވި އެވެ.

ހުއްޓާލާ ވާހަކައަކީ ރަނގަޅު ވާހަކައެއް ނޫން. ކޯޑްޝެއާ ކުރަނީ. ފްލައި ދުބާއީއިން މީހުން އުފުލި ވަރަށް މީހުން އުފުލާނެ. މިހާރު އެމިރޭޓްސްއިން ވަނީ ހަފުތާއަކު ފަސް ފްލައިޓަށް ފްލައިޓުގެ އަދަދު ވެސް އިތުރުކޮށްފަ
އިނަ މޯލްޑިވްސްގެ ޑީއެމްޑީ، އަބްދުﷲ ގިޔާސް

އޭނާ ވިދާޅުވީ މި "ކޯޑްޝެއަރިން" އާއެކު އެމިރޭޓްސްގެ ދަތުރުތައް އަދިވެސް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

"އަޅުގަނޑަށް އަޑު އިވިފައި އޮތީ ހައެއް ނޫނީ ހަތް ފްލައިޓަށް އިތުރުކުރާ ވާހަކަ،" އަބްދުﷲ ވިދާޅުވި އެވެ.

ފްލައި ދުބާއީއަކީ ފުޅާދާއިރާއެއްގައި ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކުރާ އެއާލައިން އެކެވެ. އެގޮތުން އެއެއާލައިނުން އަންނަނީ 22 އަށް ވުރެ ގިނަ މަންޒިލް ތަކަށް ދަތުރުތައް ކުރަމުންނެވެ. އެއާލައިނުން ވަނީ ރާއްޖެއަށް ގިނަ އަދަދެއްގެ ޓޫރިސްޓުން ގެނެސްދީފަ އެވެ.