އެމެރިކާ

ފަލަސްތީނަށް އެމެރިކާއިންް ދޭން އޮތް އެހީން 65 މިލިޔަން ޑޮލަރު ހިފަހައްޓައިފި

ފަލަސްތީނުމީހުންނަށް އެހީވާ އދ. ގެ އެޖެންސީ، "ޔޫއެން ރިލީފް އެންޑް ވެލްފެއާ އެޖެންސީ" (ޔޫއެންއާރްޑަބްލިއުއޭ) އަށް އެމެރިކާއިން ދޭން ކުރިން ކަނޑައަޅާފައިވާ ފައިސާގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ނުދީ ހިފަހައްޓާނެ ކަމަށް އެމެރިކާއިން ބުނެފިއެވެ.

އެހީ ހިފެހެއްޓިކަން އަންގަން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ޔޫއެން އާރް ޑަބްލިއުއޭ އަށް ސިޓީއެއް ފޮނުވާފައިވާ ކަމަށްް ސްޓޭޓްޑިޕާޓްމަންޓްގެ ތަރުޖަމަނާނު ހީތާ ނައުއާޓްއާ ހަވާލާދީ ރޮއިޓާސް ބުންޏެވެ. ނައުއާޓް ވިދާޅުވެފައި ވަނީ އދ. ގެ އެ އެޖެންސީއަށް އެހެން ގައުމުތަކުން ދޭ އެހީ އިތުރު ކުރަން ޖެހޭ ކަމަށެވެ.

ނައުއާޓްގެ އެ ވާހައަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ކުރިން ވިދާޅުވެފައިވާ ވާހަކައެއް ތަކުރާރު ކުރުމެކެވެ. އެ އެޖެންސީއަށް އެންމެ ގިނަ ފައިސާ ދެނީ އެމެރިކާއިން ކަމަށާއި އެއީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ޓްރަމްޕް ވަނީ ކުރިން ވިދާޅުވެފަ އެވެ.

އެމެރިކާއިން މި ފިޔަވަޅު އަޅާފައި މިވަނީ އެފަދަ ފިޔަވަޅެއް އަޅުއްވައިފާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވިތާ މާގިނަ ދުވަހެއް ނުވަނީހެވެ.

"ވޮޝިންޓަނުން އަންނަނީ ކޮންމެ އަހަރަކު އެތައް ސަތޭކަ މިލިޔަން ޑޮލަރެއް ދެމުން، އެކަމުގެ އަގު ވަޒަނެއް ނުކުރޭ އިހުތިރާމެއް ވެސް ނުކުރޭ. އެމީހުން ބޭނުމެއް ނުވޭ މާ ކުރިއްސުރެ ގާއިމްވެފައި އޮންނަން ޖެހޭ ސުލްހައިގެ އެއްބަސްވުމާ މެދު އިޒްރޭލާ ވާހަކަ ދައްކާކަށް،" މިހިނގާ ޖެނުއަރީމަހުގެ ދެވަނަ ދުވަހު ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.

ފަލަސްތީނު މީހުންނަށް އެހީވާ އދ. ގެ އެޖެންސީއަށް ފައިސާގެ އެންމެ ބޮޑު އެހީއެއްދޭން ވައުދުވެފައި ވަނީ އެމެރިކާއިންނެވެ. އެގޮތުން މިދިޔަ އަހަރާ ހަމައަށް އެ އެޖެންސީއަށް އެމެރިކާއިންް ދޭ ވައުދުވެފައިވާ ފައިސާގެ އަދަދު ވަނީ 370 މިލިޔަން ޑޮލަރަށް އަރާފަ އެވެ.

ފަލަސްތީނު މީހުންނަށް ޓްރަމްޕް އިންޒާރު ދެއްވީ އޭނާއާ ދެކޮޅަށް ފަލަސްތީނު މީހުން މުޒާހާ ކުރާތާ ދުވަސްތަކެއްވީ ފަހުންނެވެ. އޭނާއާ ދެކޮޅަށް ފަލަސްތީނު މީހުން މުޒާހަރާ ކުރަނީ ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާއިން ބަލައިގަނެ، އެމެރިކާ އެމްބަސީ އެރަށަށް ބަދަލު ކުރަން ޓްރަމްޕް އެންގެވުމުންނެވެ.

ގުދުސަކީ ޔަހޫދީން ފަލަސްތީނަށް އައުމުގެ އެތައް ހާސް އަހަރެއް ކުރިން ކަންއާނީ ދަރިކޮޅުގެ އަރަބީން ބިނާ ކޮށްފައިވާ ރަށެކެވެ. އެރަށަކީ ދުނިޔޭގައިވާ އެންމެ ގަދީމީ ރަށްތަކުގެ ތެރެއިން ރަށެކެވެ. އަދި އޭގެ އިތުރުން އެއީ މުސްލިމުންގެ ތިންވަނަ ހަރަމްފުޅު ކަމަށްވާ އަލް މަސްޖިދުލް އަގުސާ އެ ބިމެއްގައިވާ ބިމެވެ.

ފަލަސްތީނުގެ ބިންތައް އިނގިރޭސިން ފޭރިގަތުމަށް ފަހު އެތަނުގައި އިޒްރޭލުގެ ދައުލަތް އުފައްދައި ދިން އިރު އެމީހުންގެ އަތުްދަށުގައި އޮތީ ގުދުސްގެ ހުޅަނގުބައި އެކަންޏެވެ. ނަމަވެސް އޭގެ ފަހުން 1967 ވަނަ އަހަރު ކުރި ހަދުވަހުގެ ހަނގުރާމައިގައި އިޒްރޭލުން އިރުމަތީ ގުދުސް ހިފިއެވެ. އޭގެ ފަހުން އެމީހުން ދަނީ ގުދުސުން އަރަބީން ހުސްކުރަން ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ.