މާޒިޔާ

ކުރިއަށް އޮތް ސީޒަނުގައިވެސް އިމާޒް ފެންނާނީ މާޒިޔާއިން

Jan 17, 2018
1

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްގެ މިޑްފިލްޑަރު އަހުމަދު އިމާޒް (އާއްކޮ) މި ފެށޭ ސީޒަނަށް މާޒިޔާގައި މަޑުކުރަން އެއްބަސްވެއްޖެ އެވެ.

މާޒިޔާގެ ޕޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި އެކްލަބުން ވަނީ އާއްކޮ އާ ކޮންޓްރެކްޓެއްގައި ސޮއި ކޮށްފައިވާކަން ކަށަވަރުކޮށްދީފަ އެވެ.

ކްލަބް އީގަލްސް އާއެކު ފުރަތަމަ ޑިވަޝަނުން ފެނިގެންދިޔަ އާއްކޮ އެކްލަބަށް 2011 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް ކުޅެފައިވެ އެވެ. އޭގެ ފަހުން 2015 ވަނަ އަހަރު މާޒިޔާ އާއި ގުޅުނު ފަހުން އޭނާ ފެނިގެންދަނީ މާޒިޔާގެ ފެހި ޖާޒީގަ އެވެ.

ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމާއެކު މޮޅު ކުޅުމެއް ދައްކާފައިވާ އާއްކޮ އަކީ މިހާރު ގައުމީ ޓީމުގެ ސްކޮޑުން ވެސް ޖާގަ ހޯދަމުން އަންނަ ކުޅުންތެރި އެކެވެ. މިގޮތުން 2015 ވަނަ އަހަރު އިންޑިޔާގެ ޓްރިވެންޑްރަމްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުގައި އާއްކޮ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.

މިދިޔަ ސީޒަން ވަރުގަދަކޮށް ފެށި ނަމަވެސް ޓީމަށް ދިމާވި މައްސަލަތަކާއެކު މިއަހަރު އޭއެފްސީ ކަޕުން ވެސް ފުރުސަތު ލިބިފައިނުވާ މާޒިޔާ ވަނީ މިފެށޭ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ޓީމަށް ގިނަ ކުޅުންތެރިންތަކެއް ގެނެސްފަ އެވެ.

އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔަކީ މިދިޔަ ސީޒަނުގައި ޓީސީއަށް މޮޅު ކުޅުމެއް ދެއްކި ނާއިޒް ހަސަން (ދާދު) އެވެ. މީގެ އިތުރުން ގްރީން ސްޓްރީޓްސްއަށް ކުޅުނު މުހައްމަދު ނިޒާމް އަދި އަހުމަދު ހަސަން ހިމެނެ އެވެ. އީގަލްސްއަށް ކުޅުނު ޑިފެންޑަރު މުޖްތާޒް މުހައްމަދު (މުޖޭ) ވެސް ވަނީ މިސީޒަނަށް މާޒިޔާ އައި ގުޅުފަ އެވެ.

މާޒިޔާގެ މެދުތެރެއަށް ވޭތުވެދިޔަ ދެ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި މުހައްމަދު އުމެއިރު ނިއު ރޭޑިއަންޓަށް ބަދަލުވި ނަމަވެސް މާޒިޔާއިން ވަނީ އެޓީމުގައި ތިބި ގިނަ ކުޅުންތެރިންގެ ކޮންޓްރެކްޓު އާކޮށްފަ އެވެ. މީގެ ތެރޭގައި މޫސާ ޔާމީން (ޔާމްބެ)، އިސްމާއިލް އީސަ (މެސީ) އަދި ޔަސްފާދް ހަބީބް (މުލަކޭ) ހިމެނެ އެވެ.