ކުޅިވަރު

އެފްއޭއެމްގެ ނިންމުމާއި ތަޖުރިބާކާރުންގެ ވާހަކަ

ހެންވޭރު ދަނޑުގައި ކުރިއަށް ގެންދިޔަ، ފުޓްބޯޅައިގެ އިވެންޓެކެވެ. ކުޅެންތިބީ އުމުރުން ހަނގު ކުދިންނެވެ. ދެ ކުލަ އަކުން ޖޯޒީ ހަދައިގެން ދެ ޓީމަށް ބައިބައިހައިގެން ކުޅެމުން ދެއެވެ. ބޯޅަ ލިބޭ ކޮންމެ ފަހަރަކު ބެލެނިވެރިންގެ އަޑުގަދަ އެވެ. "ޖަހާ ޖަހާ، ދުވޭ ދުވޭ." ބެލެނިވެރިންގެ އަޑެވެ. އެންމެ އަޅައިގަތް ކަމަކީ، ސޫކޫލުގެ ފަރާތުން ގޮސް ހުރި ސްޕޯޓްސް ސުޕަވައިޒަރު ވެސް އެ ކުދިންނަށް ވަކި ގޮތެއް ހެދުމަށް ގޮވާ މަންޒަރު ފެނުމުންނެވެ.

ހިތަށްއެރި އެވެ. އެ އުމުރުގެ ކުދިންނަށް ކިހާ ބޮޑު ޕްރެޝަރެއް ހެއްޔެވެ. އެކަން އެވަރަށް ބޭއްވީ އެވެ. ނަމަވެސް ފަހުން އެއާމެދު އިތުރަށް ކޮންބޮޑުވާން ޖެހުނީ، އެއީ ކިހާ ނުރަނގަޅު ކަމެއްކަން، ކުލަބު ވެލެންސިއާގެ މިހާރުގެ ކޯޗު ސޮބާހް މުހައްމަދު އިބްރާހިމް (ސޮބާ) ކިޔައި ދިނުމުންނެވެ.

މިދިޔަ އަހަރު ބާސެލޯނާގެ ހުންނަ ޓޯވޯ ފުޓްބޯލް އެކެޑެމީގެ ކޯޗިން ޓްރެއިނިން ޕްރޮގްރާމެއްގައި ދެފަހަރު ދިޔަ އެވެ. ބާސެލޯނާގެ ރަސްމީ އެކެޑެމީ "ލަ މާސިއާ" އާއި ބާސެލޯނާއިން ބިޒްނަސް މޮޑެލްއަށް ހިންގާ އެސްކޯލާ ފުޓްބޯޅަ ސްކޫލުގެ ޓްރެއިނިންތަކުން ކުރެވުނު ތަޖުރިބާ ސޮބާ ހިއްސާ ކުރި އެވެ.

"އެ ކުދިންނަށް އެއްވެސް ޕްރެޝަރެއް އޮންނަ ކަމެއް ނުކުރުމަށް އަންގާފަ އޮންނަނީ، އެއީ އެތަނުގައި އޮންނަ ސަގާފަތެއް ވެސް ނޫން،" ބާސެލޯނާއިން ކުރި ތަޖުރިބާ ކިޔައިދިނެވެ. "ބެލެނިވެރިންނަށް ކުރެވޭނެ ކަމަކީ ސެލެބަރޭޓް ކޮށްލުމުގެ ގޮތުން އަތް ޖަހާލުން، ހަޅޭއްްލެވުން އޮންނަނީ މަނާ ކޮށްފަ، އެ އުމުރުގައި ކުރަން ޖެހޭނެ ކަމަކީ ކުޅުންތެރިންގެ ހިތުގައި ފުޓްބޯޅައަށް ޝައުގުވެރިކަން އުފެއްދުން."

އެފްއޭއެމުން ވަނީ، ރާއްޖޭގައި ވެސް، 12 އަހަރުން ދަށުގެ އުމުރުފުރާގައި ވާދަވެރި ފުޓްބޯޅައިގެ އެއްވެސް ހަރަކާތެއް ބޭއްވުން މަނާ ކޮށްފަ އެވެ.

އެފްއޭގެ އެ ނިންމުމަށް ފުޓްބޯޅަ އާއިލާގެ ބައެއް ފަރާތްތަކުން މަރުހަބާ ކިއެވެ. އޭގެތެރޭގައި އެފްއޭއެމްގެ ކުރީގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) ހިމެނެ އެވެ. ޔޫތު މުބާރާތުގެ އެންމެ މޮޅު ކޯޗުގެ އެވޯޑް ވޭތުވެދިޔަ ތިން އަހަރުގައި ހޯދި ނަވާރަ އަހަރުން ދަށުގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗް އަހްމަދު ޝާކިރު (ޝާކިއްޓޭ) ވެސް ހިމެނެ އެވެ. އެފްއޭއެމުން އެގޮތަށް ނިންމުމުގައި ހަތް ކަމަކަށް ވަނީ ރިއާޔަތް ކޮށްފަ އެވެ.