ދުނިޔެ

ވިންޓަ އޮލިމްޕިކްސްގައި ދެކޮރެއާމީހުން ހިނގާލާނީ އެކުގައި، އެއް ދިދައެއްްގެ ދަށުގައި

އަންނަ ފެބްރުއަރީ މަހު ދެކުނު ކޮރެއާގައި ބާއްވާ ވިންޓަ އޮލިމްޕިކްސްގައި ދެކުނު ކޮރެއާއާއި އުތުރުކޮރެއާގެ އެތުލީޓުން އެއްބައިވަންތަކަމުގެ ދިދަޔާ އެކު އެކުގައި ހިނގައިލަން ދެގަައުމުން އެއްބަސް ވެއްޖެއެވެ.

ދެކުނު ކޮރެއާގެ ޔުނިފިކޭޝަން މިނިސްޓްރީން މިއަދު ބުނީ އެކަމަށް އެއްބަސްވީ ދެކޮރެއާގެ އޮފިޝަލުން ދުވަސްތަކެއް ވަންދެން ކުރި މަޝްވަރާތަކުން ކަމަށެވެ.

ކޮރެއާ ބައިކޮށް ދެގައުމު އުފެއްދި ދުވަހުން ފެށިގެން ވެސް ހަތުރުންގެ ގޮތުގައި އޮތް ދެގައުމުގެ މަޝްވަރާތައް މިފަހަރު ފެށީ މީލާދީ އާ އަހަރު ފެށުމުގެ މުނާސަބާގައި އުތުރުކޮރެެއާގެ ލީޑަރު ކިމްޖޮންއުން އެކަމަށް ގޮވައިލެއްވުމުންނެވެ. މަޝްވަރާތަކުން އެއްބަސްވެފައިވާ އެހެން ކަންތައްތަކުގެ ތެރޭގައި ދެކޮރެއާގެ އަންހެން އެތުލީޓުން ހިމެނޭ އައިސް ހޮކީޓީމެއް އުފައްދައި ވިންޓަ އޮލިމްޕިކްގައި ބައިވެރިކުރުން ހިމެނެއެވެ. ދެކޮރެއާގެ ސްކީ ކުރާ މީހުން އުތުރުކޮރެއާގެ ރިސޯޓެއްގައި އެކުގައި ތަމްރީނުތައް ހަދަން ވެސް ވަނީ އެއްބަސް ވެފައެވެ. އުތުރުކޮރެއާގެ އެތުލީޓުންނަށް ސާބަސްދޭން 230 މީހުން ފޮނުވަން ވެސް ވަނީ އެއްބަސްވެފައެވެ.

މިއަހަރުގެ ވިންޓަ އޮލިމްޕިކްސް އޮންނާނީ ދެކުނު ކޮރެއާގެ ޕިޔޮންޗޭންގް ނަމަކަށް ކިޔާ ރަށުގައެވެ.

ދެކޮރެއާގެ އެއްބައިވަންތަކަމުގެ ދިދަޔަކީ ، ކޮރެން ޕެނިންސިއުލާއާއި އެތަނުގެ ކަރީގައިވާ ރަށްތައް ހުދު ފޮތިގަނޑެއްގައއި ވިލުކުލައިން ކުރަހަައިގެން ހަދާފައިވާ ދިދައެކެވެ. އެ ދިދަ އެންމެ ފުރަތަމަ ބޭނުން ކުރީ 1991 ވަނަ އަހަރު އޮތް ވޯލްޑް ޓެނިސް ޗެމްޕިއަންޝިޕްގައެވެ. އޭގެ ފަހުން ވެސް ބައެއް ކުޅިވަރު ހަރަކާތްތަކުގައި އެ ދިދަ ބޭނުންކޮށްފައި ވެއެވެ.

ދެކޮރެއާގެ މަޝްވަރާތައް ކާމިޔާބުކަމާ އެކު ކުރިއަށް ދާއިރު އެމެރިކާއާއި އެގައުމަށް ވާގިވެރިވާ ޖަޕާނުން ވަނީ އުތުރުކޮރެއާގެ މަގުސަދާ މެދު ސުވާލު އުފައްދާފައެވެ. ޖަޕާނުން ބުނީ އުތުރުކޮރެެއާގެ މަގުސަދަކީ ނިއުކްލިއަ މަޝްރޫއު ކުރިއަށް ގެންދަން ވަގުތު ހޯދުން ކަމަށް ވެދާނެ ކަމަށެވެ.

ޗައިނާއިން ވަަނީ އެމެރިކާއާއި ޖަޕާނުގެ އެފަދަ ވާހަކަތަކަށް ފާޑުކިޔާފައެވެ. އެގައުމުގެ ފޮރިން މިނިސްޓްރީން ބުނީ އެއީ ' ފިނިހަނގުރާމައިގެ ދުވަސްވަރުގެ ވިސްނުން" ކަމަށެވެ. އަދި އެއީ އުތުރުކޮރެއާގެ ނިއުކްލިއަ މައްސަލަ ސުލްހަވެރިކަމާ އެކު ހައްލުކުރަންް ކުރާ މަސަައްކަތްތަށް ހުރަސް އެޅޭނެ ވިސްނުމެއް ކަމަށް ވެސް ބުންޏެވެ.

ކޮރެެއާ ދެބައިވެ، ދެގައުމަކަށް ބަދަލުވީ އެއް ކޮރެއާގެ ގޮތުގައި އޮއްވައި އެމެރިކާއިން އެއްބައި އަދި ސޯވިއެޓް ޔޫނިއަން( މިހާރުގެ ރަޝިޔާ) އިން އަނެއްބައި އިސްތިއުމާރު ކުރުމުންނެވެ. ފިނި ހަނގުރާމައިގެ ދުވަސްވަރު ދެގައުމުން ވެސް ކޮރެއާއިން ހިފާފައިވާ ބައި ދޫކޮށްލި އިރު ، ކޮރެއާގެ އުތުރާއި ދެކުނު އޮތީ އެއްބައި ވެވޭ ހާލަތެއްގައެއް ނޫނެވެ. އިސްތިއުމާރީ ބާރުތައް ފޭބުމުން އދ. މެދުވެރިވެގެން ބޭއްވި އިންތިހާބު އޮތީ ދެކުނުގައެވެ. އަދި އެގޮތުން އިންތިހާބުވީ އެމެރިކާއިން ބޭނުންވާ ބޭފުޅެކެވެ. އެއާ އެކު އުތުރުގެ ލީޑަރެއްގެ ގޮތުގައި ސޯވިއެޓް ޔޫނިއަނުން އައްޔަން ކުރީ ކިމް އިލްސަންއެވެ. އެއީ އުތުރުކެރާގެ މިހާރުގެ ލީޑަރު ކިމް ޖޮން އުންގެ ކާފާފުޅެެވެ.

ކޮރެއާގެ އުތުރާއި ދެކުނުގައި ދެ ވެރިކަން އުފެދުނަސް، ދެވެރިކަމުން ވެސް ދައުވާ ކުރަމުން ދިޔަައީ މުޅި ކޮރެއާގެ ސަރުކާރަކީ އެމީހުން ކަމަށެވެ. ނަތީޖާއެއްގެ ގޮތުގައި އެ ދެފަރާތުގެ ދެމެދުގައި ވަރުގަދަ ހަނގުރާމައެއް ހިނގިއެވެ