"އަންނަނީ ފެންވަރުން ލޯބީގެ ވާރޭ ވިލާ"، "މައުނަވީ އާލަމުން"، އަދި "އުޑުން ތަރިތައް" ފަދަ ނުވަދިހައިގެ ފަހުކޮޅު ނިކުތް މި ލަވަތަކަކީ ދިވެހިންގެ ޕްލޭލިސްޓްތަކުން ޖާގަ ހޯދާ ލަވަތަކެވެ. މި ލަވަތަކުގެ ޅެންތަކުގެ ޖާދޫގައި އެތައް ދިވެހިންނެއް ޖެއްސި އެވެ.
މި ލަވަތައް ހެއްދެވި މޭސްތިރިޔާ އީސާ ޝަރީފް އެވެ. އޭނާގެ އަޑެއް ނީވި އެތައް ދުވަހެއް ވުމަށްފަހު ޢީސަ މިވަނީ އަނެއްކާވެސް ޅެންތަކެއް އާންމުންނަށް ދޫކޮށްލައިފަ އެވެ. އީސަގެ ވަރަށް ހާއްސަ ޅެން ފޮތެއްވަނީ ރޭ ނެރެފަ އެވެ. ލޯތްބާއި، ހިބަކުރުމާއި، ފަލްސަފާ، ދީނީ އަދި ތާރީހީ ޅެންތައް ހިމެނޭ މި ޅެން ފޮތުގެ ނަމަކީ އެފަރާތެވެ.
އުމުރުން 20 އަހަރުގައި ޅެން ލިޔުއްވަން ފެއްޓެވި އީސަ މި ޅެން ފޮތް ހަދިޔާކޮށްފައި ވަނީ ނިޔާވެފައިވާ އޭނާގެ ބައްޕަ ބެއްޔަތުއްތު އަށެވެ.
ފޮތުގައި އީސަގެ އަމިއްލަ މުޅިން އާ 110 ޅެމާއި، ތަފާތު އެކި ޅެންވެރިންގެ 70 އަށްވުރެ ގިނަ ޅެންތައް ހިމަނާފައިވެ އެވެ. އެ ޅެންވެރިންގެ ތެރޭގައި މަޝްހޫރު ޅެންވެރިޔާ އަދި އީސަގެ ބައްޕަ ބެއްޔާތުއްތުއާއި، މުހުތާރު ފަހުމީ، ރަމްލާ އަބްދުލްގަނީ، އަދި އާދަމް ނަސީރު އިބްރާހިމްގެ ޅެންތައް ހިމެނެ އެވެ. މީގެ އިތުރުން މި ފޮތުގައި 19 އަަހަރުގެ ޒުވާނެއްކަމަށްވާ އަހްމަދު ނައުފަލްގެ ޅެންތަކެއްވެސް ހިމަނާފައިވެ އެވެ.
ޅެންވެރިކަމުގެ އިތުރަށް އީސާ ވަނީ ދިވެހި ފިލްމީ ދާއިރާގައިވެސް ގިނަ މަސައްކަތްތަކެއްކޮށް، މަގުބޫލު ފިލްމުތަކެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދީފަ އެވެ. މިގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސްޕެޝްލް އިފެކްޓްސް ލައިގެން ތައްޔާރުކުރި ފިލްމު "ފަތިސްހަނދުވަރު" އަކީ އީސަގެ ޑައިރެކްޝަނެކެވެ. ދިވެހި ސިނަމާގެ ބެލުންތެރި ބިރުން ފިއްކަނޑުވާލި އެ ފިލްމު ވެގެންދިޔައީ ދިވެހި ސިނަމާއަށް އިންގިލާބީ ބަދަލެއް ގެނައި ފިލްމަކަށެވެ. "20 ވަނަ އުފަންދުވަސް" އަދި "ގިނިހިލަ" ފަދަ ކާމިޔާބު ފިލްމުތަކަކީވެސް އީސާގެ މަސައްކަތްތަކެވެ.
މީގެ އަހަރުތަކެއް ކުރިން އީސަ ވަނީ ފިލްމީ ދާއިރާއަށް އެއްކޮށް ދޫކޮށްލާފަ އެވެ. އަދި އަނބުރާ މި ދާއިރާއަށް އައުމުގެ އެއްވެސް ހިޔާލެއްވެސް އޭނާ ނުގެންގުޅެ އެވެ. ދާއިރާ ދޫކޮށްލި ސަބަބު އީސަ ވަނީ އަވަސް އަށް ހިއްސާކޮށްފަ އެވެ.
"އަޅުގަނޑު އެ ދާއިރާ ދޫކޮށްލީ އެ ދާއިރާއަކީ އަޅުގަނޑަށް އެއްވެސް ކުރި އެރުމެއް އޮތް ދާއިރާއެއް ކަމަށް ނުފެންނާތީ. ވަރަށް ބުރަ މަސައްކަތްވެސް ކުރިން އެކަމަކު އޭގެ ނަތީޖާއެއް ނުފެނުނު." ފިލްމީ ދާއިރާއިން ދުރުވީ ކުރިއެރުމެއް ނެތްކަމަށް އަމިއްލަ ފެނިގެންކަމަށް ބުނަމުން ޢީސާ ކިޔާދިނެވެ. "އަޅުގަނޑު މި ދާއިރާ ހަމައެކޮށް ދޫކޮށްލަން ފޭނުންނާއި ވަކިވެގެންދިޔައީ. ފޯނު ނަންބަރުވެސް ބަދަލުކުރިން. އަޅުގަނޑު ބޭނުމެއް ނުވި އެއްވެސް ލިންކެއް ބާއްވަން."
ފިލްމީ ދާއިރާއިން ވަކިވެ ދިޔުމަށްފަހު މިއަދާ ހަމައަށް އީސަގެ އެއްވެސް ޅެމެއް އާންމުކޮށް ފެނިފައެއްވެސް ނުވެ އެވެ. ނަމަވެސް މިއަދު ކުއްލިއަކަށް އީސަ ފެނުމުން އެ ސުވާލު ހިތުގައި އުފެދޭނެ ބަޔަކުވެސް މިހާރު ތިބޭނެ އެވެ. އެ ސުވާލުގެ ޖަވާބުވެސް އީސަވަނީ ދީފަ އެވެ.
"އަޅުގަނޑު ބޭނުންވީ ދާއިރާ ދޫކޮށްލާފައި ދިޔަސް މިކަން ނިންމާލާއިރު އަޅުގަނޑުގެ ކޮންމެވެސް ކަހަލަ ރައިޓްއަޕެއް (ލިޔުމެއް) ޑޮކިއުމެންޓުވެފަ އޮންނަން. ދެ އަންނަ ޖީލުތަކަށް އަޅުގަނޑުގެ އެ މަސައްކަތް ފެންނަ އޮންނަން ބޭނުންވާތީ." އީސަ ބުންޏެވެ.