ވިޔަފާރި

22 ކުންފުންޏަކާ އެކު ރާއްޖެ ފިތޫރު ފެއާގައި

ބާވީސް ކުންފުންޏާއެކު، ރާއްޖޭން ސްޕެއިންގެ ވެރިރަށް، މެޑްރިޑްގައި އޮންނަ، ފިތޫރު ޓޫރިޒަމް ފެއާގައި ބައިވެރިވަމުން އެބަދެ އެވެ.

ސަރުކާރު މާކެޓިން ކުންފުނި، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ އިސްނެގުމާއެކު، ރާއްޖޭން 22 ކުންފުންޏަކުން 38 ބައިވެރިން ދަނީ މި ފެއާގައި ރާއްޖެ އިޝްތިހާރު ކުރަމުންނެވެ.

"ސަނީ ސައިޑް އޮފް ލައިފް" ތީމްގެ ދަށުން، ރާއްޖެ އިޝްތިހާރު ކުރުމަށް ޓޫރިޒަމް އިންޑަސްޓްރީ ގުޅިގެން ކުރާ މަސައްކަތުގައި އިސްވެރިއެއްގެ ގޮތުން، ފިތޫރު ފެއާގައި ބައިވެރިވެވަޑައިގަތީ އެމްއެމްޕީއާރުސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު އެވެ.

އެމްއެމްޕީއާރުސީން ބުނި ގޮތުގައި އިން-ބައުންޑް އަދި އައުޓް- ބައުންޓް ޓޫރިޒަމަށް ހާއްސަކޮށް ދުނިޔޭގައި ބާއްވާ އެންމެ މަޝްހޫރު އެއް ފެއާ ކަމަށްވާ ފިތޫރު ފެއާގެ ފުރަތަމަ ދެ ދުވަހު އޮންނާނީ ޓޫރިޒަމް ދާއިރާގެ ޕްރޮފެޝަނަލުންނާއެކު ބާއްވާ ބައްދަލުވުންތައް ކަމަށެވެ. އަދި ފަހު ދުވަހު އާއްމުންނަށް ހުޅުވާލާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ސްޕެއިންއަކީ އަބަދު ވެސް ރާއްޖެ އަށް ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަ ގައުމެކެވެ. އެ ގައުމުން މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް 22،947 މީހުން އައިސްފައިވެ އެވެ. އަދި މި ދިޔަ އަހަރު ރާއްޖެ އަށް ޖުމްލަ 1.3 މިލިއަން ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ.

ރާއްޖެ އިޝްތިހާރު ކުރުމަށް ހިނގާ ހަރަކާތްތަކުގެ ތެރެއިން، މި އަހަރު ރާއްޖޭގެ 40 އަށްވުރެ ގިނަ ޓޫރިޒަމް ފެއާގައި ބައިވެރިވާނެ އެވެ. އަދި ޓޫރިޒަަމް އިޝްތިހާރު ކުރުމަށް 100 މިލިއަން ރުފިޔާ ހޭދަކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެފައިވެ އެވެ.