ކުޅިވަރު

އެފްއޭއެމްގެ ކޮންގްރެސް އަންނަ މަހު

މި އަހަރަށް އެފްއޭއެމްގެ ބަޖެޓް ފާސް ކުރުމަށް ބާއްވާ ކޮންގްރެސް އަންނަ މަހު ބާއްވާ ގޮތަށް އެ އިދާރާއިން ނިންމައިފި އެވެ.

ކޮންމެ އަހަރަކުވެސް އެފްއޭއެމުން އެކުލަވާލާ ބަޖެޓަށް، ކުލަބުތަކުގެ ވޯޓުން ފާސް ކުރުމަށްޓަކައި ކޮންގްރެސްއެއް ބާއްވައި ބަޖެޓްގެ ތަފްސީލު ކޮންގްރެސްއަށް ހުށަހަޅަން ޖެހެ އެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު (ޖަވާ) ވިދާޅުވީ އަންނަ މަހުގެ މެދުތެރޭގައި ކޮންގްރެސް ބާއްވުމަށް މަސައްކަތް ކުރުމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ ބަޖެޓްގެ އިދާރީ މަސައްކަތްތައް މިހާރު ކުރުމުންދާ ކަމަށާއި ކޮންގްރެސްއަށް ބަޖެޓް ހުށަހަޅަނީ އެފްއޭއެމްގެ ހިންގާ ކޮމިޓީން ބަޖެޓް އެޕުރޫވް ކުރުމުން ކަމަށެވެ.

މިދިޔަ އަހަރު އެފްއޭއެމްގެ ބަޖެޓްގެ ގޮތުގައި ފާސް ކުރީ، 60 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ބަޖެޓެކެވެ. މިދިޔަ އަހަރުގެ ބަޖެޓަކީ ދަރަނި ބަޖެޓެކެވެ. މިދިޔަ އަހަރު އާންމުދަނީގެ ގޮތުގައި އެފްއޭއެމްއަށް ލިބޭނެ ކަމަށް އަންދާޒާ ކޮށްފައި ވަނީ ވަނީ 59،150،400.00 ރުފިޔާ އެވެ. ހިނގާނެ ހަރަދުގެ ގޮތުގައި ލަފާ ކޮށްފައިވަނީ، 60،818،403.87 ރުފިޔާ އެވެ. އެހެންވެ އެފްއޭއެމްގެ މިދިޔަ އަހަރުގެ ބަޖެޓަކީ، 1،668،003.87 ރ. ގެ ދަރަނި ބަޖެޓެ ކެވެ.

މިދިޔަ އަހަރުގެ ބަޖެޓްގައި އެންމެ ބޮޑު ހަރަދެއް ހިނގާނެ ކަމަށް އަންދާޒާ ކޮށްފައި ވަނީ ޕްރޮޖެކްޓް ތަކަށެވެ. ޕްރޮޖެކްޓްތަކަށް، ހަރަދު ވާނެ ކަމަށް ލަފާ ކޮށްފައި ވަނީ، 23،130،000 ރުފިޔާ އެވެ.

ދެން އެންމެ ބޮޑު ހަރަދެއް ހިނގާގައި ވަނީ އެފްއޭއެމުން ބާއްވާ މުބާރާތް ތަކަށެވެ. މުބާރާތްތަކަށް، 8،225،551.75 ރުފިޔާ އެވެ. އެއްފަހު ދެން އެންމެ ބޮޑު ހަރަދެއް ހިނގާފައި ވަނީ ހިންގުމުގެ ހަރަދު ތަކަށާއި އިދާރީ ހަރަދު ތަކަށެވެ. އެއީ، 7،989،370.06 ރ. އެވެ

މިދިޔަ އަހަރުގެ ބަޖެޓަށް އަށް ދާއިރާގެ އަކުން އާންމުދަނީ ލިބޭނެ ކަމަށް ލަފާ ކޮށްފައި ވެއެވެ. އޭގެ ތެރެއިން އެންމެ ބޮޑު އާންމުދަނީ އެއް ފޯރުކޮށް ދޭނެ ކަމަށް ބަޖެޓްގައި ޖަހާފައި ވަނީ ވަނީ ފީފާ މެދުވެރި ކޮށެވެ. ފީފާއިން ދޭނެ ކަަމަށް ލަފާ ކޮށްފައި ވަނީ، 30،994،200 ރުފިޔާ އެވެ.

އޭޝިއާގެ ފުޓްބޯޅަ އިދާރާ އޭއެފްސީ އިން ދޭނެ ކަމަށް ބަޖެޓްގައި ޖަހާފައި ވަނީ 3،855،000 ރުފިޔާ އެވެ. ދެ ވަނަ އަށް އެންމެ ބޮޑު އާމުދަނީ އެއް ލިބޭނެ ކަމަށް ހިމަނާފައި ވަނީ ސްޕޮންސާޝިޕުންނެވެ. ސްޕޮންސާޝިޕްގެ ގޮތުގައި 13،058،400 ރުފިޔާ ލިބޭނެ ކަމަށް ލަފާ ކޮށްފައި ވެއެވެ.