ވިޔަފާރި

އިންޑިޔާގައި ރާއްޖެ އިޝްތިހާރު ކުރަން ބޮޑު ފެއާއެއް ފަށައިފި

އިންޑިޔާގައި ރާއްޖެ އިޝްތިހާރު ކުރަން، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބޮޑު ފެއާއެއް ފަށައިފި އެވެ.

އިންޑިޔާގެ މުންބާއީ ވަންވޯލްޓް ޓްރެވަލް މާކެޓެއް (އޯޓީއެމް) ގެ ނަމުގައި ކުރިއަށްދާ މި ފެއާގައި ރާއްޖޭގެ 15 ކުންފުންޏަކުން 22 މީހުން ބައިވެރިވެ އެވެ. ފެއާ ކުރިއަށްދާނީ މިމަހުގެ 18-20 ވަނަ ދުވަހުގެ ނިޔަލަށެވެ.

އޯޓީއެމްގައި މިދިޔަ އަހަރު 60 ގައުމަކުން 1300 އެގްޒިބިޓަރުން ބައިވެރިވެފައިވެ އެވެ. އަދި މި ފެއާގައި މިދިޔަ އަހަރުވެސް 14،000 މީހުން ޒިޔާރަތް ކުރިއިރު، މީގެތެރޭގައި 445 ޓްރެވަލް ކުންފުނި ހިމެނެ އެވެ.

އިންޑިޔާއަކީ ރާއްޖޭގެ ޓޫރިޒަމްގައި އެންމެ އުންމީދީ އެއް މާކެޓެކެވެ. މިދިޔަ އަހަރުގެ ޖެނުއަރީން ނޮވެމްބަރު މަހުގެ ނިޔަލަށް 70،372 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރު އެ ގައުމުން އައި މީހުންނާ އަޅާ ބަލާއިރު 22.9 ޕަސެންޓް އިތުރު އަދަދެކެވެ.