ރާއްޖެ ކުޅިވަރު

ޒުވާން ހުނަރުވެރި ކުޅުންތެރިޔާ ބޮބީ ނިއުއަށް

Jan 18, 2018

ކްލަބް އީގަލްސް އިން މިދިޔަ އަހަރު ފުރަތަމަ ޑިވިޝަންނަށް ތައާރަފްވި ޒުވާން ހުނަރުވެރި މިޑްފިލްޑަރު ރިހާމް އަބްދު ގަނީ (ބޮބީ) ނިއު ރޭޑިއަންޓު ސްޕޯޓްސް ކްލަބަށް ސޮއިކޮށްފި އެވެ. ދިވެހި ފިޓުބޯޅައަށް އާނަމަކަށް ބޮބީ ވިޔަސް އޭނާ އަކީ ދިވެހި ފުޓްސަލް މައިދާނުގެ ވަރުގަދަ ތަރި އެކެވެ.

ގިނަ ބަޔަކަށް ނޭގުނަސް ބޮބީ އެންމެ ފުރަތަމަ ވިދާލީ ސްކޫލް ދައުރުގައި އިމާދުއްދީން ސްކޫލްގެ ޖާޒީގަ އެވެ. އޭނާ ވަނީ އިމާދުއްދީނާއެކު އިންޓަ ސްކޫލްވެސް ކާމިޔާބުކޮށްފަ އެވެ. އޭގެ ފަހުން ބޮބީ ވަނީ އީގަލްސްގެ ޒުވާން ޓީމާއެކު ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފަ އެވެ.

ކުރީގެ އީގަލްސް ކޯޗު ސާންތީ އާއެކު ޒުވާން އުމުރު ފުރާގެ ގައުމީ ޓީމުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރި ބޮބީ ފުރަތަމަ ޑިވިޝަންއަށް ނެރެދިނީ ސާންތީ އެވެ. މިދިޔަ އަހަރު މާލޭ ލީގުގައި ބޮބީ އެންމެ ފުރަތަމަ ކުޅުނު މެޗުގައި މާޒިޔާ އާއި ދެކޮޅަށް އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.

ބޮބީ އާއި ބެހޭގޮތުން ވާހަދަ ދައްކަމުން ސާންތީ މީގެކުރިން ބުނެފައިވަނީ ބޮބީ އަކީ ގައުމީ ފެންވަރުގައި ވިދާލާނެ ކުޅުންތެރިޔެއް ކަމަށާއި، އޭނާ އަކީ ދިވެހި ފުޓްބޯޅައަށް ކުރާ ހަދިޔާއެއް ކަމަށް ސާންތީ ވަނީ ބުނެފަ އެވެ.

ބޮބީގެ މޮޅު ކުޅުމާއެކު އޭނާ ވަނީ ރާއްޖެ ފަލަސްތީނާ ދެކޮޅަށް އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ކުޅެން ނެގި ގައުމީ ޓީމުގެ ސްކޮޑުން ޖާގަ ހޯދާފަ އެވެ.

މިދިޔަ އަހަރު މާލޭ ލީގުގެ ދެވަނަ ބުރުގައި އީގަލްސް ޓީމުން ބޮބީއަށް ފުރުސަތެއް ނުދެ އެވެ. މިގޮތަށް އެކްލަބުން ނިންމާފައި ވަނީ ބޮބީ ކްލަބް ފުޓުބޯޅަ އަށްވުރެ ފުޓްސަލްއަށް އިސްކަން ދިނުމުންނެވެ.

ނިއު ރޭޑިއަންޓު އަންނަނީ އާސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޒުވާން ކުޅުންތެރިން ކްލަބަށް ގެއްނަމުންނެވެ.

ޔޫތު ޗެމްޕިއަންޝިޕުގެ އެންމެ ގިނަ ލަނޑު ޖަހައި އަދި މުބާރާތުގެ މޮޅު ހަތަރު ކުޅުންތެރިންގެ ތެރޭގައި ހިމެނުނު މާޒިޔާގެ އިބްރާހިމް އަތީގާއި ސިޔާމް މައުރޫފް ސޮކާ ކަޕުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ހޯދި ހަސަން އަބްދުލްހަކީމް ވަނީ އާސީޒަނަށް ނިއު ރޭޑިއަންޓަށް ސޮއިކޮށްފަ އެވެ.