ހަބަރު

ހައިކޯޓުން ފާރިސް އަށް އިންސާފު ލިބުމުގެ ދޮރު ވަނީ ބަންދުވެފައި: ވަކީލުން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނަށް ރާއްްޖޭގެ ހައިކޯޓުން އިންސާފު ލިބުމުގެ ދޮރުން ބަންދުވެފައިވާ ކަމަށް ގަބޫލުކުރާ ހާލަތަށް ކަންކަން ގޮސްފައިވާ ކަމަށް ފާރިސްގެ ގާނޫނީ ވަކީލުން ވިދާޅުވެއްޖެ އެވެ.

ފާރިސްގެ ވަކީލުންގެ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުމޫން ހަމީދު ވިދާޅުވީ، ފާރިސްގެ ފަރާތުން ރާއްޖޭގެ ހައިކޯޓް ހަ މައްސަލައެއް ހުށަހަޅުއްވާފައިވާނެ ކަމަށެވެ. އެ ހަ މައްސަލަ އަށް އެއްވެސް ވަރަކަށް ފިޔަވަޅެއް ނާޅައި، ދިރާސާ ކުރުމަށް އެއްވެސް ބޭފުޅަކާ ހަވާލު ނުކުރެވި އޮންނަތާ 100 އަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް މައުމޫން ވިދާޅުވި އެވެ. އެކަންކަމުންވެސް ދޭހަވަނީ ހައިކޯޓަށް ފާރިސް އެތައް މައްސަލައެއް ހުށަހެޅި ނަމަވެސް ދޮރިތައް ބަންދުވެފައިވާ ކަމަށެވެ. އަދި އެއީ ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށް މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ، ބަންދާއި ހައްޔަރުގެ މައްސަލަތަކުގެ އިސްތިއުނާފްގެ މައްސަލަތަކަކީ ހައި ކޯޓުން އެންމެ އަވަސް މައްސަލަތަކުގެ ގޮތުގައި ނިންމާ މައްސަލަތައް ކަމަށާއި ފެނިގެންް މިދަނީ ހަމަ އެކަނި ފާރިސްގެ މައްސަލަތައް ލަސްވެގެންދާ މަންޒަރު ކަމަށެވެ. އަދި ވިދާޅުވީ، ފާރިސްގެ މައްސަލަ ތަކަށްވުރެ ފަހުން ހުށަހެޅި މައްސަލަތައް ވެސް ވަނީ ހައިކޯޓުން ބަލައިގަނެ އެ މައްސަލަތައް ނިންމަވައި ހުކުމް އިއްވަވާފައިވާ ކަމަށެވެ.

"މިކަން ކަމުން އިންގޭ ހައިކޯޓަށް ފާރިސް އެތައް މައްސަލައެއް ހުށަހެޅި ނަމަވެސް ދޮރިތައް ބަންދުވެފައިވާކަން، އެއީ އެއްވެސް މީހަކަށް ވެގެންވާނެ ގޮތެއް ނޫން، މިއީ ކަންބޮޑުވާން ޖެހޭ މައްސަލައެއް، އެކަމަށް އަވަސް ހައްލެއް ބޭނުން،" މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ، 2015 ވަނަ އަހަރު އެސްސީން ނިންމާފައިވާ ގޮތުގައި އިސްތިއުނާފް ކުރުމުގެ ދުވަސް 60 ނުވަތަ 90 ދުވަހުން ފެށިގެން އެމުއްދަތު ދިހަ ދުވަހަށް ކުރު ކޮށްފައިވާ ކަމަށެވެ. ނަމަވެސް ފާރިސް ހުށަހެޅި މައްސަލަތަކުގެ އިސްތިއުނާފްގެ އޭގެ ދިހަގުނަ އަށް ދުވަސް ތައް ގޮސްފި ކަމަށެވެ. ކޮންމެވެސް ސަބަބަކާހުރެ އެކަން ހުއްޓިފައިވާ ކަމަށާއި އެކަމަށް ގާނޫނީ މައްސަލައެއް ނުފެންނަ ކަމަށް މައުމޫން ވިދާޅުވި އެވެ.

"އެސްސީން ނިންމާފައިވަނީ 2015 ގައި އިސްތިއުނާފް ކުރުމުގެ ދުވަސް 60 ނުވަތަ 90 ދުވަހުން ފެށިގެން އެމުއްދަތު މި ކުރު ކުރެއްވީ ދިހަ ދުވަހަކަށް، އެއީ ވެސް އިންސާފު އަވަސް ކުރުމަށްޓަކައި، ނަމަވެސް އޭގެ ދިހަގުނަ އަށް ފާރިސް ހުށަހެޅި މައްސަލަތަކުގެ އިސްތިއުނާފްގެ ދުވަސްތައް ގޮސްފި، އެ މައްސަލަތައް ބަލައިގެން ކަމެއް ނުވަތަ ނޫން ކަމެއް، ނުވަތަ އިސްލާހުކުރަން ޖެހޭ ކަމެއް، މިހާ ދުވަސްވީ އިރު ނުވަލާ ހުންނާނެ ކަމަށް ގަބޫލެއް ނުކުރެވޭ،" މައުމޫން ވިދާާޅުވި އެވެ.

މައުމޫން އިތުރަށް ވިދާޅުވީ، މައްސަލައިގެ ހުކުމާ ހަމައަށް ފަނޑިޔާރުންނަށް ވާސިލް ވެފައި އޮންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެހެންކަމުން އެ މައްސަލަ އިތުރަށް ލަސްވާން ޖެހޭ އެއްވެސް ސަބަބެއް އޮންނާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.