ހަބަރު

މިއީ ސިޔާސީ ކަމެއް، ބޭނުމަކީ ރިސޯޓްތައް ހުއްޓުވާލުން: ވިލާ ކުންފުނި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނިން ހިންގާ ރިސޯޓުތަކަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި ފުލުހުން ހިމެނޭ ޓީމްތަކެއް އަރައި ފާސް ކުރަމުންދަނީ ސިޔާސީ މަންފާއެއް ހާސިލް ކުރުމަށް ކަމަށް ވިލާ ކުންފުނިން ބުނެފި އެވެ.

ވިލާ ރިސޯޓްތައް މެނޭޖްކުރުމުގައި އިސްކޮށް އުޅުއްވާ އޮފިޝަލަކު "އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ގާސިމްގެ ރިސޯޓްތައް ފާސް ކުރަމުންދަނީ ސިޔާސީ މަންފާއެއް ހާސިލް ކުރުމަށް ކަމަށާއި އެކަމަކީ އެއްވެސް އަސްލެއްނެތި ކުރަމުންދާ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ، އެކަމަކީ ގާސިމް އަށް ގެއްލުން ދިނުމަށް ސަރުކާރުން ހިންގަމުން ގެންދާ އަމަލެއް ކަމަށެވެ.

އޭނާ ވިދާޅުވީ، ގާސިމްގެ ރިސޯޓްތަކަށް ޓާގެޓްކޮށް ކަސްޓަމްސް އާއި ފުލުހުން ބޭނުން ކޮށްގެން އެ ރިސޯޓްތައް ބަލައި ފާސްކުރަމުންދަނީ އެ ރިސޯޓްތައް ހުއްޓުމަކަށް ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ކަމަށެވެ.

"މިކަމަކީ އެއްވެސް އަސްލެއް އޮތް ކަމެއް ނޫން، މިކަމަކީ ސަރުކާރުން ސިޔާސީ މަންފާއެއް ހާސިލް ކުރުމަށް ހިންގަމުން ގެންދާ އަމަލެއް،" އޮފިޝަލް ވިދާޅުވި އެވެ.

ގާސިމްގެ ރިސޯޓްތައް ބަލަމުން ގެންދާ މައްސަލަ އާއި ގުޅިގެން "އަވަސް" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ކަސްޓަމްސްގެ އޮފިޝަލަކު ވިދާޅުވީ ބޮންޑަޑް ވެއާ ހައުސް އިން ރިސޯޓުތަކަށް ހާއްސަކޮށް ބަނގުރާތައް ފޮނުވާ އިރު، އެ ފުޅިތައް ދަނީ އެ ފޮނުވި ރިސޯޓަށްތޯ ޔަގީން ކުރުމަށް އެކި ދުވަސްތަކުގެ މަތިން އޮޕަރޭޝަން ހިންގާ ކަމަށެވެ. އެގޮތުން ބޮންޑަޑް ވެއާ ހައުސް އިން ފޮނުވި ރާފުޅިތައް އެހެން ތަނަކަށް ފޮނުވާ ކަމަށް ބުނެ ލިބުނު ރިޕޯޓަކާ ގުޅިގެން ރޭ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށާއި ނަމަވެސް ބަލާ ފާސް ކުރަމުން ދަނީ ގާސިމްގެ ކުންފުނީގެ ރިސޯޓުތައް އެކަންޏެއް ނޫން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި އޮޕަރޭޝަން ހިންގަނީ ވަކި މީހަކަށް އަމާޒުކޮށްގެނެއް ނޫން، ރިޕޯޓެއް ލިބުމުން އެއާ ގުޅިގެން ބަލަން ޖެހޭ ބެލުންތައް މި ބަލަނީ، އޮޕަރޭޝަންތައް ނިންމާލުމަށް ފަހު އާންމު ކުރާނަން ކިތަށް ރިސޯޓުކަމާއި އިތުރު ތަފްސީލުތައް،" އޭނާ ވިދާޅުވި އެވެ.

ވިލާ ހޮޓެލްސް އިން ހިންގަމުން ގެންދާ ފަސް ރިސޯޓްގެ ތެރެއިން ރޯޔަލް އައިލޭންޑް ރިސޯޓް ފިޔަވައި ދެންހުރި ހުރިހާ ރިސޯޓެގައި ހުރި ބަނގުރާތަކާއި އޫރުމަސްތައް އެ ރިސޯޓްތަކުން ބާލައިގެން ގެންދިއުމުގެ މަސައްކަތް ކަސްޓަމުން ވަނީ މިރޭ ފަށާފައި އެވެ.

ރޭ ވެސް ވިލާ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ ހައި ސީޒަނާ ދިމާކޮށް ރިސޯޓްގައި ގެސްޓުން ފުރިފައި ވަނިކޮށް ފުލުހުންނާއި ކަސްޓަމްސްގެ އޮފިޝަލުން އެރަށަށް ދިޔުމުން ޓޫރިސްޓުންނަށް ވެސް އެކަމުން އަސަރުކޮށްފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ގެއްލުން ވާނީ ހަމައެކަނި ވިލާ ރިސޯޓަށް އެކަނި ނޫން ކަމަށާއި މުޅި ޓޫރިޒަމް އިންޑަސްޓްރީއަށް ވެސް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.