އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ނިއު ރޭޑިއަންޓާއި ޓީސީ ސްޕޯޓްސް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.
ލީގުގައި ފުރަތަމަ ކުޅުނު މެޗުން މޮޅުވެފައިވާ ދެ ޓީމުގެ ކުރިމަތިލުމުގެ ފުރަތަމަ މިނިޓުގައި ޓީސީގެ ކެޕްޓަން ޔާމީން އިބްރާހިމް (ޔާމްބެ) ތިރިތިރިން ފޮނުވާލި ހަމަލާއެއް ނިއުގެ އުޒްބެކިސްތާން ގޯލްކީޕަރު އަލޭޝާ އަހްމަދޯފް ވަނީ ދިފާއުކޮށްފަ އެވެ.
މެޗުގެ 21 ވަނަ މިނިޓުގައި ނިއުގެ ސްލޮވާކިއާ މިޑްފީލްޑަރު ވިލިއަމް މައްކޯ ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ނުރައްކާތެރި ބޯޅައެއް ހުރަސްކޮށްލި ނަމަވެސް، އެ ބޯޅަ އަށްއެރި ނިއުގެ ކެޕްޓަން އައްސަދު އަލީ (އަޑުބަރޭ) އަށް އެ ބޯޅަ ގޯލާ އަމާޒުކޮށްލެވޭ ގޮތެއްނުވި އެވެ.
ފުރަތަމަ ހާފު ނިމެނިކޮށް ޓީސީން ވަނީ ނިއުގެ ޑިފެންސް އަށް ބާރުބޮޑުކޮށްފަ އެވެ. ޕެނަލްޓީ އޭރިޔާ ތެރެއިން ޓީސީގެ ޒުވާން ފޯވަޑް ނާއިޒް ހަސަން ފޮނުވާލި ޝޮޓް ނިއުގެ ކުޅުންތެރިން ބްލޮކްކުރިއިރު، ޕެނަލްޓީ އޭރިޔާ ބޭރުން ޓީސީގެ އަހުމަދު ޒާދު ފޮނުވާލި ޝޮޓް ނިއުގެ ކީޕަރު އަހްމަދޯފް ވަނީ ދިފާއުކޮށްފަ އެވެ.
ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޓީސީގެ އަހުމަދު ނިޒާމަށް 65 ވަނަ މިނިޓުގައި ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، ނިއުގެ ގޯލްކީޕަރުގެ ބޯމަތިން އޭނާ ފޮނުވާލި ބޯޅަ ދިޔައީ މާ މަތިންނެވެ.
ޓީސީ އަށް ވަނީ ދެވަނަ ހާފުގައި ދެ ކައުންޓާ އެޓޭކެއްގައި ނިއު ކޮޅަށް ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތު ލިބިފަ އެވެ. މެޗުގެ 70 ވަނަ މިނިޓުގައި ނިޒާމް ޕެނަލްޓީ އޭރިޔާ ތެރެެއިން ފޮނުވާލި ބޯޅަ ގޯލު ރޮނގުމަތިން ދިފާއުކުރީ މުހައްމަދު ޝައްފާޒް (ސައްޕޭ) އެވެ. އަދި މެޗު ނިމެން ކައިރިވެފައިވަ ވަނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އިބްރާހިމް ވަހީދު ހަސަން އަށް ޔާމްބެ ތަނަވަސްކޮށްދިން ފުރުސަތުގެ ބޭނުން ވަހީދަކަށް ނުހިފުނެވެ.
ލީގުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި ވެލެންސިއާ އެވެ.