ރާއްޖެއަކީ އާބާދީގެ ނިސްބަތުން ލޭއަޅާ ކުދިން އެންމެ ގިނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ތެލަސީމިއާއަކީ ވާރުތަކުރާ ބައްޔަކަށް ވުމުން އެފަދަ ބައްޔެއް ކޮންޓްރޯލް ކުރެވޭނީ މުޖުތަމައު އެކަމަށް ވީހާވެސް ބޮޑަށް ހޭލުންތެރިވެގެންނެވެ. ރާއްޖޭގައި ލޭ އަޅާ ބަލި ހުންނަ މީހުންގެ ދަފްތަރެއް އެކުލަވާލާފައިވާއިރު ކޮންމެ އަހަރަކު އެވްރެޖްކޮށް 10 އަކަށް ވުރެ ގިނަ ކުދިން އެ ދަފްތަރަށް އިތުރުވެ އެވެ.
މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް)ގެ ތަފާސް ހިސާބުތަކަށް ބަލާއިރު ފާއިތުވި ފަސް އަހަރު ތެލަސީމިއާ ޕޭޝަންޓުންގެ ގޮތުގައި 92 މީހަކު ވަނީ ރަޖިސްޓްރީކޮށްފަ އެވެ.
ފަސް އަހަރުގެ ކޭސްތައް
* 2013 - 18 ކުދިން
* 2014- 27 ކުދިން
* 2015- 22 ކުދިން
* 2016- 14 ކުދިން
* 2017- 11 ކުދިން
ފަސް ލައްކައެއްހާ މީހުންގެ އާބާދީއެއްގައި މިއީ ކަންބޮޑުވާންޖެހޭ ވަރުގެ އިތުރުވުމެކެވެ.
ލޭއަޅާ ބައްޔަށް އޮތް ހަމައެކަނި ދާއިމީ ފަރުވާއަކީ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމެވެ. އުނދަގޫ އަދި ނުހަނު އަގުބޮޑު އެ އޮޕަރޭޝަނަކީވެސް 100 ޕަސެންޓް ކާމިޔާބު ޔަގީން އޮޕަރޭޝަނެއް ނޫނެވެ. ފާއިތުވި ތިން އަހަރުގެ ތެރޭގައި 23 ފަރާތެއްގެ ބޯންމެރޯ ހަދާފައިވާއިރު ކާމިޔާބު ވެފައިވަނީ 14 މީހެއްގެ އޮޕަރޭޝަނެވެ.
ތެލަސީމިއާ ކޮންޓްރޯލް ކުރުމަކީ ހެލްތު މިނިސްޓްރީން މިއަހަރު އެންމެ ބޮޑަށް ކޮންޓްރޯލްކުރަން އަމާޒު ހިފާފައިވާ ބަލިތަކުގެ ތެރޭން ބައްޔަކަށް ވާއިރު، ބައްޔަށް ރާއްޖޭގައި ދޭ ފަރުވާގެ ފެންވަރު ރަނގަޅު ކުރުމަށް އެ މިނިސްޓްރީން ވަނީ މިއަހަރު ތެރޭގައި މަސައްކަތްތަކެއް ކުރަން ނިންމާފަ އެވެ.
ތެލަސީމިއާ ބަލި ކޮންޓްރޯލްކޮށް އެމަސައްކަތްތަކުގައި ދުނިޔޭގެ އެންމެ ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ސައިޕްރަސްއާ އެކު ހެލްތު މިނިސްޓްރީން މިދިޔަ އަހަރު ވަނީ މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަން ފަށާފައެވެ. އެ މަޝްވަރާތަކަށް ފަހު ފުރަތަމަ އެހީއެއްގެ ގޮތުން ތެލަސީމިއާ ކުދިންނަށް ބޭނުންވާ ހާއްސަ ބައެއް ޓެސްޓުތައް ހެދޭނެ މަގު ފަހިކުރަން އައިޖީއެމްއެޗްގެ އެމްއާރްއައި މެޝިނަށް ހާއްސަ ސޮފްޓުވެއާއެއް އިންސްޓޯލްކުރުމަށް އެގައުމުގެ ތަޖުރިބާކާރުންގެ ޓީމެއް މިއަހަރު ރާއްޖެ އަންނާނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ރާއްޖޭގެ ތެލަސީމިއާ ދަފްތަރުގައި ލޭއަޅާމީހުންގެ ގޮތުގައި މިހާރު ތިބީ 861 މީހުންނެވެ.