އަހުލާގީ މައްސަލަތަކުގައި ރިޕޯޓްކުރާ ކުދިންގެ އުޅުން ރަނގަޅު ކުރުމަށް އެހީތެރިވާ ހާއްސަ ޕްރޮގްރާމްތަކެއް މިއަހަރު ހުރިހާ ސްކޫލެއްގައި ފަށަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ. އެ މިނިސްޓްރީން ބުނީ ކުދިންގެ އަހުލާގު އިސްލާހުކޮށް ރަނގަޅު އަހުލާގެއްގައި ކުދިން ދަމަހައްޓަން މި އަހަރު މުޅިން އާ ޕޮލިސީއެއް އެކުލަވާލައި ސްކޫލްތަކުގައި ތަންފީޒުކުރަން ފަށާނެ ކަމަށެވެ.
މާލޭގެ ދެ ސްކޫލެއްގެ ދެ ދަރިވަރަކަށް މި ހަފުތާގައި ދިން ދެ ހަމަލާގެ ތަފްސީލު ހާމަކުރުމަށް އިއްޔެ އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީން ބުނީ، ސްކޫލްތަކުގައި މީގެ ކުރިން ތަންފީޒުކުރެވިފައި ހުރި ޑިސިޕްލިނަރީ ޕޮލިސީތަކާއި، އެކި މައްސަލަތަކުގައި އަޅާ ފިޔަވަޅުތަކާއި ބޭރު ގައުމުތަކުގައި ކުދިންގެ އަހުލާގު ރަނގަޅުގޮތުގައި ދަމަހައްޓަންކުރާ ކަންކަން ދިރާސާކުރުމަށްފަހު ބިހޭވިއާ މނޭޖްމަންޓް ޕޮލިސީއެއް އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީން މިހާރު ކުރަމުންދާ ކަމަށެވެ. އަދި އެ ޕޮލިސީ މި އަހަރުގެ މާޗު މަހު ސްކޫލްތަކުގައި ތަންފީޒުކުރަން ފަށާނެ ކަމަށް ވިދާޅުވި އެވެ.
"ކުދިންގެ އަހުލާގު ހެޔޮގޮތުގައި ބައްޓަން ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ދަނީ ކުރެވެމުން. އަދި އެގޮތުން ކުރަމުންދާ ކަންކަން ހަރުދަނާ ކުރުމަށް މިއަހަރު އާ ޕޮލިސީއެއް އެކުލަވާލުމަށް ވަރަށް ބޮޑު މަސައްކަތެއް ކުރެވެމުން މި ދަނީ. އެ ޕޮލިސީ ތަންފީޒުކުރުމަށްޓަކައި ތައްޔާރުކުރަންޖެހޭ ވިޑިއޯއާ އެހެންވެސް ބައެއް މަސައްކަތްތައް މިހާރު ކުރިއަށްދަނީ،" އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
އާ ޕޮލިސީ ތައާރަފްކުރުމުން ސްކޫލްތަކަށް ކުދިންނާ ގުޅިގެން ކުދިންގެ މައްސަލަތައް ހައްލުކުރާނެ ވަރަށް ތަފްސީލު ގޮތްތަކެއް ސްކޫލްތަކަށް އެންގޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އެ ޕޮލިސީގެ ދަށުން އަދި ސްކޫލްތަކުގެ ވެރިންނަށާއި މުދައްރިސުންނަށް ކުދިންނާ ގުޅިގެން މަސައްކަތް ކުރުމުގެ ތަމްރީންތަކެއް ވެސް ދޭނެ ކަމަށާއި ރާއްޖޭގެ އެކި ސްކޫލްތަކުގައި އެކި އެކި އަހުލާގީ މައްސަލަތައް ހުންނަ ކުދިންނަށް ވެސް ވަކި ޕްރޮގްރާމްތަކެއް ހިންގާނެ ކަމަށެވެ.
"ރާއްޖޭގެ އެކި ސްކޫލްތަކުގައި ތިބި އަހުލާގީ މައްސަލަތައް ހުންނަ ކުދިންނަށް ވަކި ވަކިން ޕްރޮގްރާމްތަކެއް ހިންގާނެ. އޭގެ ބޭނުމަކީ އެކުދިންގެ ބޭނުންތައް ހޯދައިގަނެ އެ ބޭނުންތަކަށް އެޑްރެސް ކުރާނެ ގޮތްތަކެއް ހޯދައި ހާއްސަ އެހީތެރިކަމެއް ދިނުން، މިފަދަ ގޮތަކަށް އިންޑިވިޑުއަލް ސަޕޯޓް މިދިޔަ އަހަރުވެސް 50،000 އަށް ވުރެ ގިނަ ކުދިންނަށް ދީފައިވޭ،" މިނިސްޓްރީން ބުންޏެވެ.
ސްކޫލް މާހައުލާއި ކުދިންގެ އަހުލާގު ރަނގަޅުކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެޑިއުކޭޝަނުން ބުނެފައިވާއިރު މިހަފުތާގައި ހިނގި ދެ މާރާމާރީއާ ގުޅިގެން ބައެއް ފަރާތްތަކުން ދަނީ ސްކޫލްކުދިންގެ ރައްކާތެރިކަމާމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.