ދުނިޔެ

ޔޫރަޕަށް ވަރުގަދަ ތޫފާނެއް އަރައި އަށް މީހުން މަރުވެއްޖެ

ޔޫރަޕްގެ އުތުރުގެ ސަރަހައްދަށް ބުރާސް ފަތި ދުވަހު ވަރުގަދަ ތޫފާނެއް އަރައި އަށް މީހުން މަރުވެއްޖެއެވެ.

ތޫފާނުގެ ގަދަ ވައިގެ ސަބަބުން ހިނގި ހާދިސާތަކުގައި ޖަރުމަނުން ދެ މީހުން މަރުވިއެވެ. އެ ދެމީހުންނަކީ މަގުތަކަށް އެޅިފައިވާ ކުނިބުނި ނެގޭތޯ އުޅުނު އަލިފާން ނިވާ މީހުންގެ ތެރެއިން ދެމީހެކެ. ތޫފާނުގައި ނެދަލޭންޑްސް އިންް ހަ މީހުން މަރުވި އިރު އޭގެ ތެރެއިން ގިނަ މީހުން މަރުވީ މުލުންލީ ގަސްގަހުން ޖެހިގެންނެވެ.

ތޫފާން މިހާރު ވަނީ ޖަރުމަނު ހުރަސްކޮށް ޕޮލެންޑަށް އަރާފައެވެ.

ޕޮލެންޑަށް އެރި އިރު ތޫފާނުގެ ވައި ހުރީ ގަޑިއަކު 90 މޭލުގެ ބާރުމިނުގައެވެ. ޖަރުމަނަށް ތޫފާން އެރުމުން އެތައް ގެެއެއްގެ ފުރާޅު އެއްލާލައި ބޮޑެތި ގެއްލުންތައް ލިބުނު އިރު އެގައުމުގެ ދަތުރުފަތުރަށް ވެސް ވަނީ ބުރޫ އަރާފައެވެ. އެގައުމުގައި ރޭލު ދަތުރުގެ ހިދުމަތްދޭ ޑޮއިޝް ބާން އިން ވަނީ ދުރު ސަރަހައްދު ތަކަށް ކުރާ ހުރިހާ ދަތުރެއް އިއްޔެއިން ފެށިގެން ވަނީ ހުއްޓާލާފައެވެ. ތޫފާނުގައި ޖަރުމަނުގެ ކޮލޯންއާއި ޑުއިސްބާގް ފަދަ ބޮޑެތި ރަށްތަކަށް ގެއްލުން ވިއެވެ.

ނެދަލޭންޑްސްގެ ވެރިރަށް އާމްސްޓަޑަމް އަށް ވެސް ވަނީ ގެއްލުންތައް ލިބިފައެވެ. އެގޮތުން އެރަށުގައިވާ ސިފޯލް އެއާޕޯޓުގެ ޓާމިނަލްގެ ފުރާޅުގެ ޓިނުތައް އުކައިލުމުން އެ އެއާޕޯޓް ބަންދުކުރަން ޖެހުނެވެ.

ޖަރުމަނުގައި ތޫފާނަށް ދީފައިވާ ނަމަކީ ފްރިޑްރިކާއެވެ.

ތޫފާނުގެ ގަދަ ވައިގެ އަސަރު ބުދަދުވަހާއި ބުރާސްފަތިި ދުވަހު އިނގިރޭސިވިލާތަށް ވެސް ކުރިއެވެ.