ރިޕޯޓް

ގައުމީ ޓީމު ރަނގަޅު ކުރަން ކްލަބުތަކުގެ ޒިންމާ

މިދިޔަ ހަތަރު އަހަރަކީ ރާއްޖޭގެ ފުޓްބޯޅަ ދަށަށް ދިޔަ ހަތަރު އަހަރޭ ބައެއް ފަރާތްތައް ބުނެއެވެ. ގައުމީ ޓީމުގެ ނަތީޖާ ދަށް ވުމުގެ އިތުރަށް ޓީމުގެ ކުޅުން ގަނޑުވެސް ފެނުނީ ދަށް ކޮށެވެ. ނަތީޖާ ގޯސްވުމުން، ކޮންމެ ފަހަރަކު ހުރިހާ ޒިންމާއެއް އޮންނަނީ ކޯޗުގެ ބޮލަށެވެ. ކޯޗު ކަމުނުގޮސް، ކޯޗު ވަޒީފާއިން ބޭރު ކުރެ އެވެ. އަނެއްކާވެސް އެހެން ކޯޗެކެވެ. މިދިޔަ ހަތަރު ވަރަކަށް އަހަރު ތެރޭ، ނިސްބަތުން ރާއްޖެއަށް ވުރެން ގިނައިން ކޯޗުން ބަދަލު ކުރި އެހެން ގައުމެއް ސަރަހައްދުގައި ނެތެވެ.

ގައުމީ ޓީމު ރަނގަޅު ކުރުމުގެ މަސައްކަތް އޮތީ ހަމައެކަނި ކޯޗު އަތުގައި އެކަންޏެއް ނޫނެވެ. އަދި އެއީ ކޯޗާއި އެފްއޭއެމްގެ އެކަނި މަސައްކަތެއް ނޫނެވެ. ރާއްޖޭގައި ފުޓްބޯޅަ ތަރުތީބު ވެފައިވާ ގޮތުންނަމަ އެ މަސައްކަތް އެންމެ ފުރަތަމަ ގޮސް ގުޅެނީ، ކުލަބު ތަކަށެވެ. އެއީ ރާއްޖޭގައި އެކެޑެމީތައް އޮތް ނަމަވެސް ހުނަރުވެރި ކުޅުންތެރިން އަންނަނީ "ބޯން ޓެލެންޓް" ގެ ގޮތުގަ އެވެ. ބޯން ޓެލެންޓް ގޮސް ގުޅެނީ ސީދާ ކުލަބު ތަކަށެވެ. އެހެންވެ ކުލަބު ތަކުގެ ޒިންމާ މި ކަމުގައި މާ ބޮޑެވެ.

ނިއުރޭޑިއަންޓްގެ ކޯޗް އޮސްކާ ބުރުޒޮން ބަރޭރަސް ބުނީ، ގައުމީ ޓީމަށް ކުޅުންތެރިން ދިއުމުގެ ކުރިން ކުޅުންތެރިން ހާނުވާ ތަނަކީ ކުލަބުތައް ކަމަށެވެ. އެހެންވެ ގައުމީ ޓީމަށް ކުލަބު ތަކުގެ ބޮޑު ޒިންމާއެއް އެބައޮތްކަން ބުރުޒޮން ފާހަގަ ކުރި އެވެ.

ގައުމީ ޓީމު ނަތީޖާ ރަނގަޅު ކުރުމަށްޓަކައި، ގައުމީ ޓީމުގެ ގިނަ ކުޅުންތެރިން ތިބޭ ކުލަބުތަކުން އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭ ކަމަށް ދިވެހި ފުޓްބޯޅައިގެ ތަޖުރިބާ ކާރަކު ބުންޏެވެ.

"މިއީ ހަމަ ހިނގާފަ ހުރި ކަންކަން، ގައުމީ ޓީމުގެ ގިނަ ކުޅުންތެރިން ތިބި ކުލަބެއްގައި އެ ކުލަބުގެ ކޯޗު ޓީމުގެ ސްޓައިލް ބިނާ ކުރާ ގޮތުން އަސަރު ކޮށްފައި އެބަހުރި،" ކުލަބުގެ ނަމާއި ކޯޗުގެ ނަން ހާމަ ނުކޮށް ތަޖުރިބާކާރު ބުންޏެވެ.

"އެ ކޯޗަކީ އެހާ ބޮޑަށް ކޮމްބިނޭޝަން ގޭމް ކުޅުވާ ކޯޗެއް ނޫން، އެހެންވެ އެ ޓީމުގެ ތިބި ގައުމީ ޓީމުގެ ކުޅުންތެރިންގެ މެދުގައި ވެސް ކޮމްބިނޭޝަން ޕްލޭއެއް ނެތް."

ގައުމީ ޓީމުގެ މެޗަކަށް ތައްޔާރު ވާނަމަ، ގައުމީ ޓީމަށް ހުސްވެގެން ކުޅުންތެރިން ތިބެނީ ގާތްގަނޑަކަށް 15 ވަރަކަށް ދުވަހު އެވެ. ބާކީ އެހެން ދުވަސްތައް ކުލަބުގަ އެވެ. ކުރިން ވާހަކަ ދެއްކި ތަޖުރިބާކާރު ބުނީ ގައުމީ ޓީމަށް ކުޅުންތެރިން ދިއުމަކީ އެ ކުލަބަށް ވެސް ލިބޭ ހިތްހަމަ ޖެހުމެއް ކަމަށެވެ. ނަމަވެސް އެ ހިތްހަމަ ޖެހުން އެންމެ ބޮޑަށް އިހްސާސް ކުރެވޭނީ އެ ކުލަބުން ގައުމީ ޓީމަށް ދާ ކުޅުންތެރިޔާއަށް ކުލަބުން ވެސް އެއްބާރުލުން ދީގެންކަން އޭނާ ފާހަގަ ކުރި އެވެ.

"ކުލަބުން ގައުމީ ޓީމަށްދާ ކުޅުންތެރިޔާ އަށް، އެ ކުލަބުން ކޮށްދެވޭނެ އެންމެ ބޮޑު ކަމަކީ، އެކުޅުންތެރިޔާގެ ޓްރެއިނިން އާއި ކުޅުމުގެ ސްޓައިލް ރަނގަޅު ގެންގޮސް ދިނުން، ކުލަބުގެ ޓްރެއިނިން އެންމެ ރަނގަޅަށް ނުގެންދެވޭނަމަ ކުޅުންތެރިޔާ އަށް ގައުމީ ޓީމުގައި ވެސް އެކަމުން އަސަރު ކުރާނެ،" ކުރިން ވާހަކަ ދެއްކި ތަޖުރިބާކާރު ބުންޏެވެ.

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް ބުނީ، ގައުމީ ޓީމު ރަނގަޅު ކުރުމަށް ކުލަބު ތަކުގެ ޒިންމާ އަދާ ކުރުމުގެ ކުރިން ކުލަބުތައް ޒިންމާ އަދާ ކުރާނެ ގޮތް އެފްއޭއިން އެކަށައަޅަން ޖެހޭ ކަމަށެވެ. އެއީ ގައުމީ ޓީމަށް ކުޅުންތެރިން ނެގުމުގައި އެފްއޭގެ ޓެކްނިކަލް ޑިޕާޓްމެންޓުން އެކަށައަޅާ ކްރައިޓީރިއާއެއް އޮތުމެވެ.

"އެފްއޭއެމުން ނިންމަންވީ، ނެޝަނަލް ޓީމު ސިލެކްޝަން ކްރައިޓީރިއާ އެއް، ނެޝަނަލް ޓީމު ޖޯޒީ ލެވޭނީ މިވެނި މިންގަނޑެއްގައި އެކުޅުންތެރިޔެއްގެ މިވެނި ކަންކަމެއް ފުރިހަމަ ކޮށްފައި ހުރެގެނޭ، މިވެނި މިނެޓެއް ފުރިހަމަ ވަންދެން ގޭމް ކުޅެފައިވާ ކުޅުންތެރިޔަކަށޭ، މިވެނި ވަރަކަށް ފިޒިކަލް ފިޓްނަސް ހުރި ކުޅުންތެރިޔަކަށޭ،" ނިޒާމް ބުންޏެވެ. "އެ ކްރައިޓީރިއާ ކަނޑައަޅާފަ އޮތީމަ ކުލަބު ތަކުން މަސައްކަތް ކުރާނެ އެ ޓީމެއްގެ ކުޅުންތެރިން އެ ކްރައިޓީރިއާ ފައްތަން."

ޓީމުތަކުގެ ޓްރެއިނިންއިން ކުޅުންތެރިޔާ ފައްކާ ކުރުމަށް މަސައްކަތް ކުރާއިރު އެކަމަށް އޮތް ހުރަސްތައްވެސް ބޮޑުކަން ރާއްޖޭގައި އުފެދުނު ހުނަރުވެރި ކުޅުންތެރިޔަކު ފާހަގަ ކުރި އެވެ.

"ދެ ކުލަބަށް މި ލިބެނީ އެއް ދަނޑު، ދަނޑު ދެ ބަޔަށް ބަހައިގެން ކުލަބުތަކުގެ ޕްރެކްޓިސް މި ކުރަނީ، ކޮންމެ ގޮތެއްވިޔަސް ފުލު ދަނޑެއްގައި ޕްރެކްޓިސް ކޮށްގެން އަންނަ އިންޓެންސިޓީއަށް ވުރެ، ހާފު ދަނޑުގައި ކުރާ ޕްރެކްޓިހުން އަންނަ އިންޓެންސިޓީ ކުޑަ ވާނެ،" އޭނާ ބުންޏެވެ. "ކުލަބު ތަކުގެ ޒިންމާގެ ވާހަކަ ދެއްކުމުގެ ކުރިން ކުލަބުތަކަށް ބޭނުން ކުރަން ހުރި ރިސޯސްތަކުގެ ވާހަކަވެސް ދައްކަން ޖެހޭ، ކުލަބުތަކަށް ހުރި ރިސޯސްގެ ނިސްބަތް ކުޑަ ވާނަމަ، ކުލަބުތަކުން އަންނާނެ މިންވަރުވެސް ކުޑަ ވާނެ."

ގައުމީ ޓީމަށް އަލަށްދާ ކުޅުންތެރިޔާއަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ، އިންޓަނޭޝަނަލް މެޗުތަކުގެ ތަޖުރިބާ މަދު ވުމެވެ. އެކަމަށް ހައްލު ހޯދޭނެ ގޮތް ކުލަބު ފޯމިއުލާއިން ހޯދި ދާނެ އެވެ. އެއީ ކުލަބުތަކަށް ހާއްސަ ކޮށް ބާއްވާ އިންޓަނޭޝަނަލް މުބާރާތްތަކެވެ. ޓީސީން ވަނީ މިދިޔަ އަހަރު ބަންގުލަދޭޝްގައި ބޭއްވި ޝައިހް ކަމާލު ކުލަބު މުބާރާތުގައި ވާދަ ކޮށްފަ އެވެ. އެ މުބާރާތް ޓީސީންވެސް ކާމިޔާބު ކުރި އެވެ.

އެ މުބާރަތަށް ފަހު، ޓީސީގެ ކޯޗު ނިޒާމް ބުނީ ރާއްޖެއަށްވެސް އިންޓަނޭޝަނަލް ކުލަބު މުބާރާތެއް މުހިންމު ކަމަށެވެ. ކުޅުންތެރިންނަށް ކުލަބު ލެވަލުގައި އިންޓަނޭޝަނަލް ތަޖުރިބާ ހޯދައިދިނުމަކީ، ކުޅުންތެރިން ގައުމީ ޓީމަށް ދާއިރު ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ނިޒާމު ފާހަގަ ކުރި އެވެ. ކުލަބު ތަކުން ގައުމީ ޓީމަށް ކޮށްދެވޭނެ އެންމެ ބޮޑު ކަމަކީ އެ ކުޅުންތެރިންނަށް އިންޓަނޭޝަނަލް ތަޖުރިބާ ހޯދައިދިނުމެވެ. ނަމަވެސް މިކަން ކުރެވޭނީ ރާއްޖޭގެ ކުލަބުތަކަށް ހާއްސަ ކޮށް ބޭރުގެ ކުލަބުތަކާއެކު މުބާރާތެއް ބާއްވައިގެންނެވެ.

ކުލަބުތަކުގެ ޒިންމާ އަދާ ކުރެވޭނެ އިންތިޒާމުތަކެއް ރާއްޖޭގެ ފުޓްބޯޅައަށް ވަރަށް މުހިންމެވެ. އެއީ ގައުމީ ޓީމު ނަތީޖާ ރަނގަޅު ކުރުމަށް ކުލަބުތަކަށްވެސް ވަކި ޑިމާންޑްތަކެއް ދީގެން މަސައްކަތް ކުރުވުމަށެވެ.