އެމެރިކާ

ބަޖެޓް ފާސް ނުކުރެވި، އެމެރިކާ ސަރުކާރު ހުއްޓުމަކަށް

ބަޖެޓް ފާސް ކުރުމަށް އެެމެރިކާގެ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުންގެ ރުހުން ނުހޯދި، ބަޖެޓް ފާސް ނުކުރެވުމުގެ ސަބަބުން ސަރުކާރު ހުއްޓުމަކަށް ގެންނަން ޖެހިއްޖެ އެވެެ.

ބީބީސީ ބުނީ ބަޖެޓާއި މެދު ދެޕާޓީން އެއްބަސްވުމަަކަށް ނާދެވި ވާއިރު ހުކުރު ދުވަހުގެ ރޭގެ މެންދަމާ ހަމައަަށް ބަަޖެޓް ފާސް ނުކުރެވިއްޖެ ނަމަ ސަރުކާރު ހުއްޓުމަކަަށް އަންނާނެ ކަަމަށެވެ.

ސަރުކާރު ހުއްޓުން ކަމަށް އެމެރިކާގައި ސިފަކުރަނީ ބައެއް ހިދުމަތް ތަކަށް ހަރަދު ކުރުމުގެ ގާނޫނީ ހުއްދަ ނެތި، އެ ހިދުމަތްތައް ހުއްޓައިލަންް ޖެހުމަަށެވެ. ނަމަވެސް އެގޮތަށް ހުއްޓައިލަން ނުޖެހޭ ގިނަ ހިދުމަތްތަކެއް އެ ގައުމުގައި ވެއެވެ. އެގޮތުން ގައުމީ ސަލާމަތާ ގުޅޭ ހިދުމަތްތަކާއި ޕޯސްޓްގެ ހިދުމަތާއި ވައިގެ ދަތުރުތަކާ ގުޅޭ ހިދުމަތްތަކާއި ސިއްހީ ހިދުމަތްތަކާއި ކާރިސާތަކާ ގުޅިގެން ދޭ ހިދުމަތްތަކާއި ގައިދީންގެ ކަންތަކާއި ޓެކްސްގެ ނިޒާމު ހުއްޓުމަކަށް ނާންނާނެ އެވެ.

ނަމަވެެސް އެހެން ބައެއް ހިދުމަތްތައްދޭ ގިނަ އަދަދެއްގެ މުވައްޒަފުން ގޭގައި މަޑުކޮށް، ނެޝަނަލް ޕާކް ފަދަ ތަންތަން ހުންނާނީ ބަންދުކޮށްފައެވެ. އެމެރިކާގައި އެންމެ ފަހުން މިގޮތަށް ކަންތައް ދިމާވީ 2013 ވަނަ އަހަރުުއެވެ. އެފަހަރު އާއްމުން އެކަމާ ވަރަށް ރުޅިއައެެވެ.

އެމެރިކާ ޕާލަމެންޓްގެ ދެ ގޭގެ އަޣުލަބިއްޔަތު އޮތީ ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީއަށެވެ. ނަމަވެސް ޑިމޮކްރެޓިކް ޕާޓީގެ ވޯޓަކާ ނުލައި ބަޖެޓް ފާސްކޮށްލެވޭ ވަރުގެ އަޣުލަބިއްޔަތެއް ރިޕަބްލިކަންގެ ނެތެވެ. ބަޖެޓް ފާސްކުރަން 60 ވޯޓް ބޭނުން ވާއިރު ކޮންގްރެސްގައި ތިއްބެވީ ރިޕަބްލިކަން ޕާޓީގެ 51 މެމްބަރުންނެވެ.

ބަޖެޓް ފާސްކުރުމާ މެދު މަޝްވަރާ ކުރަން ދެޕާޓީން ބައްދަލުވުންތައް ބޭއްވި ނަމަވެސް އެކަމުގައި އެއްބަސްވުމަކަކަށް ނާދެވުނީ ކުޑަކުދިންގެ ގޮތުގައި އެމެރިކާއަށް އައިސް ތިބި ރެފިއުޖީންނަށް އެގައުމުން ބޭރު ނުކުރާ ގޮތަށް ކުރީގެ ރައީސް ބަރަކް އޮބާމާގެ ދުވަސްވަރު އުފައްދާފައިވާ " ޑްރީމާސް" ސްކީމް އުވައިލަން މިހާރުގެ ސަރުކާރުން ހުށަހަޅާފައި ވާތީއެވެ.

އެކަމާ މަޝްވަރާ ކުރަން ބޭއްވި ބައްދަލުވުމެއްގައި އެފްރިކާގެ ގައުމުތަކަށް ފުރައްސާރަ ރައްދުވާ ގޮތަށް ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ވާހަކަފުޅު ދެއްކެވި މައްސަލައެއް ވެސް ވަނީ ހޫނުވެފައެވެ.