އާ ގާނޫނު އަސާސީ ވުޖޫދަށް އައުމާއެކު ރާއްޖެއަށް އައި އެންމެ ބޮޑު ބަދަލަކީ މިނިވަން ކަމާއެކު ޝަރުއީ ދާއިރާގެ ކަންކަން ހިންގުމުގެ ފުރުސަތު ލިބުމެވެ. ކުރިން ރައީސުލް ޖުމްހޫރިއްޔާގެ ސީދާ ބާރުގެ ދަށުގައި އޮތް އެ ބާރު މިނިވަން ވަކި ބާރެއްގެ ގޮތުގައި ހަމަޖެހިގެން ދިއުމެވެ. އާ ގާނޫނު އަސާސީއާއެކު ޑިމޮކްރެޓިކް އުސޫލުތަކަށް ލިބޭނެ ކަމަށް ލަފާ ކުރެވުނު އެންމެ ބޮޑު ފަސޭހައަކީ ވެސް ޖުޑިޝަރީ މިނިވަންވުމެވެ.
އާ ގާނޫނު އަސާސީއަށް މިހާރު ހަ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު ވެސް ޝަރުއީ ދާއިރާއާ މެދު ގިނަ ބަޔަކު ކުރި އުއްމީދުތައް ހާސިލެއް ނުވެއެވެ. އޭގެ ބަދަލުގައި އެންމެ ފާޑު ކިޔުން ބޮޑުވެފައިވާ ދާއިރާއަކީ ޝަރުއީ ދާއިރާ އެވެ.
އާ ގާނޫނު އަސާސީގެ ފަހުން ދެ ރައީސަކު ވެރިކަންކޮށް، ތިން ވަނަ ރައީސަކު ވެރިކަން ކުރައްވަމުން ގެންދަވާއިރު އަބަދުވެސް އެންމެ ބޮޑު ފާޑު ކިޔުމެއް އޮތީ ޝަރުއީ ނިޒާމަށެވެ. އެހެން ގޮތަކަށް ބުނާ ނަމަ ޝަރުއީ ނިޒާމް މިނިވަން ނުވެ އޮތްއިރަށް ވުރެ މިނިވަންކަން ލިބުނު ފަހުން އަންނަ ފާޑު ކިޔުން ގިނަ އެވެ.
ވަކި ޕާޓީއަކަށް ތާއީދުކުރާ ބަޔަކާ މެދު ރަނގަޅަށް ކަންތައްކޮށްދޭ ވާހަކަ އާއި އެހެން ޕާޓީތަކުގެ މީހުންނަށް އެ އުސޫލުން ކަންތައްތައް ކޮށް ނުދޭ ވާހަކަ އެވެ. ވަކި ބަޔަކު ހައްޔަރު ކުރުމަށާއި މުއްދަތު ޖަހަން ރޭގަނޑު ކޯޓު ހުޅުވޭއިރު އެހެން މީހުންނާ މެދު އެ އުސޫލުން އަމަލު ނުކުރެވޭ ވާހަކަ އެވެ. ވަކި ބައެއްގެ މައްސަލަތައް އެތައް އަހަރެއް ވަންދެން ކޯޓުތަކުގައި މަޑުޖެހިފައި ހުންނައިރު ބައެއް މީހުންގެ މައްސަލަތައް "ހަވާ ފަޓާސް ބަރިއެއްހެން" އަވަހަށް ހުކުމްކޮށް، ނިންމާލަދޭ ވާހަކަ އެވެ. މިހެން ގޮސް އެތައް ޝަކުވާ އެކެވެ.
ޝަރުއީ ނިޒާމާ މެދު ފާޑު ކިޔުން އަންނަނީ ރާއްޖެއިން އެކަންޏެއް ނޫނެވެ. ބައިނަލްއަގްވާމީ ޖަމާއަތްތަކުން ވެސް އަބަދުހެން ގޮވަމުންދަނީ ޝަރުއީ ނިޒާމް މިނިވަން ނޫން ކަމަށާއި އެ ނިޒާމާ މެދު އިތުބާރު ބޮޑުކުރަންޖެހޭނެ ކަމަށެވެ.
ވަކި ބަޔަކަށް އެ ނިޒާމްގެ ތެރެއަށް އަތް ބޭނޭ ގޮތަށް ނިޒާމް ފަރުމާ ކުރެވިފައިވާ ކަމަށެވެ. ވަކިން ޚާއްސަކޮށް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތް ފެށުނު ހިސާބުން ފެށިގެން ޖުޑިޝަރީއާ މެދު ބައިނަލްއަގްވާމީ ޖަމާއަތްތަކުގެ ބޮޑެތި ފާޑު ކިޔުންތަކެއް މިވަނީ އަމާޒުވެފަ އެވެ.
އެންމެ ކަންބޮޑުވާންޖެހޭ ކަމަކީ މި ހުރިހާ ފާޑު ކިޔުންތަކެއް އަބަދުހެން އަންނަމުންދާއިރު ވެސް ކޯޓުތަކުގެ އެންމެ އިސް ބެލެނިވެރިޔާ ކަމަށްވާ ސުޕްރީމް ކޯޓު ހިމޭނުން އޮތުމެވެ. ނަޝީދުގެ ޝަރީއަތުގައި ގޯސްތަކެއް ހިނގާފައިވާ ކަމަށް އދ. އާއި ބޭރުގެ އެތައް ގައުމަކުން ބުނަމުންދާއިރު ވެސް އަދުލު އިންސާފު ގާއިމް ކުރުމުގެ އެންމެ މަތީ ފަރާތް ކަމަށްވާ ސުޕްރީމް ކޯޓުން އެއްވެސް އެއްޗެއް ނުބުނެ އެވެ. އޭގެ ކުރިން ވެސް ބޭރުގެ ޖަމާއަތްތަކުން ޝަރުއީ ނިޒާމާ މެދު ފާޅުކުރާ ކަންބޮޑުވުންތަކަށް އެ ކޯޓުން ރައްދެއް ނުވަތަ ޖަވާބެއް ވެސް ދީފައި ނުވުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ.
ގިނަ ޕާޓީތައް އެކުލެވޭ ސިޔާސީ ނިޒާމެއް ތައާރަފްވެފައި އޮންނައިރު އަދި ސިޔާސީ ކަންކަމުގައި ހަލަބޮލިވެފައިވާ ގައުމެއްގައި އެންމެ ބޭނުންވާނެ އެއް ކަމަކީ މިނިވަން ޝަރުއީ ނިޒާމެކެވެ. ހައްގު ހޯދަން ދާން އޮތް ތަނަކީ ކޯޓުތައް ކަމަށްވާއިރު އެ ނިޒާމާ މެދު ރައްޔިތުންގެ އިތުބާރު ލިބިފައި އޮންނަންޖެހޭނެ އެވެ. އެ ނިޒާމާ މެދު ބައިނަލްއަގްވާމީ ޖަމާއަތްތަކުން ކިޔަމުންދާ ފާޑު ކިޔުންތައް ބަލައިގަނެ، އެކަންކަން އިސްލާހު ކުރަން މަސައްކަތް ވެސް ކުރަންޖެހޭނެ އެވެ. އެހެން ނޫން ނަމަ ޝަރުއީ ނިޒާމާ މެދު ރައްޔިތުންގެ އިތުބާރު ގެއްލި މީހުންގެ ހައްގުތައް ގެއްލި، ހައްގު ހޯދަން ދާނެ ތަނެއް ނެތިދާނެ އެވެ.