ހަބަރު

ގާސިމަށް ގެއްލުންދީގެން ސަރުކާރަށް ގެއްލޭނީ ތާއީދު: އުމަރު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށާއި އެމަނިކުފާނުގެ ވިޔަފާރިތަކަށް ގެއްލުންދީގެން ސަރުކާރަށް ގެއްލޭނީ ތާއިދު ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު ނަސީރު މިހެން ވިދާޅުވީ، ފުލުހުންނާއި ކަސްޓަމްސްއިން މިއަދު ވިލާގެ ފަން އައިލެންޑް ރިސޯޓަށް ކޯޓު އަމުރެއްގެ ދަށުން އެރުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ.

އުމަރު ވިދާޅުވީ، ގާސިމްގެ ރިސޯޓްތަކަށް ގެއްލުން ދީގެން ކުރީގެ ސަރުކާރަށް ވެސް ވީ ގެއްލުން ކަމަށާއި މި ސަރުކާރަށް ވެސް އެކަމުން ވާނީ ގެއްލުން ކަމަށެވެ.

"ގެއްލޭނީ ތާއިދު އަދި ބަލި ވާނީ އިންތިހާބުން، މިއީ ތަޖުރިބާ ކުރެވި ފެއިލްވެފައިވާ ސިޔާސަތެއް،" އުމަރު ވިދާޅުވި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ވެސް ގާސިމްގެ ފަސް ރިސޯޓަކަށް ފުލުހުންނާއި ކަސްޓަމްސް ހިމެނޭ ތަހުގީގެއް ޓީމެއް އަރާފައިވާ މިއީ މިކަމުގައި އުމަރު އެއްޗެއް ވިދާޅުވި ފުރަތަމަ ފަހަރެވެ. އުމަރު ދާދިފަހުން ވަނީ ގާސިމްގެ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން، ގާސިމަކީ އަންނަ ރިޔާސީ އިންތިހާބަށް އިދިކޮޅުން ނެރޭ ކެންޑިޑޭޓުގެ ގޮތުގައި ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ގަވާއިދާ ހިލާފަށް ބަނގުރަލާއި އޫރުމަސް އެތެރެކޮށްފައިވާ ކަމަށް ބުނެ ކަސްޓަމްސް ސާވިސް އާއި ފުލުހުން ހިމެނޭ ތަހުގީގު ޓީމް ގާސިމްގެ ފަސް ރިސޯޓް ކަމަށްވާ ރޯޔަލް އައިލެންޑާއި ފަން އައިލެންޑާއި ޕެރަޑައިސް އާއި ހޮލިޑޭ އައިލޭންޑް އަދި ސަން އައިލެންޑަށް މިދިޔަ ބުދަ ދުވަހު އަރައި ވަނީ ފާސްކޮށްފަ އެވެ. އަދި ކޯޓް އަމުރުގައި ދީފައިވާ ވަގުތު ހަމަވުމުން އެރިސޯޓްތަކުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެ ޓީމްތަކުން ވަނީ ފައިބާފައެވެ. ނަމަވެސް އެ ރިސޯޓުން އެއްވެސް އެއްޗެއް ގެންގޮސްފައެއް ނުވެ އެވެ. ނަމަވެސް ފަން އައިލެންޑް ރިސޯޓްގެ ބައެއް ބަނގުރާ ފުޅިތަކުގައި ކަސްޓަމްސްގެ ލޭބަލް ޖަހައި ބޭނުން ނުކުރަން އެންގި އެވެ.

އިތުރު ކޯޓް އަމުރެއްގެ ދަށުން ފުލުހުންނާއި ކަސްޓަމްސްގެ އޮފިސަރުންގެ ޓީމެއް ވަނީ މިއަދު ފަން އައިލޭންޑަށް ގޮސްފަ އެވެ. ފަން އައިލެންޑަށް އަރާފައިވަނީ ފަސް ދުވަހުގެ މުއްދަތަށް ކޯޓުން ނެރެފައިވާ ބަލާ ފާސްކުރުމުގެ އަމުރެއްގެ ދަށުންނެވެ.

ވިލާގެ ކުންފުނިތަކަށް ކަސްޓަމްސް އާއި ފުލުހުން އަރާފައިވާތީ ރިސޯޓްތަކުގެ ބައެއް މުވައްޒަފުން ދަނީ ނުރުހުން ފާޅުކޮށް، އެ މުވައްޒަފުންގެ ޝުއޫރުތައް ފާޅުކުރަމުންނެވެ. މީގެ އިތުރުން އިދިކޮޅު ގިނަ ފަރާތްތަކަކުން ވެސް ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.