ކުޅިވަރު

މިހިސާބުން ފަސް އެނބުރި ބެލުމެއް ނެތް: ނިޒާމް

ކުރިއަށް އޮތް ސީޒަނަކީ، ރާއްޖޭގެ އެންމެ މަތީ ފުޓްބޯޅައިގައި ޓީސީ ވާދަ ކުރާނެ ހަތަރު ވަނަ ސީޒަނެވެ. ހަތަރު ވަނަ ސީޒަންގައި އެ ޓީމުން މި ވަނީ އޭއެފްސީ ކަޕުގެ ރޭހުގައި ހިމެނިފަ އެވެ. ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ ފުޓްބޯޅައިގައި ޓީސީ ހޯދި ކާމިޔާބު ފާހަގަ ކުރަން ޖެހެ އެވެ.

އޭއެފްސީ ކަޕުގެ ގުރޫޕް ސްޓޭޖުން ޖާގަ ހޯދުމުގެ ފުރަތަމަ މަރުހަލާއަށް ޓީސީ މި ވަނީ ކުރިމަތި ލާފަ އެވެ. އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ ބުރުގައި ބަންގުލަދޭޝްގެ ސައިފް ސްޕޯޓްސް ކުލަބާ ދެކޮޅަށް ބަންގުލަދޭޝްގައި ކުޅޭ ފުރަތަމަ ލެގް މެޗަށް ޓީސީ ވަނީ އެ ގައުމަށް ގޮސްފަ އެވެ.

ޓީސީގެ ކޯޗް މުހައްމަދު ނިޒާމް ބުނީ، މިހާހިސާބުން ފަސް އެނބުރި ބަލަން ބޭނުން ނުވާ ކަމަށާއި ޓާގެޓަކީ އޭއެފްސީ ކަޕު ގުރޫޕް ސްޓޭޖުން ޖާގަ ހޯދުން ކަމަށެވެ. އޭއެފްސީ ކަޕްގެ ތައްޔާރީތައް ޓީސީން ފެށީ، މިދިޔަ ސީޒަން ނިމުމަށް ފަހު ގާތްގަނޑަކަށް 20 ދުވަސް ފަހުންނެވެ. ނިޒާމް ބުނީ ޓީސީން އޭއެފްސީ ކަޕާ ކުރިމަތި ލަނީ ގިނަ ޗެލެންޖްތަކާއެކު ކަމަށެވެ. އޭގެ ތެރޭގައި އެކުވެރި ކަމުގެ ވާދަވެރި މެޗުތަކެއް ކުޅެން ފުރުސަތު ނުލިބުންވެސް ނިޒާމް ފާހަގަ ކުރި އެވެ.

"އޭއެފްސީ ކަޕަށް ތައްޔާރުވާން މި ފެށީ ހަމަ ކިރިޔާ ރިކަވާ ވެލައިގެން، ވަރަށް ކުރު މުއްދަތެއް ލިބުނީ، ޓީމު ހަދަން ބަލާއިރުގައިވެސް އެހާ ބޮޑު ޗޭންޖެއް ގެނެސްގެން ޓީމު ހަދައިފި ކަމަށްވަންޏާ، ދިގު މުއްދަތެއް ބޭނުން ވާނެތީ އެކަހަލަ ވަރަށް ގިނަ ޗެލްންޖްތަކެއް އެބަހުރި،" ނިޒާމް ބުންޏެވެ.

"ރާއްޖޭގެ ސީޒަން މިދިޔަ އަހަރު ނިމުނު ހިސާބުން ފެށިގެން އަދި ސައިފް މެޗާ ހަމަޔަށް، އެންމެ އައިޑިއަލް ގޮތަކީ މި ދޭތެރޭގައި ކޮމްޕެޓެޓިވް [ވާދަވެރި] ރަނގަޅު ތިން ވަރަކަށް މެޗު ލިބުނު ނަމަ ވަރަށް ބޮޑުތަން ރަނގަޅު ކޮށްލާނެ ފުރުސަތު ލިބުނިސް، ނަމަވެސް އޮންނަ ހާލަތަކަށް ރިއާޔާތް ކޮށްފަ ތައްޔާރު މިވަނީ، އެހެން ނަމަވެސް އެހެން ނުވުމަކުން ޓީމުގެ ފެންވަރު ގޯސް ނުވާނެ."

ސައިފް މެޗަށް ހާއްސަކޮށް ޓީސީގެ ގޭމް ޕްލޭން ފައްތާނެ ކަމަށް ބެލެވެނީ ހަލުވި ގޭމް ޕްލޭނެއްގެ މައްޗަށެވެ. މާލޭގައި ނިޒާމް ކުރިއަށް ގެންދިޔަ ޕްރެކްޓިސް ޝެޝަންތަކުގައި އޭނާ ބޮޑަށް ފޯކަސް ކޮށްފައި ވަނީ ސްޕީޑް ގޭމް ޕްލޭނެއްގެ މައްޗަށެވެ.

އޭއެފްސީ ކަޕަށް ހާއްސަކޮށް ސައިފްގެ ޓީމު ވަނީ ވަރުގަދަ ކޮށްފަ އެވެ. ބަންގާޅުގެ ޗިޓަންގޮންގް އަބަހާނީއަށް ކުޅޭ ހަ ކުޅުންތެރިޔަކު ލޯން އުސޫލުން އެ ޓީމަށް ވަނީ ގެނެސްފަ އެވެ. ނަމަވެސް މިދިޔަ އަހަރު ބަންގާޅުގައި ބޭއްވި ޝައިހް ކަމާލް ކުލަބު ކަޕްގައި ޓީސީން ވާދަ ކޮށްފައިވުމުން އެ ހިތްހަމަޖެހުން ޓީސީ އޮތްކަން ނިޒާމް ފާހަގަ ކުރި އެވެ.

"އެ ކުޅުންތެރިންނަކީ މިދިޔަ ސީޒަންގައި ޓީސީއާ ދެކޮޅަށް ކުޅުނު ކުޅުންތެރިން [ޝައިހް ކަމާލު] މުބާރާތުގެ މެޗުތައް ކުޅުނު އިރު ކުޅުނު ކުޅުންތެރިން، އޭގެ ތެރޭގައި ގައުމީ ޓީމުގެ ފަސް ކުޅުންތެރިންވެސް ހިމެނޭ، އެންމެ ފަހު ލީގްގައި އެ ޓީމު ކުޅުނު މެޗުގައި އެ ކުޅުންތެރިން ކުޅުނު، އެހެންވެއްޖެއްޔާ ޓީސީ ރަނގަޅަށް ފަށައިފިނަމަ މޮޅު ވެވޭނެ. މެޗަށް ނިނިކުންނާނީ އެއްވަރުކޮށް ޕޮއިންޓެއް ހޯދާކަން، ނިކުންނަނީ ސީދާ މޮޅަކަށް، ތިން ޕޮއިންޓް ހޯދަން."

ސައިފް ސްޕޯޓްސް ކުލަބާއި ޓީސީ ކުޅޭ މެޗު ފަށާނީ އަންގާރަދުވަހު ރާއްޖޭގަޑިން މެންދުރު ފަހު 2:00 ގަ އެވެ.