ކުޅިވަރު

24 ގަޑިއިރުގެ ދުވުމުގައިވެސް ކުޑަހުސެން ފަނޑެއްނުވި

ސްޕޯޓްސް ކޯޕަރޭޝަނުން އިންތިޒާމު ކޮށްގެން ބޭއްވ، 24 ގަޑިއިރުގެ ދުވުމުގެ އިވެންޓް 'މައިލްސް ފޯ ސްމައިލްސް' އަކީ، ތަފާތު މެސެޖެއް ދިން އިވެންޓެކެވެ. ދުވުމާއި ކަސްރަތާއި ދުރުގައި ތިބި ފަރާތްތަކަށްވެސް ހިތްވަރެއް ލިބެގެންދިޔަ އިވެންޓެކެވެ. މި އިވެންޓްގައި 24 ގަޑިއިރު ވަންދެން ދުވި، ދުވުންތެރިންގެ ގުރުބާނީއަކީ ފާހަގަ ކުރަން ޖެހޭ ކަމެކެވެ.

މި އިވެންޓްގައި ދުވި ދުންތެރިންގެ ތެރެއިން އެންމެ ފާހަގަ ކުރެވެނީ އިވެންޓްގެ ގެސްޓް ރަނާ، ރާއްޖޭގެ ކުރީގެ އެއް ވަނަ ދުވުންތެރިޔާ ޑރ. ހުސައިން ހަލީމް (ކުޑަ ހުސައިން) އެވެ. އިވެންޓްގައި ހުސައިން ބައިވެރިވާ ގޮތަށް ކުރިން ހަމަޖެހިފައެއް ނެތެވެ. ނަމަވެސް އޭނާ އެ އިވެންޓްގައި ބައިވެރިވީ، އޭނާގެ ސްކޫލު ދައުރުން ފެށިގެން ވެސް ގާތް ރައްޓެއްސެއް ކަމަށްވާ، ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓާ އަބްދު ރައްޒާގް އިބްރާހިމް ދެއްވި ހާއްސަ ދައުވަތެއްގަ އެވެ. އޭނާ މި އިވެންޓްގައި ބައިވެރިވާން ނިންމީ، އިވެންޓް ފެށެން ތިން ދުވަހަށް ވެފައި ވަނިކޮށެވެ.

ދުވުމުގައި، ކުޑަ ހުސެންގެ ފެންވަރާއި އޭނަގެ ހުނަރު ދިވެހިންނަށް ބުނެދޭކަށް ނުޖެހޭނެ އެވެ. އޭނާ އަކީ ދިވެހި ފުރަތަމަ އޮލިމްޕިކް ޓީމު މެންބަރެކެވެ. ގައުމީ އެތައް ރެކޯޑްތަކެއް އޭނާގެ ނަމުގައި ލިޔެވުނެވެ. ދުވުމުގެ ރޭހެއްގައި އޭނާގެ ޖާދޫ މިހާވަރަށްވެސް ފުދެ އެވެ. ނަމަވެސް އެއީ އަހަރުތަކެއް ކުރި އެވެ. މިހާރު އުމުރުން 48 އަހަރުގައި ހުސައިންގެ ކިބައިގައި އެ ފެންވަރު ހުރެދާނެ ބާއެވެ. ކޮންމެ ގޮތެއްވިޔަސް ޒުވާނަކަށް ވުރެ ކުޑަހުސައިންގެ މިހާރު ފަންވަރު ފަނޑުވާނެ އެވެ. އެހެންވިޔަސް ވަރިހަމަތާ އެވެ. މައިލްސް ފޯ ސްމައިލްގައި އޭނާ އުޅުނީ އެންމެންނަށް ވުރެ މަތީގަ އެވެ. އެ އިވެންޓްގައި އޭނާ ހާއްސަ ވަނީވެސް އެހެންވެ އެވެ. އުމުރުން 48 އަހަރުގައި، ދިގު ބްރޭކެއް ނެތި 24 ގަޑިއިރު ވަން ދެން އޭނާ ދުވެފައި ވުމުންނެވެ.

އޭނާ ނެގި ބްރޭކްތަކަކީ ޒަރޫރީ ބޭނުންތައް ފުރިހަމަ ކުރުމަށް ނެގި ބްރޭކްތަކެކެވެ. އެ ގޮތުން މި އިވެންޓްގައި ދުވަމުން ދިޔައިރު ނަމާދު ކުރުމާއި، ފައި މަސާޖުކުރުމާއި އަދި ފާހާނާއަށް ދިއުމަށް ނެގި ކުޑަ ހުސް ވަގުތު ކޮޅެއްތަކެއް ފިޔަވައި އިތުރު އެއްވެސް ބްރޭކެއް އޭނާ ނަގާފައި ނުވެ އެވެ.

"މިއީ އަމިއްލަ ނަފުސަށް ކުރި ޗެލެންޖެއް، ބޮޑެތި ބްރޭކްތަކެއް ނުނަގާ 24 ގަޑިއިރު ކުރެވިދާނެ ކަމެއްތޯ ބަލާލުމުގެ ގޮތުން ކުރިކަމެއް،" ރާއްޖޭގެ ފުރަތަމަ އަޔަން މޭންގެ ޝަރަފުވެސް ހާސިލު ކުރި ކުޑަ ހުސައިން ވިދާޅުވި އެވެ. "އަދި 24 ގަޑިއިރު ދުވަމުން ހިނގަމުން ދާއިރު ކެއިން ބުއިމުގެ ކަންތައްތައް މެނޭޖްކުރާނެގޮތް ނަފުސަށް ދަސް ވެގެން ދިޔަ."

ދެން މިއޮތީ އެ ހުރިހާ ކަމެއް މެނޭޖު ކުރަމުން، ޗެލެންޖާ ހުސައިން ކުރިމަތިލި ގޮތެވެ. މި އިވެންޓަށް ދިއުމުގެ ކުރިން އޭނާގެ އަމިއްލަ ޕްލޭނެއް އެކުލަވާލި އެވެ. އެ އިވެންޓްގައި ހަކަތަ ހިފެހެއްޓުމަށް ބޭނުން ކުރާނެ ކާއްޗިއްސާއި، ރިކަވަރީ ވުމަށް ބޭނުން ކުރާނެ ބުއިންތައް އޭނާގެ ޕްލޭންގައި ހިމަނާފައި ވެއެވެ.

އެގޮތުން ކޮންމެ 30 މިނެޓަކުން އެނަޖީ ޖެލް ބޭނުން ކުރުމާއި، ކޮންމެ ގަޑިއިރަކުން 500 އެމް.އެލް ފެނާއި ރިކަވަރީ ބުއިންތައް ބޭނުން ކޮށްފައި ވެއެވެ. އަދި ކަދުރު، އޮރެންޖު، ކަރާ، ހުސައިންގެ އެނަޖީ ޕްލޭންގެ ދަށުން އޭނާ ބޭނުން ކުރި އެވެ.

ދިވެހި ބަތްޕެނަކީ، އޭގައި ވަރަށް ވަރުގަދަ އަށް ފެނާއި ހަކަތައިގެ މާއްދާތައް ހިމެނޭ ބުއިމެއް ކަމަށް ދުވަސްވީ މިހުން ބުނެ އެވެ. އެކަމަށް އިތުރު ތަހްލީލެއް ބޭނުމެއް ނުވެ އެވެ. ސައުވިސް ގަޑިއިރު ދުވުމުގެ މި ހަރަކާތުގައި ކުޑަ ހުސައިންވެސް ވަނީ، އޭނާގެ އެނަޖީ ޕްލޭންގައި ބަތްޕެން ހިމަނާފަ އެވެ. އެގޮތުން ތިން އިރުގައި އޭނާ ވަނީ ކެއުމެއްގެ ގޮތުގައި، ބަތްޕެން ބޭނުން ކޮށްފަ އެވެ. އެކަމުން ހުސައިންއަށް ވަރަށް ބޮޑު ހަކަތެއް ލިބިގެން ދިޔަ ކަން އޭނާ ފާހަގަ ކުރި އެވެ.

ސައުވިސް ގަޑިއިރު ދިގު ބްރޭކެއް ނެތި ދުވުމަކީ އުނދަގޫ ކަމެކެވެ. އެ އުނދަގޫ މަރުހަލާގައި ކުޑަ ހުސައިންގެ ފަހަތުގައިވެސް އެއްބާރުލުން ދޭނެ ޓީމެއް އޮތްކަން އޭނާ ޝުކުރުވެރި ކަމާއެކު ފާހަގަ ކުރި އެވެ. އެއީ ހުސެންގެ އާއިލާގެ އިތުރުން 'ކުޑަ ހުސެން ސްޕޯޓްސް އެކަޑަމީ' ގެ ދުވުންތެރިންނާއި، ދުވުންތެރިންގެ ބެލެނިވެރިންނާއި، 'މޭޑް ރަނާސް' ގެ ދުވުންތެރިންނާއި ހުސެންގެ ރަހުމަތްތެރިން އަތުގުޅާލައިގެން ހުސެންގެ ސަޕޯޓް ޓީމުގެ ގޮތުގައި 24 ގަޑިއިރު ހަރަކާތްތެރި ވަމުން ދިޔަ އެވެ. މިއީ ހުސައިންއަށް ލިބުނު އެންމެ ބޮޑު ހިތްހަމަ ޖެހުމެވެ.

ސްޕޯޓްސް ކޯޕަރޭޝަނުގެ މަގްސަދާއި އެއްގޮތަށް ހުސެންގެވެސް މަގްސަދެއްގެ ގޮތުގައި އޮތީ ކުޅިވަރު ދާއިރާ ޕްރޮމޯޓްކުރުމާއި، އެމީހެއްގެ ހުރި ކުޅެދުންތެރި ކަމާއި އެކު ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ކަސްރަތުގެ މުހިންމުކަން އާންމުންނަށް އަންގައި ދިނުމެވެ. ހުސެންގެ އުންމީދަކީ ތުއްތު ކުދިންނާއި، ޒުވާނުންނާއި، އެކި އުމުރުފުރާގެ ފަރާތްތައް ހުސެންގެ މިހިތްވަރު ދެކި އިތުރަށް ހިތްވަރު ލިބިގަތުމެވެ.

"މި ހަރަކާތުން ލިބިގެން ދިޔަ ފިލާވަޅުތައް ވަރަށް ގިނަ،" ހުސައިން ވިދާޅުވި އެވެ. "ކަށަވަރުވި އެއްކަމަކީ ހިތްވަރެއްލައިފިނަމަ ކޮންމެ ކަމަކީވެސް ކުރެވިދާނެ ކަމެއް ކަން، ޖިސްމާނީގޮތުން ނިކަމެތި ނަމަވެސް، ނަފްސާނީ ދުޅަހެޔޮ ކަމަކީ ގަދަފަދަ ބާރެއްކަން އެނގިގެން ހިނގައްޖެ."

ކުޑަ ހުސައިން ފާހަގަ ކުރި އަނެއް ކަމަކީ އެއްވެސް ކަހަލަ މަޖުބޫރު ކަމެއް ނެތި އެ އިވެންޓްގައި ތަފާތު މުއައްސަސާތައް ބައިވެރިވެ، އެކަކު އަނެކަކަށް އެހީތެރިވެ ހިތްވަރު ދިނުމަށް އެކި ކުޅިވަރުތައް ކުޅޭ ފަރާތްތައް އެއްވެ، ރަހުމަތްތެރިކަން ބަދަހިކޮށް ކުޅިވަރުގެ ރޫހު އާލާވެގެން ދިޔަކަމެވެ. އަދި ކުޑަ ހުސައިންގެ ދުވަސްވީ ރަޙުމަތްތެރިޔާ އަބްދު ރައްޒާގުގެ އިސްނެގުމުގެ ސަބަބުން ވަރަށް ގިނަ ޒުވާނުންނާއި އެކި އުމުރުފުރާގެ ދިވެހިންނަށް ހިތްވަރެއް ލިބިގެން ދިޔަކަންވެސް އޭނާ ފާހަގަ ކުރި އެވެ.

'މައިލްސް ފޯ ސްމައިލްސް" ގެ ލީޑް އެތުލީޓަކީ އިބްރާހިމް ސާއިދު އެވެ. އޭނާ އިވެންޓްގައި ދުވީ ހުސް ފައިގަ އެވެ. ގާތްގަނޑަކަށް ތިން ގަޑިއިރު ވަންދެން އަރާމު ކުރަން އޭނާ އަށް ޖެހުނެވެ. އޭގެ ސަބަބުން 24 ގަޑިއިރުތެރޭގައި ޓުރެކް ވަށައި ސާއިދު އަށް ޖެހުނީ 299 ބުރެވެ. ތައުފީގް (ޖަމްބޯ ކޯޗް) ވަނީ ގާތްގަނޑަކަށް ހަ ގަޑިއިރު އަރާމު ކޮށްފަ އެވެ. އޭނާ އަށް ޖެހުނީ 250 ބާސެކެޓްބޯލް ކުޅުންތެރިޔާ މަފާޒު ވަނީ ގާތްގަނޑަކަށް ހަތް ގަޑިއިރު ވަންދެން އަރާމު ކޮށްފަ އެވެ. އޭނާ އަށް ޖެހުނީ 160 ބުރެވެ.

އުމުރުން 48 އަހަރުގައި ގެސްޓް އެތުލީޓުގެ ގޮތުގައި ކުޑަހުސެން ބޫޓުގައި 351 ބުރު ޓްރެކް ވަށާ ދުވެފައި ވެއެވެ.