އޭއެފްސީ ކަޕުގައި ބަންގުލަދޭޝްގެ ސައިފް ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅޭ މެޗުގައި ޓީސީގެ އެންމެ ބޮޑު ހިތްވަރަކީ، މިދިޔަ އަހަރު ބަންގުލަދޭޝްގައި ބާއްވި ޝައިހް ކަމާލް ކުލަބު ކަޕް ކާމިޔާބު ކުރެވިފައި ވުން ކަމަށް ޓީސީގެ ކޯޗް މުހައްމަދު ނިޒާމް ބުނެފި އެވެ.
ބަންގުލަދޭޝްގެ ވެރިރަށް ޑާކާގެ ބަންގުބަންދު ސްޓޭޑިއަމްގައި ސައިފް އާއި ޓީސީ ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން މިއަދު މެންދުރު ފަހު 2:00 ގަ އެވެ.
މިއަދުގެ މެޗުގެ ކުރިން، ބަންގާޅުގެ މިޑިއާތަކާ ވާހަކަ ދައްކަމުން، ނިޒާމް ބުނީ ޓީސީގެ އަމާޒަކީ މިއަދުގެ މެޗުން މޮޅެއް ހޯދުން ކަމަށެވެ. އެކަމަށްޓަކައި ޓީސީއަށް އޮތް އެންމެ ބޮޑު ހިތްވަރަކީ ކާމާލް ކުލަބު ކަޕުގެ ކާމިޔާބު ކުރެވިފައި އޮތުން ކަމަށް ނިޒާމް ބުންޏެވެ. އޭނާ ބުނީ ޓީމާ މެދު އިތުބާރު އެބައޮތް ކަމަށެވެ.
"މެޗު އެއްވަރު ކޮށްލައިގެން ޕޮއިންޓެއް ހޯދާކަށް އަހަންނެއް ނުނިކުންނާނަން، ކިތަންމެ ކުޑަ ފުރުސަތެއް ލިބުނަސް އަހަރެން ނިކުންނާނީ މެޗުން މޮޅުވެގެން ގައުމަށް ދާން،" ނިޒާމް ބުންޏެވެ. "އަހަރެން އުންމީދު ކުރަނީ އެންމެ ފަހުން އަހަރެމެން މިތާންގައި (ޝައިހް ކަމާލް އިންޓަނޭޝަނަލް ކުލަބު ކަޕު) ގައި ދެއްކި ރޫހު ދައްކަން އެ މުބާރާތުގައި އަހަރެމެން ފެނުނު ގޮތަށް ފެނިގެން ދާނެ ކަމަށް އަހަރެން އުންމީދު ކުރަން."
އޭއެފްސީ ކަޕަށް ހާއްސަކޮށް، ސައިފުން ވަނީ، އެގައުމުގެ ޗިޓަގޮންގް އަބަހާނީގެ އަށް ކުޅުންތެރިޔަކު ލޯން އުސޫލުން ގެނެސްފަ އެވެ. ނަމަވެސް ސައިފްގެ ކޯޗު އިންގެލެންޑްގެ ރަޔަން ނޯތުމޯރް ބުނީ އެކަމުގައި ބޮޑު ޗެލެންޖެއްވެސް އެބައޮތް ކަމަށެވެ.
"އާ ކުޅުންތެރިންތަކެއް ހިމެނުން، އެއީ ޗެލެންޖެއް،" ނޯތުމޯރް ބުންޏެވެ. "ފެންވަރު ރަނގަޅު ކުޅުންތެރިންތަކެއް ގެނައުމަކީ އެޑްވާންޓޭޖެއް، ނަމަވެސް ޗެލެންޖަކީ ސިސްޓަމްގެ ތެރެއިން އެ ކުޅުންތެރިން ބޭނުން ކުރުން، އަހަރެމެން ޖެހޭނެ ދަނޑުން ބޭރުގައިވެސް އަދި ދަނޑު މަތީގައި ވެސް އެކަން ދެނެގެން މަސައްކަތް ކުރަން."
ސައިފް މެޗަށް ހާއްސަކޮށް ޓީސީގެ ގޭމް ޕްލޭން ފައްތާނެ ކަމަށް ބެލެވެނީ ހަލުވި ގޭމް ޕްލޭނެއްގެ މައްޗަށެވެ. މާލޭގައި ނިޒާމް ކުރިއަށް ގެންދިޔަ ޕްރެކްޓިސް ޝެޝަންތަކުގައި އޭނާ ބޮޑަށް ފޯކަސް ކޮށްފައި ވަނީ ސްޕީޑް ގޭމް ޕްލޭނެއްގެ މައްޗަށެވެ.