ކުޅިވަރު

މަހިބަދޫ، ފުޓްބޯޅައަށްފަހު ނެޓްބޯޅައިގައި ވެސް ވިދާލައިފި

ފައިނަލުގައި ރެޑްލައިން ސްޕޯޓްސް ކުލަބުގެ މައްޗަށް 44-39 އިން ކާމިޔާބު ހޯދައި، ގައުމީ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މަހިބަދޫ ސްޕޯޓްސް ކުލަބު ހޯދައިފި އެވެ.

އދ. މަހިބަދޫއަށް ނިސްބާތްވާ، މަހިބަދޫ ސްޕޯޓްސް ކުލަބަކީ، މީގެ ދެ އަހަރު ކުރިން ފުރަތަމަ ޑިވިޝަންގައި ވެސް ވާދަ ކުރި ކުލަބެކެވެ. މަހިބަދޫ އަށް ނިސްބަތްވާ ފުޓްބޯޅަ ކުޅުންތެރިން ރާއްޖޭގެ އެންމެ މަތީ ފުޓްބޯޅައިގައި ވިދުން ގަދަ އެވެ. ރާއްޖޭގެ އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުހައްމަދަކީ މަހިބަދޫ އަށް ނިސްބަތްވާ ކުޅުންތެރިޔެކެވެ. މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރު، ގައުމީ ޓީމުގެ ކުރީގެ ފޯވަޑު އަހްމަދު ތޯރިގް (ޓޮމް) އަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ޕެނަލްޓީ ބޮކްސްގެ ސްޓައިކަރެވެ. މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އާއި އެ ޓީމު އަލީ ސަމޫހް އާއި ގާސިމް ޝަމާމް އަދި ހުސައިން ނިޔާޒު މުހައްމަދު (ބޮކްރީ) ގެ އިތުރުން ނިއު ރޭޑިއަންޓްގެ އަބްދުﷲ މިދުހަތަކީ މަހިބަދޫގެ ކުޅުންތެރިންނެވެ.

މަހިބަދޫ ސްޕޯޓްސް ކުލަބުން ވަނީ ނެޓްބޯޅަ އެކެޑެމީ އެ ރަށުގައި ގާއިމު ކުރުމަށް، ނެޓްބޯޅަ އެސޯސިއޭޝަނާއެކު މިދިޔަ އަހަރު ސޮއި ކޮށްފަ އެވެ. އެ އެއްބަސްވުމުގެ ދަށުން، މަހިބަދޫގައި ނެޓްބޯޅަ ކުޅުންތެރިން އުފެއްދުމުގެ މަސައްކަތް ވެސް ފެށި އެވެ.

އަވަސްއަށް އޭރު ދެއްވި އިންޓަވިއުއެއްގައި މަހިބަދޫ ސްޕޯޓްސް ކުލަބުގެ ރައީސް، އިސްމާއިލް ފާއިޒު ވިދާޅުވީ، އެކެޑެމީގެ އަމާޒަކީ، ގައުމީ ފެންވަރުގައި ނެޓްބޯޅަ ކުޅޭނެ ކުޅުންތެރިން އުފެއްދުން ކަމަށެވެ. އެ މަސައްކަތުގެ ކާމިޔާބު މިހާރު ފެންނަން ފަށައިފި އެވެ. މަހިބަދޫ އަކީ ނެޓްބޯޅައި ގައުމީ ޗެމްޕިއަނުންނެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިން

  • އީމާ އަބްދު ސައްތާރު - މަހިބަދޫ
  • ހަމްނާ އަބްދު ރަހްމާން -މަހިބަދޫ
  • އާމިނަތު ރަބާބް - މަހިބަދޫ
  • ރަޔާން އަލީ ރަޝީދު - ރެޑްލައިން ކުލަބު
  • އައިޝަތު އަނާން އަނިލް - ރެޑްލައިން ކުލަބު
  • ކުމާރަނި ސިލްވާ - ރެޑްލައިން ކުލަބު