ދުނިޔެ

ވަގުތީ ބަޖެޓް ފާސްކޮށް އެމެރިކާ ސަރުކާރު އަލުން ހިންގޭވަރުކޮށްފި

މިހިނގާ 2018 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓް ފާސްކުރުމާ ހަމައަށް އެމެރިކާގެ ހަރަދުތައް ހަމަޖައްސަން ފާސްކުރަން އުޅެ، ފާސް ނުކުރެވި އޮތް ތިން ހަފުތާގެ ވަގުތީ ބަޖެޓް އެންމެ ފަހުން ފާސްކޮށް ސަރުކާރު ހިންގޭވަރު ކޮށްފިއެވެ.

ވަގުތީ ބަޖެޓް ފާސް ނުކުރެވުމުގެ ސަބުން މިދިޔަ ހޮނިހިރު ދުވަހު އެމެރިކާ ސަރުކާރު ހުއްޓުމަކަށް އައެވެ. އެ ބިލް ފާސް ކުރަން 60 ވޯޓް ބޭނުން ވާއިރު އެމެރިކާ ސެނެޓްގަައި ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީއަކަށް އެވަރުގެ އަޣުލަބިއްޔަތެއް ނެތެވެ. ސެނެޓްގައި ތިއްބެވީ އެޕާޓީގެ 51 މެމްބަރުންނެވެ. އެހެންވެ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ތާއީދު ހޯއްދަން ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް އެ މެމްބަރުންނާ ބައްދަލުވެސް ކުރެއްވިއެވެ.

ބައްދަލުވުންތައް ބޭއްވި ނަމަވެސް އެކަމުގައި އެއްބަސްވުމަކަކަށް ނާދެވުނީ ކުޑަކުދިންގެ ގޮތުގައި އެމެރިކާއަށް އައިސް ތިބި ރެފިއުޖީންނަށް އެގައުމުން ބޭރު ނުކުރާ ގޮތަށް ކުރީގެ ރައީސް ބަރަކް އޮބާމާގެ ދުވަސްވަރު އުފައްދާފައިވާ " ޑްރީމާސް" ސްކީމް އުވައިލަން މިހާރުގެ ސަރުކާރުން ހުށަހަޅާފައި ވާތީއެވެ.

ވަގުތީ ބަޖެޓަށް ވޯޓްލާން އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން އެެއްބަސްވީ ޑްރީމާސް ސްކީމްގެ ކަންތަކަށް ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހާ ހަމައަށް ގޮތެއް ނުނިމިއްޖެ ނަމަ އިމިގްރޭޝަނާ ބެހޭ ގާނޫނެއްގެ ބިލެއް ސެނެޓަށް ވައްދަން މެޖޯރިޓީ ލީޑަރު އެއްބަސްވެވަޑައިގެންނެވުމުންނެވެ.

ވަގުތީ ބަޖެޓް އެމެރިކާ ސެނެޓުން ހޯމަ ދުވަހު ފާސްކުރީ 81 މެމްބަރުންގެ ތާއީދާ އެކުގައެވެ. އެ ބިލު ދެން ދާނީ އެމެރިކާ ޕާލަމެންޓުގެ ތިރިގެ ' ހައުސް އޮފް ރެޕްރެޒެންޓެޓިވްސް' އަށެވެ. އެތަނުގެ ސްޕީކާ ޕައުލް ރަޔަން ވިދާޅުވެފައި ވަނީ އެތަނުން ލަހެއް ނުވެ ބިލު ފާސް ކުރާނެ ކަމަށެވެ.

ސަރުކާރު ހުއްޓުން ކަމަށް އެމެރިކާގައި ސިފަކުރަނީ ބައެއް ހިދުމަތް ތަކަށް ހަރަދު ކުރުމުގެ ގާނޫނީ ހުއްދަ ނެތި، އެ ހިދުމަތްތައް ހުއްޓައިލަންް ޖެހުމަަށެވެ. ނަމަވެސް އެގޮތަށް ހުއްޓައިލަން ނުޖެހޭ ގިނަ ހިދުމަތްތަކެއް އެ ގައުމުގައި ވެއެވެ. އެގޮތުން ގައުމީ ސަލާމަތާ ގުޅޭ ހިދުމަތްތަކާއި ޕޯސްޓްގެ ހިދުމަތާއި ވައިގެ ދަތުރުތަކާ ގުޅޭ ހިދުމަތްތަކާއި ސިއްހީ ހިދުމަތްތަކާއި ކާރިސާތަކާ ގުޅިގެން ދޭ ހިދުމަތްތަކާއި ގައިދީންގެ ކަންތަކާއި ޓެކްސްގެ ނިޒާމު ހުއްޓުމަކަށް ނާންނާނެ އެވެ.

ނަމަވެެސް އެހެން ބައެއް ހިދުމަތްތައްދޭ ގިނަ އަދަދެއްގެ މުވައްޒަފުން ގޭގައި މަޑުކޮށް، ނެޝަނަލް ޕާކް ފަދަ ތަންތަން ހުންނާނީ ބަންދުކޮށްފައެވެ. އެމެރިކާގައި އެންމެ ފަހުން މިގޮތަށް ކަންތައް ދިމާވީ 2013 ވަނަ އަހަރުުއެވެ. އެފަހަރު އާއްމުން އެކަމާ ވަރަށް ރުޅިއައެެވެ.