ކުޅިވަރު

ބަންގާޅުގެ ދަނޑުގައި ޓީސީއަށް މުހިންމު މޮޅެއް

އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ ޒޯންގެ ޕްރިލިމިނަރީ ބުރުގައި ބަންގުލަދޭޝްގައި، އެގައުމުގެ ސައިފް ސްޕޯޓްސް ކުލަބާ ދެކޮޅަށް 1-0 ގެ ނަތީޖާ އަކުން ޓީސީ ސްޕޯޓްސް ކުލަބު ކާމިޔާބު ހޯދައިފި އެވެ. މެޗުގައި ޓީސީގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ކިރިގިސްތާން މިޑްފިލްޑަރު އެނަޓޯލީ ވްލަސިޗޭވް އެވެ.

ފުރަތަމަ ހާފުގައި ޓީސީ ބޯޅަ ހިފަހައްޓައިގެން ކުޅު ފުރުސަތުތަކެއް ތަނަވަސް ކުރަން މަސައްކަތް ކުރި އެވެ. ނަތީޖާއަކަށްވީ މެޗުގެ 24 ވަނަ މިނިޓުގައި އެނަޓޯލީ ޓީސީއަށް މުހިންމު އަވޭ ގޯލު ކާމިޔާބުކޮށްދިނުމެވެ. ސައިފް އޭރިޔާ ބޭރުން ސައްޓު ކުޅުނު ބޯޅަ ހިފައިގެން އޭރިޔާ ތެރެއަށް ވަދެ ކައިރީގައި ހުރި ސައިފް ޑިފެންޑަރު ޓޮޕޫ ކާރިން ނައްޓާލުމަށްފަހު އެނަޓޯލީ ވަނީ ބޯޅަ ގޯލްގެ ތިރީ ކަނަށް ފޮނުވާލާފަ އެވެ.

މެޗުގެ 38 ވަނަ މިނިޓުގައި ޓީސީގެ ބެލަރޫސް ގޯލް ކީޕަރު ޑިމިޓްރީ އަސްނިން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި އޭނާ އާއި ސައިފްގެ އިންގިރޭސި ފޯވާޑް ޗާލީ ސެރިންހަމްއަށް ވަނީ އަނިޔާ ވެފައެވެ. ފަރުވާ ދިނުމަށްފަހު އަލުން ކުޅެން ފެށުމުގެ ތެރޭގައި ޑިމިޓްރީ ކުރި ކުށަކާ ގުޅިގެން ރެފްރީ ވަނީ ސައިފަށް ޓީސީ އޭރިޔާ ތެރެއިން ނުސީދާ ޖެހުމެއް ދީފަ އެވެ. ސައިފްގެ ކުޅުންތެރިން ފޮނުވާލި މިހަމަލާ ޓީސީގެ ކުޅުންތެރިން ވަނީ ބްލޮކް ކޮށްފަ އެވެ.

ކީޕަރު ޑިމިޓްރީ އަތަށް ލިބުނު އަނިޔާއަށް ފަހު އޭރިޔާ ތެރެއަށް ސައިފްގެ ވާތު ފަޅިން ފަހަތަށް ކުޅޭ ކުޅުންތެރިޔާ ނަގައިދިން ހުރަސް އޮއްސުނީ ގޯލްގެ ފާޕޯސްޓަށެވެ. މިހުރަސް ޑިމިޓްރީއަށް ނެގޭގޮތެއް ނުވި އެވެ. މިބޯޅަ ބޭރަށް ދިޔައީ ޓީސީ ގޯލްގެ މަތީ ދަނޑީގައި ޖެހިފަ އެވެ.

އަނިިޔާގެ ސަބަބުން އިތުރަށް ކުޅުންކުރިއަށް ނުގެންދެވުމާއެކު ޓީސީ ދެވަނަ ހާފް ފެށީ ޑިމިޓްރީގެ ބަދަލުގައި ދިވެހި ކީޕަރު އިބްރާހިމް ނަދީމް އާއެކު އެވެ.

ހާފު ފަށައިގެން ކާރިކާރީގައި ސައިފުން ނުރައްކާތެރި ތިން ހަމަލާއެއް ޓީސީގެ ގޯލަށް ފޮނުވާލި އެވެ. ޓީސީގެ ކީޕަރު ބަދަލުކުރުމާއެކު ސައިފުން އޭރިޔާ ތެރެއަށް ނަގާ ބޮޑެތި ހުރަސްތަށް ޓީސީގެ ކީޕަރު ނަދީމްއަށް ދިފާއުނުކުރެވުނެވެ. ނަތީޖާއަކަށް ވަނީ ޓީސީގެ ގޯލަށް ނުރައްކާވުމެވެ.

ދެވަނަ ހާފް ފަށައިގެން ޓީސީ ކުޅެމުން އައީ ވަރަށް ޕްރެޝަރުގަ އެވެ. ސައިފު ޓީމު ކުރިއަށް ޖައްސައިގެން އައީ ވަރަށް ރަނގަޅަށް ޓީސީގެ ގޯލަށް ނުރައްކާކުރަމުންނެވެ. މިގޮތުން 55 ވަނަ މިނިޓިގައި ސައިފުގެ ކެޕްޓަން ޖަމާލް އޭރިޔަ ބޭރުން ފޮނުވާލި ނުރައްކާތެރި ހަމަލާ ޓީސީ ކީޕަރު ނަދީމް ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފަ އެވެ.

އޭގެ ފަހުން 60 ވަނަ މިނިޓުގައި ސައިފުގެ ކުޅުންތެރިޔަކު ޓީސީ އޭރިޔާ އަރިމަތިން ނަގައިދން ހުރަސް އަމާޒުވީ ގޯލްގެ ދަނޑިއަށެވެ. މިހަމަލާއަށްފަހުވެސް ސައިފްގެ ކުޅުންތެރިޔަކު ފޮނުވާލި ހަމަލާއެއް ގޯލްގެ ދަނޑިއަށް އަމާޒުވި އެވެ.

މެޗުގެ 81 އެއްވަނަ މިނިޓުގައި ސައިފުގެ ނައިޖީރިއާ ފޯވާޑް ކިންގްސްލީއަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީވެސް ގޯލްގެ ހުރަސް ދަނޑިއެވެ. މިއީ ސައިފް ޓީމުގެ ހަމަލާއެއް ދަނޑިއަށް އަމާޒުވި ފަސްވަނަ ފަހަރެވެ. އޭރިޔާ ތެރެއިން ޓީސީ ޑިފެންޑަރު އަލާ ނާސިރު ފަހަތަށް ޖައްސާލި ބޯޅަ ކީޕަރު ނަދީން ބަލަހައްޓައިގެން ހުއްޓާ ކިންގްސްލީ ވަނީ ނަދީމް ބޯމަތިން އޮއްސާލާފަ އެވެ. ނަމަވެސް ބޯޅަ ދިޔައީ ހުރަސް ދަނޑީގައި ޖެހިފައި ކުޅުމުން ބޭރަށެވެ.

ސައިފް ދެވަނަ ހާފުގައި ވަރިގަދައަށް ކުޅުނު ނަމަވެސް ޓީސީ ކުޅުންތެރިން ވަނީ ހުޝިޔާރުކަމާއެކު ޑިފެންސްކޮށް މެޗު ކާމިޔާބުކޮށްފަ އެވެ. ޕްރިލިމިނަރީ ބުރުގެ ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހު 30 ވަނަ ދުވަހު މާލޭގަ އެވެ.