ކުޅިވަރު

ވޯލްޑްކަޕު ތަށި މިރޭ ގަލޮޅު ދަނޑަށް

ފީފާ ވޯލްޑްކަޕުގެ ޗެމްޕިއަން ޓީމަށް ދޭ އޮރިޖިނަލް ވޯލްޑްކަޕް ތަށި، މިރޭ ގައުމީ ފުޓްބޯޅަ ސްޓޭޑިއަމްގައި ނުވަތަ ގަލޮޅު ދަނޑުގައި އާންމުންނަށް ދައްކާލަން ބަހައްޓާނެ އެވެ.

ވޯލްޑްކަޕް ޓްރޮފީ ޓްއާ އަކީ މި އަހަރު ރަޝިއާގައި ބާއްވާ ވޯލްޑްކަޕް ޕްރޮމޯޓް ކުރުމުގެ ގޮތުން ކޮކާކޯލާ ކުންފުންޏާ ގުޅިގެން ފީފާއިން ހިންގާ ހަރަކާތެކެވެ. ވޯލްޑްކަޕު ތަށި ރާއްޖެ އަންނާނީ، މިއަދު ހަވީރު 6:00 ގަ އެވެ. ކޮކާކޯލޯ ފޭސްބްކް ޕޭޖްގައިވާ ގޮތުން ގައުމީ ފުޓްބޯޅަ ދަނޑުގައި ތަށި ހުންނާނީ މިރޭ 7:00 ން ފެށިގެންނެވެ. ކުޅިވަރު އެކުވެނީގެ ޓާފް ދަނޑުގައި، ތަށި ހުންނާނީ މާދަމާ ހެދުނު 7:00 އިން ފެށިގެންނެވެ.

ޓްއާ ރަސްމީކޮށް އެންމެ ފުރަތަމަ ފެށީ ރަޝިއާގެ ވެރިރަށް މޮސްކޯއިންނެވެ. މޮސްކޯއިން ޓްއާ ފެށީ، ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު އެވެ. އެއަށްފަހު މިދިޔަ މަހުގެ ނިޔަލަށް ރަޝިއާގެ 15 ސިޓީއަކަށް ޓްރޮފީ ގެންގޮސްފައި ވެއެވެ.

ރަޝިއާއިން ބޭރުން، ވޯލްޑްކަޕް ތަށީގެ ޓްއާ ފުރަތަމަ ފެށީ އިނގިރޭސި ވިލާތުގެ ލަންޑަނުންނެވެ. ވޯލްޑްކަޕް މިފަހަރުގެ ޓްއާގައި ޓްރޮފީ 50 ގައުމަކަށް ގެންދާ ގޮތަށް ފިފާއިން ވަނީ ހަމަޖައްސާފަ އެވެ.

ވޯލްޑްކަޕް ޓްރޮފީގެ އަސްލު ތަށި އާންމު ގޮތެއްގައި ހުންނަނީ، ސްވިޒަލޭންޑްގެ ޒިޔްރިކްގައި ހުންނަ، ފީފާގެ ދާރުލްއާސާރުގަ އެވެ. ޗެމްޕިއަންކަން ހޯދާ ޓީމަށް އޮރިޖިނަލް ޓްރޮފީ ދެނީ ފައިނަލު މެޗަށް ފަހު އުފާފާޅު ކުރުމަށެވެ. ނަމަވެސް އެ ގައުމަކަށް ގެންދަން ދެނީ ރަނުން ޕްލޭޓްކޮށްފައިވާ ތައްޓެކެވެ.

ވޯލްޑްކަޕްގެ މިހާރު ބޭނުން ކުރާ ޓްރޮފީ ތާރަފު ކުރީ 1974 ވަނަ އަހަރު އެވެ. އޭގެކުރިން ބޭނުން ކުރަމުން އަންނަނީ އެހެން ބައްޓަމަކަށް ހަދާފައިވާ ޓްރޮފީ އެކެވެ. އެ ޓްރޮފީގެ ނަން ދީފައި ވަނީ، ފީފާގެ ކުރިގެ ރައީސް ޖޫލްސް ރިމެޓްއަށް ނިސްބަތްކޮށެވެ. "ޖޫލްސް ރިމެޓް ޓްރޮފީ" ގެ ނަމުގަ އެވެ. އެންމެ ފުރަތަމަ އެ ތައްޓަށް ކިޔުނު ނަމަކީ "ވިކްޓްރީ" އެވެ.