ވިޔަފާރި

2017: ބީއެމްއެލް އޭޓީއެމްތަކުން 10 މިލިއަން މުއާމަލާތް!

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސެލްފް ސާވިސަސް އޭޓީއެމްތަކުން މިދިޔަ އަހަރު 10 މިލިއަން މުއާމަލާތް ކޮށްފައިވާ ކަމަށް އެ ބޭންކުގެ ހިސާބުތަކުން ދައްކައިފި އެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި ސެލްފް ސާވިސަސް އޭޓީއެމްތަކުން މިދިޔަ އަހަރު ކުރި 2.5 މިލިއަން މުއާމަލާތަކީ ފައިސާ ޖަމާ ކުރަން ކުރި މުއާމަލާތްތައް ކަމަށެވެ.

ބީއެމްއެލް ސެލްފް ސާވިސަސް އޭޓީއެމް ތަކުން ޗެކު ޖަމާކުރުމާއި ފައިސާ ނަގައި، ޖަމާކުރުމުގެ ހިދުމަތް ވެސް ލިބެ އެވެ. މީގެ އިތުރުން ލޯނަށާއި ކްރެޑިޓް ކާޑު އަދި ބިލްތަކަށް ފައިސާ ދެއްކުމާއި ފައިސާ ޓްރާންސްފާ ކުރުމުގެ ހިދުމަތް ވެސް ލިބެ އެވެ.

ދިހަ މިލިއަން މުއާމަލާތް ބީއެމްއެލް ސެލްފް ސާވިސް އޭޓީއެމްތަކުން ކުރިއިރު، އޭޓީއެމްތަކުން ވިޔަފާރި އެކައުންޓްތަކަށް ކޮންމެ ދުވަހަކު ދެ ލައްކަ ރުފިޔާ އަދި އަމިއްލަ ފަރުދީ އެކައުންޓްތަކަށް 25،000ރ. ޖަމާ ކުރެވެ އެވެ.

ބީއެމްއެލް އިން މިދިޔަ އަހަރު މުޅިން އަލަށް 14 ސެލްފް ސާވިސަސް އޭޓީއެމް ބަހައްޓާފައިވެ އެވެ. މިދިޔަ އަހަރު ވަނީ ބްރާންޗް ނެތް ފަސް ރަށެއްގައި އޭޓީއެމް ބަހައްޓާފަ އެވެ. މިދިޔަ އަހަރު އޭޓީއެމް ބެހެއްޓި ރަށްތަކުގެ ތެރޭގައި ހޯރަފުށި، އިހަވަންދޫ، ށ. މިލަންދޫ، ދަރަވަންދޫ އާއި ހިންނަވަރު، ގއ. ކޫއްޑޫގެ އިތުރުން ކޮލަމާފުއްޓާއި ގެމަނަފުށި އަދި ފަރެސްމާތޮޑާ ހިމެނެ އެވެ. އަދި އޭޓީއެމްގެ އަދަދު ވަނީ 92 އަށް އަރާފަ އެވެ.