ކުޅިވަރު

ވޯލްޑް ކަޕު ޓްރޮފީގައި އަތްލެވޭނީ ރައީސް ޔާމީނަށް އެކަނި

Jan 24, 2018
7

ފީފާ ވޯލްޑްކަޕުގެ ތަށި މިރޭ ގަލޮޅު ދަނޑުގައި އާންމުންނަށް ދައްކާލަން ބަހައްޓާނެ އެވެ. މިއަހަރު ރަޝިޔާގައި ބާއްވާ ވޯލްޑް ކަޕް މުބާރާތް ޕްރޮމޯޓް ކުރުމުގެ ގޮތުން ކޮކާ ކޯލާ ކުންފުންޏާއި ފީފާ ގުޅުގެން ބާއްވާ ވޯލްޑް ކަޕް ޓްރޮފީ ޓުއާގެ ދަށުން ރާއްޖެއަށް ވޯލްޑް ކަޕް ތަށި ގެންނާނީ މިއަދު ހަވީރު 6:00 ގަ އެވެ. އަދި ގަލޮޅު ދަނޑަށް 7:00 ގައި ތަށި ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

މާދަމާ ހެދުނު 7:00 ފެށިގެން ތަށި ކުޅިވަރު އެކުވެނީ ޓާފް ދަނޑުގައި ހުންނާނެ އެވެ. ޓާފް ދަނޑުގައި އާމުންނަށް ވޯލްޑް ކަޕް ތައްޓާއެކު ފޮޓޯ ނަގާލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. ކޮކާ ކޯލާއިން ހާއްސަކޮށްފައިވާ ޓިކެޓަކާއެކު ޓާފް ދަނޑަށް ވަޑައިގެން ފޮޓޯ ނަގާލުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް ލިބިގެންދާނެ އެވެ.

ވޯލްޑް ކަޕް ތައްޓާއެކު ފޮޓޯ ނަގާލުމުގެ ފުރުސަތު ދިނަސް ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުގެ ޗެމްޕިއަން ޓީމަކަށް ހުށައަޅާ ތަށީގައި އަތްލުމުގެ ފުރުސަތު ލިބިގެންދާނީ ހަމައެކަނި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށެވެ.

ފީފާ ގަވާއިދު ބުނާ ގޮތުން ވޯލްޑް ކަޕް ތަށީގައި އަތް ލެވޭނީ ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ގައުމެއް ކުޅުންތެރިޔަކަށް، އެޓީމުގެ އޮފިޝަލަކަށް އަދި ކޮންމެ ގައުމެއްގެ ހެޑް އޮފް ސްޓޭޓް އަށެވެ. އެހެން ކަމުން ދިވެއްސަކަށް ވޯލްޑް ކަޕް ތަށީގައި އަތް ލުމުގެ ފުރުސަތު ލިބިގެންދާނީ ހަމައެކަނި ރާއްޖޭގެ ރައީސަށެވެ.

ކޮކާ ކޯލާ ވޯލްޑް ކަޕް ޓުއާގައި ޓްރޮފީ އުފުލުމަށް ހަރަކާތްތެރިވާނީ ވޯލްޑް ކަޕު ހޯދާފައިވާ ފުޓުބޯޅަ ލެޖެންޑުންނެވެ. މިރޭގެ މިހަރަކާތަށް ރައީސް ވަޑައިގަންނަވާކަން އަދި އެންގިފައެއް ނެތެވެ. ނިމިދިޔަ ފުޓުބޯޅަ ސީޒަނުގެ ޕްރެޒިޑެންޓްސް ކަޕް ފައިނަލް މެޗަށްވެސް ރައީސް ޔާމީން ވަޑައިގެންފައެއް ނުވެ އެވެ.