ކުޅިވަރު

ބޫޓާންގެ ޓީމުން ބެންގަލޫރު ލަދުގަންނަވާލައިފި

އޭއެފްސީ ކަޕް ޕްރިލިމިނަރީ ބުރުގައި، ބޫޓާންގެ ޓްރާންސްޕޯޓް ޔުނައިޓެޑުން، އިންޑިއާގެ ފުޓްބޯޅައިގެ ގަދަ ބާރު ބެންގަލޫރު އެފްސީ ލަނޑެއް ޖެހިޔަ ނުދީ ހިފަހައްޓާލުމުން، ބޫޓާންގެ ފުޓްބޯޅަ ސަޕޯޓަރުންގެ ޓްރާންސްޕޯޓްގެ ޓީމަށް ތައުރީފް ކުރަން ފަށައިފި އެވެ.

ދެހާސް ސޯޅަ ވަނަ އަހަރު، އޭއެފްސީ ކަޕް ސެމީ ފައިނަލަށް ދަތުރު ކުރި ބެންގަލޫރު އެފްސީ އަކީ ދެކުނު އޭޝިއާގެ އެންމެ ވަރުގަދަ އެއް ޓީމެވެ. ފުޓްބޯޅައިގެ ނިސްބަތުން، ބޫޓާން އަކީ ސަރހައްދުގެ ބާރެއް ނޫނެވެ. ނަމަވެސް، ވަރުގަދަ ބެންގަލޫރު ލަނޑެއް ޖެހިޔަ ނުދީ، ޓްރާންސްޕޯޓުން، ބެންގަލޫރު ހިފެހެއްޓުމަކީ، އެ ކުލަބުގެ އިތުރުން ބޫޓާންގެ ފުޓްބޯޅައަށް ވެސް ލިބުނު ބޮޑު ހިތްވަރެކެވެ.

ބުޓާންގެ ފުޓްބޯޅަ ފެޑްރޭޝަނުން، ވަނީ ޓްރާންސްޕޯޓް ދެއްކި ހިތްވަރާއި ކުރި ބުރަ މަސައްކަތް ފާހަގަ ކޮށްފަ އެވެ. ބުޓާންގެ ފުޓްބޯޅަ ސަޕޯޓަރުން އެންމެ ބޮޑަށް ފާހަގަ ކުރީ ޓްރާންސްޕޯޓްގެ ކީޕަރު ދެއްކި ކުޅުމެވެ. އޭނާ ވަނީ ބެންގަލޫރުން ފޮނުވާލި ގިނަ ހަމަލާތަކެއް ދިފާއު ކޮށްފަ އެވެ.

ޓްރާންސްޕޯޓް ޓީމަކީ، އިންޓަނޭޝަނަލް މުބާރާތެއްގައި ވާދަ ކުރި ބުޓާންގެ ފުރަތަމަ ޓީމެވެ. ދެހާސް ހަތަރު ވަނަ އަހަރު ބޫޓާންގެ ލީގް ޗެމްޕިއަންކަން ހޯދައި، އެ ޓީމުން ވަނީ ޖެހިގެން އައި 2005 ވަނަ އަހަރު ނޭޕާލްގައި ބޭއްވި އޭއެފްސީ ޕްރެޒިޑެންޓް ކަޕްގައި ވާދަ ކޮށްފަ އެވެ.