ފަނޑިޔާރުންގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާ ހައިކޯޓަށް އިތުރު ފަނޑިޔާރަކު އައްޔަންކޮށްފި އެވެ. ހައިކޯޓަށް އައްޔަންކޮށްފައިވަނީ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްގެ މަގާމުގައި ހުންނެވި މުހައްމަދު ނިޔާޒެވެ.
ކުރިމިނަލް ކޯޓަށް ވެސް މިއަދު ވަނީ ދެ ފަނޑިޔާރަކު އައްޔަންކުރައްވާފަ އެވެ. އެ މަގާމަށް އައްޔަންކޮށްފައިވަނީ ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ މަގާމުގައި ހުންނެވި ހުސެއިން ޝަހީދާއި ސ. ހިތަދޫ އޯޝަން ވީޑް އަހުމަދު ހައިލަމެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ބުނީ، ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރާނެ ފަނޑިޔާރުން ނިންމީ މި އަހަރު ބޭއްވި އެ ކޮމިޝަނުގެ ހަތަރުވަނަ ބައްދަލުވުމުގައި ނެގި ސިއްރު ވޯޓަކުން ކަމަށެވެ.
ހައިކޯޓަށް ފަނޑިޔާރަކު އައްޔަންކޮށްފައިމިވަނީ، ފަނޑިޔާރުން މަދުވެ އެ ކޯޓުގެ ޝަރީއަތްތައް ވަރަށް ބޮޑަށް މަޑުޖެހިފައިވަނިކޮށެވެ. އެ ކޯޓަށް ފަނޑިޔާރުން އައްޔަންކުރަން މަސައްކަތް ކުރާތާ ވެސް އެތައް ދުވަހެއްވެއްޖެ އެވެ. އެތައް ފަހަރަކު އިއުލާން ވެސް ކޮށްފައިވެ އެވެ.
ހައިކޯޓަށް އަދިވެސް ގާނޫނުގައި ބުނާ އަދަދަށް ފަނޑިޔާރުން ހަމަނުވެ އެވެ. ގާނޫނަށް ފަހުން ގެނައި އިސްލާހުގައިވާ ގޮތުން ހައިކޯޓުގެ ދެ ގޮއްޕާއެކު މުޅި ޖުމްލަ އެ ކޯޓުގައި 11 ފަނޑިޔާރުން ތިއްބަވަންޖެހެ އެވެ. ހައިކޯޓުގައި މިހާރު މަސައްކަތް ކުރައްވަނީ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު އަބްދުލް ރައޫފް އިބްރާހީމެވެ.
ދެކުނު ގޮފީގައި މަސައްކަތް ކުރައްވަނީ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ޝުއައިބު ހުސައިން ޒަކަރިއްޔާ އަދި ފަނޑިޔާރު ސުޖާއު އުސްމާން އެވެ.
ކުރިމިނަލް ކޯޓުގައި ދެ ފަނޑިޔާރުންގެ މަގާމު ހުސްވީ އެ ކޯޓުގެ އިސްގާޒީގެ މަގާމުގައި ހުންނެވި އަބްދުލް ބާރީ ޔޫސުފާއި އެ ކޯޓުގެ ގާޒީ އަހުމަދު ޝަކީލް ކުއްލި ގޮތަކަށް އެހެން ކޯޓަކަށް ބަދަލުކުރުމާ ގުޅިގެންނެވެ.