މި އަހަރު ރަޝިއާގައި ބާއްވާ، ފީފާ ވޯލްޑްކަޕް ޕްރަމޯޓް ކުރުމުގެ ގޮތުން، ވޯލްޑްކަޕްގެ އޮރިޖިނަލް ތަށި ހިފައިގެން، ފްރާންސްގެ ވޯލްޑްކަޕް، ތަރި ކްރިސްޓިއަން ކަރެމްބޫ ރާއްޖެ އަތުވެއްޖެ އެވެ.
އަމިއްލަ ގައުމުގައި 1998 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕް ފްރާންސަށް ކާމިޔާބު ކޮށްދިނުމުގައި، ކަރެމްބޫ ވަނީ ހިއްސާ ވެފަ އެވެ. އޭނާ އަކީ ޓީމުގެ މިޑްފީލްޑަރެވެ. އޭނާ ވަނީ ފްރާންސްގެ ގައުމީ ޓީމަށް، 53 މެޗު ކުޅެދީފަ އެވެ. ދެހާސް ވަނަ އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތްވެސް ފްރާންސަށް ކާމިޔާބު ކޮށްދިނުމުގައި ކަރެމްބޫ ވަނީ ހިއްސާ ވެފަ އެވެ.
ކުލަބު ލެވަލްގައި އޭނާ ވަނީ، ރެއާލް މެޑްރިޑާއި މިޑްލްސްބަރާ އަށް ކުޅެފަ އެވެ. އޭނާ ފުޓްބޯޅަ ކުޅުން ހުއްޓާލީ 2006 ވަނަ އަހަރު އެވެ.
ވޯލްޑްކަޕް ތަށި މިރޭ ގަލޮޅު ދަނޑަށް ގެންދާނެ އެވެ. ދަނޑުގައި އާންމުންނަށް ތަށި ދައްކާލާނެ އެވެ. ޓްއާ ރަސްމީކޮށް އެންމެ ފުރަތަމަ ފެށީ ރަޝިއާގެ ވެރިރަށް މޮސްކޯއިންނެވެ. މޮސްކޯއިން ޓްއާ ފެށީ، ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު އެވެ. އެއަށްފަހު މިދިޔަ މަހުގެ ނިޔަލަށް ރަޝިއާގެ 15 ސިޓީއަކަށް ޓްރޮފީ ގެންގޮސްފައި ވެއެވެ.
ރަޝިއާއިން ބޭރުން، ވޯލްޑްކަޕް ތަށީގެ ޓްއާ ފުރަތަމަ ފެށީ އިނގިރޭސި ވިލާތުގެ ލަންޑަނުންނެވެ. ވޯލްޑްކަޕް މިފަހަރުގެ ޓްއާގައި ޓްރޮފީ 50 ގައުމަކަށް ގެންދާ ގޮތަށް ފިފާއިން ވަނީ ހަމަޖައްސާފަ އެވެ.
ވޯލްޑްކަޕް ޓްރޮފީގެ އަސްލު ތަށި އާންމު ގޮތެއްގައި ހުންނަނީ، ސްވިޒަލޭންޑްގެ ޒިޔްރިކްގައި ހުންނަ، ފީފާގެ ދާރުލްއާސާރުގަ އެވެ. ޗެމްޕިއަންކަން ހޯދާ ޓީމަށް އޮރިޖިނަލް ޓްރޮފީ ދެނީ ފައިނަލު މެޗަށް ފަހު އުފާފާޅު ކުރުމަށެވެ. ނަމަވެސް އެ ގައުމަކަށް ގެންދަން ދެނީ ރަނުން ޕްލޭޓްކޮށްފައިވާ ތައްޓެކެވެ.
ވޯލްޑްކަޕްގެ މިހާރު ބޭނުން ކުރާ ޓްރޮފީ ތާރަފު ކުރީ 1974 ވަނަ އަހަރު އެވެ. އޭގެކުރިން ބޭނުން ކުރަމުން އަންނަނީ އެހެން ބައްޓަމަކަށް ހަދާފައިވާ ޓްރޮފީ އެކެވެ. އެ ޓްރޮފީގެ ނަން ދީފައި ވަނީ، ފީފާގެ ކުރިގެ ރައީސް ޖޫލްސް ރިމެޓްއަށް ނިސްބަތްކޮށެވެ. "ޖޫލްސް ރިމެޓް ޓްރޮފީ" ގެ ނަމުގަ އެވެ. އެންމެ ފުރަތަމަ އެ ތައްޓަށް ކިޔުނު ނަމަކީ "ވިކްޓްރީ" އެވެ.