(23 ޖެނުއަރީ 2018 އާ ގުޅޭ)
އަޒާންއަށް އެ ހުރިހާ ކަމެއްގައި ކުއްވެރިވަނީ ހައިފާކަން އެނގުނު ހިނދު އޭނާ ދުވަހަކުވެސް މަޢާފުނުކުރަން ނިންމިއެވެ. އެދުވަހު އެކަމަށް އޭނަ ބާރު ނުދިންނަމަ މިއަދު މިންނު ވީހީ އޭނަގެ މީހަކަށެވެ. އަޒާން މިންނު ފަދަ މާފުކުރަން ދަންނަ މާތްމީހަކަށް ވާކަށް ބޭނުމެއްނޫނެވެ. އެ ހިތުގައި ހައިފާ ކުރި ކަންތައްތައް އަބަދުގެ އަބަދަށް ދެމިގެން ދާނެ ލަކުނަކަށްވެގެން ދާނެއެވެ. ދުވަހަކުވެސް ހައިފާއަށް އަޒާންގެ މަޢާފެއް ނުލިބޭނެއެވެ.
ޔާނާ ރީތިވެލައިގެން ނުކުތްއިރު އަޒާންއާއި ޝަމްލާ އިނީ ސިޓިންރޫމުގައެވެ. ޔާނާގެ މޫނުމަތިން އެންމެ ސިކުންތަކަށް ވެސް ހިނިތުންވުން ފިލައިގެން ނުދެއެވެ. އަޒާންއާއެކު ޔާނާ ނުކުތީ ޒޭންއާއި ހައިކަލް މެންގެއަށް ދިއުމަށެވެ. ޝަމްލާ އެ ދެބަފައިން ހިފައިގެން އަންނާނެ ޚަބަރެއްގެ އިންތިޒާރުގައި ގޭގައި މަޑުކުރިއެވެ.
* * * *
މެންދުރުގެ ކެއްކުމުގައި ހުސްނާ އުޅެމުން ދިޔައިރު ހައިކަލް އިނީ ސޯފާގައި އިށީނދެލައިގެން ބޭރުދުނިޔޭގެ ޚަބަރު ޗެނެލެއް ބަލާށެވެ. އޭނަގެ ކުރިމަތީގައި ހުރި ބިއްލޫރި މޭޒުގައި އެކި ކާރުތަކުގެ މޮޑެލް ފޮޓޯތައް ތަރުތީބެއް ނެތް ގޮތުގައި ވިއެވެ. ހީވާގޮތުން މަސައްކަތެއް ކުރަން އިނދެފައި ޚަބަރު މުހިންމުވުމުން އެއަށް ސަމާލުކަން ދިނީއެވެ. އެހެން އިންދާ ދޮރޯށީގެ ބެލް އަޅާލިއަޑު އިވި ހައިކަލް ދޮރާދިމާއަށް ބަލާލިއެވެ. އަދި ލަކްޝްމީއަށް އަޑުނީވިދާނެތީ ގޮވާލީ ތަންކޮޅެއް ބާރަށެވެ.
ދޮރޯށި ހުޅުވާލި ލަކްޝްމީއަށް ޔާނާ ފެނުމާއެކު ހިނިތުންވެލިއެވެ. އަދި ޒޭން ޑިއުޓީގައި ވީކަމާއި ހައިކަލް ސިޓިންރޫމުގައި އެބައިން ކަމުގައި ބުނަމުން ޔާނާއާއި އަޒާން އެތެރެއަށް ވެއްދިއެވެ. ވަގުތުން އެ ގޭގެ އެކި ދިމާއަށް އަޒާންގެ ނަޒަރު ހިންގާލެވުނެވެ. އަޒާންއަށް އެ ގޭތެރެ ފެނުމުން މިންނު އެގޭގައި ވޭތުކުރާނީ ރާނީއެއްފަދަ ހަޔާތެއްކަން ދެނެގަތުމަށް އުނދަގުލެއް ނުވިއެވެ. އެފަދަ ކުދިކުދި ޚިޔާލުތަކުން މިންނުއާ ދޭތެރޭ އުފާވިއަސް ހަމައެއާ އެއްވަރަށް އެ ހިތަށް ތަދު ވެސް ވެއެވެ.
ހައިކަލްއަށް އަޒާންއާއި ޔާނާ ފެނުމާއިއެކު ސޯފާގައި އިނދެފައި ކޮޅަށް ތެދުވެވުނީ ކުއްލިއަކަށެވެ. އޭނާގެ މޫނުމަތިން ފެނުނީ ކަންބޮޑުވުމެވެ. ނަމަވެސް އެ އަސަރުތައް ވަގުތުން ފިލުވާލާ މީހާ ހަމައަކަށް އެޅިލިއެވެ. އަދި ޔާނާއަށް ހިނިތުންވެލަމުން އިށީންނަން އައުމަށް ހައިކަލް ބުނެލިއެވެ. އަޒާންއާއި ހައިކަލްގެ ދެމެދުގައި ބަދަލުކޮއްލެވުނު ބަލާލުމުގައި ދެމީހުންގެ ހިތަށް ވެސް ވަރަށް ގިނަ އެއްޗެހިތަކެއް އެރިކަން ޔަގީނެވެ. ހިސާބެއްގެ ޖެހިލުންވުމެއް ހައިކަލްގެ ހުއްޓެވެ. ގާތަށް އައިސް ސަލާމް ކޮއްލުމަށް ފުރަތަމަ އަތްދިއްކޮއްލީ އަޒާންއެވެ. ހައިކަލް އިނީ އަޒާން އެއްޗެއް ބުނޭތޯއެވެ. ދެ މީހުންގެ އުމުރުން ދުވަސްވެފައިވިއެއްކަމަކު ދެމީހުންނަށް ވެސް އެކަކު އަނެކަކު ސިފަވެގެން ދިޔައީ މިންނުއާއެކު ހޭދަކުރި ޒުވާން ދުވަސްވަރު އެކަކުއަނެކަކަށް ފެނިފައިވާ ޒުވާންކަންމަތީގައެވެ.
"ކޮބާ ހުސްނައްތަ؟" ވެރިވެފައި އޮތް ހިމޭންކަން ނައްތާލުމަށް ޔާނާ ކުރިން ވާހަކަ ދެއްކިއެވެ.
"ބަދިގޭގަ" ހައިކަލް ބުނެލިއެވެ.
"އެބަ އަންނަން ހުސްނައްތައަށް ގޮވާލާފަ" ޔާނާ ބޭނުންވީ އަޒާންއާއި ހައިކަލް ވާހަކަދެއްކުމަށް ވަގުތު ދޭށެވެ. މާޒީގައި އެ ދެމެދުގައި ހިނގާފައިވާ ކަންކަމުގެ ވާހަކަ ޔާނާ ބައިންދައިގެން ދެއްކުން އެ ދެމީހުންނަށް ފަސޭހަކަމަކަށްނުވާނޭކަން އެނގޭތީއެވެ.
"ޒޭން... ޔާނާގެ......ކައިވެންޏަށް... އެދުނީމަ" އިރުކޮޅަކު އިނުމަށްފަހު އަޒާން ވާހަކައެއް ފެއްޓޭތޯ އުޅުނެވެ. ލަސްލަހުން ފަހަރަކު ލަފުޒެއް ގުޅުވަމުންނެވެ.
"އަހަރެން ގަސްތުގަ ކުރިކަމެއް ނޫން އެއީ.... އެހެންވިޔަސް ކުރެވުނީ ކިހާބޮޑު ކުށެއްކަން އެނގޭ. މިންނު އަޒާންދެކެވެސް ވަރަށް ލޯބިވޭ... ތި ދެމީހުންގެ ދެމެދަށް ވަންމީހަކީ އަހަރެން" ހައިކަލް ދެއްކީ މުޅިން އެހެން ވާހަކައެކެވެ.
"އަހަންނަށް އެނގޭ އެކަން ވީގޮތް، މިންނު އަހަރެންދެކެ ލޯބިވި... އެކަމަކު މިންނު އަހަންނަށްވުރެ ހައިކަލްދެކެ މާ ލޯބިވޭ، އޭނަ އެންމެ ފަހުވަގުތު ވެސް ބޭނުންވީ ހައިކަލްގެ މޫނު ދުށުމަށް، އަހަރެން މިއަދު މިއައީ މިންނުގެ ޝަކުވާކުރާކަށްނޫން، އަހަރެން އެ ޝަކުވާކޮށް މިންނުގެ ނިންމުމަށް ފާޑެއް ނުކިޔާނަން. އޭނާގެ ފުރާނައަށް ބުރައެއް ލިބޭކަށް އަހަރެން ނޭދެން" އަޒާން ދެއަތްތިލަ ގެނެސް ޖޯޑުކޮއްލަމުން ދެ ކަކުލުގައި އުޅަންބޮށިކޮށިކޮޅު ވިއްދާލިއެވެ. ކުރިއަށް ގުދުވެލައި ހައިކަލްއާ ހަތަރުކަޅި ހަމަކޮށްލައިގެން އިނެވެ.
"ކީއްވެ؟... އަޒާން އަހަރެންދެކެ ރުޅިއެއްނާދޭތަ؟... ފޫސެއް ނުވޭތަ؟ އަހަރެންގެ ސަބަބުން އަޒާންގެ ލޯބި ބީވެގެންދިޔައީ" ހައިކަލް ހައިރާންކަމާއިއެކު އަހާލިއެވެ. އަޒާންގެ ހިތަށް ކުރާނޭ އަސަރު ފުރިހަމައަށް ދެނަގަންނަން ހައިކަލްއަށް ނޭނގުނަސް އޭނާ އެހާ ފަސޭހައިން މަޢާފުކޮށްފާނޭ ހައިކަލް ހީއެއްނުކުރެއެވެ.
"ފުރަތަމަ ކަމުގެ ހަޤީޤަތް ނޭގޭއިރު ރުޅި އިސްކުރެވުނު، ހަޤީޤަތް އެނގި ފާޅުވެއްޖެ، ހައިކަލްއަށް ވެސް އެފަދަ ޢަމަލެއް ހިންގަން ކެރުނީ އެކަމަށް މީހަކު ހިތްވަރު ދިނީމަ. އެންމެ ބޮޑު ކުށްވެރިއަކީ އޭނާ" ދެބުމަ ކައިރިކޮށްލުމާއެކު އަޒާން ބުނެލިއެވެ.
"ތީ... ތީ ކާކު ބުނި ވާހަކައެއް؟" ހައިފާގެ ވާހަކަހެން އަޒާން އެ ދައްކަނީ ހީވެ ހައިކަލް ހައިރާންވިއެވެ. ހައިފާއާއި ހައިކަލްގެ ދެމެދުގައި ހިނގި އެއްވެސް ކަމެއް އެކަކު ގާތުގައި ވެސް ހައިކަލް ނުބުނެއެވެ. ޒޭން ވެސް ހައިފާއާ ބައްދަލުކުރަން ދާން އެދުމުން އެކަން އޭނާ ވަނީ މަނާކޮށްފައެވެ. މިންނުއަށް ވެސް އެ ހަޤީޤަތެއް ނޭނގޭނެއެވެ. އޭނާގެ ޑައިރީގައި ވެސް އެވާހަކައެއް ނޯންނާނެއެވެ. ދެން އެ ވާހަކަ އަޒާންއަށް އެނގެންވީ ގޮތަކާ މެދު ސުވާލު އުފެދުނެވެ.
"ހައިކަލްއަށް އެކަން އެނގޭ ގޮތަށް އެހެން މީހުންނަށް ވެސް އެކަން އެނގިދާނެއެއްނު" އަޒާން ބުންޏެވެ.
"އެކަމަކު ކިހިނެއް؟ އަހަރެން އެ ހާދިސާ ހިނގަން މެދުވެރިވި ގޮތުގެ ވާހަކަ އެކަކު ގާތު ވެސް ނުބުނަން. ޚުދު މިންނު ވެސް ނާހާތީ އޭނާއަށް ވެސް ކިޔައިނުދެން" ހައިކަލްގެ ވާހަކަ އަހާފައި އަޒާންއަށް ކޮންމެވެސް ވަރަކަށް ކަންތައްވީގޮތް ދެނެގަންނަން އެނގުނެވެ.
"ޒޭންއާއި ޔާނާއާ ދެކުދިން އެކުގައި ހައިފާއާ ބައްދަލުކުރާން ދިޔަ ވާހަކަ ބުނީ. ހައިފާ އެ ކުދީންނަށް އެ ވާހަކަތައް ކިޔައިދިނީ. ޒޭންއަށް ހުރިހާ ހަޤީޤަތެއް އެނގޭ. އަހަންނަށް ވެސް ޤަބޫލުކުރާން ދަތިވި މިންނުގެ އެއްބަނޑު އެއްބަފާ ދައްތައޭ މިންނުއަށް އެވަރުގެ ނިކަމެތިކަމެއް ދިނީ ބުނީމަ. އިންސާނާގެ ހިތްނުބައިވެއްޖެނަމަ އޭނާގެ ހުރިހާ ރަނގަޅުކަމެއް ގެއްލުނު ފަދަ. އައި ނޯ ހައިކަލް... ޔޫ ރިގްރެޓް އިޓް... އަހަރެން ވެސް ރިގްރެޓް ކުރަން. މިންނު ނުސީދާކޮށް އެތައް ވާހަކައެއް އަހަރެންގެ ގާތުގައި ބުނަން މަސައްކަތްކުރި. އަހަރެން އެހާ ލޯބިވާއިރު ވެސް އަހަންނަށް މިންނުގެ އެ ވާހަކަތައް ދެނެގަންނާކަށް ނޭނގުނު. މިންނުގެ އެންމެ ނިންމުމަކަށް އަހަންނަށް ކެތްނުކުރެވުނުއިރު އެނާގެ އެތައް އަހަރެއްގެ ރުޅިއާއި ނަފުރަތައް ހައިކަލް ކެތްކުރި" އަޒާން ވާހަކަ މެދުކަނޑާލާފައި ފުން ނޭވާއެއް ލިއެވެ.
"އަހަރެން ޤަބޫލުކުރަނީ ހައިފާ ބާރު ދިނެއްކަމަކު އަހަރެން އެކަން ކުރީ އަހަރެންގެ ނުބައިކަމުންކަން. މީހަކު ބުންޏަސް އެވަރު ކަމެއް ކުރާކަށް ނުވާނެ. އަހަރެންގެ ނުބައިކަން ވެސް ހައްދުފަހަނަ އަޅާފައި ހުރީމައެއްނު ހައިފާގެ އެ ޕްލޭނަށް އެކްޝަން ނަގާނީ" އިސްޖަހާލައިގެން އިނދެ ހައިކަލް ބުނެލިއެވެ.
"ހައިކަލް! ކިތަންމެ ވަރަކަށް ރިގްރެޓް ކުރި ނަމަވެސް އެއީ ޕާސްޓް. ނަތިންގ ވިލް ޗޭންޖް... މިންނުގެ ނިންމުމަކަށް އަހަރެން ފާޑެއް ނުކިޔާނަން، އޭނަ ހައިކަލްއާ ގުޅުނީ ހަޤީޤަތުގައި ވެސް ހައިކަލްދެކެ ލޯބިވާތީ، އަހަރެން އެކަމާ ދެރަވިޔަސް މިންނުގެ އުފާވެރިކަން ވެސް އަހަންނަށް މުހިންމު، އަހަންނަށް މިންވަރު ކުރެއްވި ގޮތްކަމުގައި އަހަރެން ޤަބޫލުކޮށް ޝުކުރުވެރިވަން، ތަޤުދީރުގައިވަނީ ޒޭންއާއި ޔާނާގެ ނަން ކަމުގައިވާނަމަ އެކަމުގައި އަހަންނަށް ކުރެވޭނީ ކޮންކަމެއް.... މިއަދު އަހަރެން މި އައީ ޒޭންގެ މަންމައާ ގުޅުވައިގެން އެފަދަ ބޭއަދަބީ ބަހުން ވާހަކަދެއްކުނީތީ އެކަމާ މަޢާފަށް އެދެން، އަދި އަހަރެން ޒޭންއާއި ޔާނާގެ ކައިވެންޏަށް ޤަބޫލުކަން އަންގަން" އަޒާންގެ ވާހަކަތަކުން އޭނައާއި ހައިކަލްއާ ދެމެދުވީ ހިތްނުތަނަވަސްކަން ކުޑަވެގެން ދިޔައެވެ.
"ކޮންމެގޮތެއްވިޔަސް އަޒާންއާއި މިންނު ގާތްކުރެވެންއޮތީ މިގޮތަށް، މިހާރު ޔަގީނުން ވެސް މިންނުގެ ދިރިއުޅުމުން އަޒާން ވެސް ބާކީއެއްނުވި. އަހަރެން ވަރަށް އުފާކުރަން އަޒާން މިކަމަށް ޤަބޫލުވީތީ" ހައިކަލްގެ ހިނިތުންވުމާއިއެކު އަޒާން ވެސް ހިނިތުންވެލިއެވެ.
"ޔާނާއަށް މިހުރިހާ ކަމެއް ކިޔާދިނީ ހައިކަލް ދޯ... އެ ރޭގެ ޕާޓީގައި މިންނުގެ ރީތިކަމުގެ ޖާދޫގައި ޖެހިފައި ތިބީ އަހަންނާއި ހައިކަލް" އަޒާން ހިނިއައިސްފައި އިނދެ ސަމާސާ ގޮތަކަށް ބުނެލިއެވެ. ލުއިގޮތަކަށް ހައިކަލް ހީނލާފައި އަޒާންއަށް ހުރިހާ ވާހަކައެއް ކިޔާދިނެވެ. އޭނަ ކޮމާގައި އޮތްދުވަސްތަކުގެ ވާހަކައެވެ. ޒޭންއާއި ޔާނާ އެކަކުއަނެކަކާއި ބައްދަލުވެ އެ ދެމެދުގައި ގާތް ގުޅުމެއް އުފެދިގެން ދިޔަ ގޮތުގެ ވާހަކައެވެ.
ކާކޮޓަރި ތެރެއިން ކުޑަކޮށް ބޯދިއްކޮއްލައިގެން ވާނުވާ ބަލަން ހުސްނާއާއި ޔާނާ ތިބިކަމެއް ސިޓިންރޫމުގައި ތިބި ހައިކަލްއާއި އަޒާނަކަށް ފާހަގައެއް ނުކުރެވުނެވެ.
"ހުސްނައްތައަށް ތިފެންނަނީ މިންނުގެ ކުޑަކުޑަ ބަގީޗާގެ ދެ މާ... ހުދު އޯކިޑު މަލާއި ރަތް ފިނިފެންމާ" އަޒާންއާއި ހައިކަލް ހަމަޖެހިފައި ވާހަކަދައްކަން ތިބި މަންޒަރު ބަލަން ހުރެ ޔާނާ ބުނެލިއެވެ.
"ހައިކަލް ކައިރީ ދެން އެ އިނީ ޔާނާގެ ބައްޕައޭ ބުނީމެއްނު... ދެން ކިހިނެއް މިންނުއާ ގުޅުމެއް އޮތީ" ހުސްނާ އަޖައިބުވިއެވެ.
"މިންނުގެ ފުރަތަމަ ބަގީޗާގައި އިންދީ ހުދު އޯކިޑުމަލެއްނު. ހުސްނައްތައަށް އެކަން އެނގޭނެ... އަޅުގަނޑުގެ ބައްޕައޭ މިންނުގެ ހުދު އޯކިޑު މަލަކީ، އެކަމަކު އަބަދުވެސް މަލުގެ ބަގީޗާއެއްވިއްޔާ އެތަނުގައި ރަސްކުރަންކުރާނީ ރަތް ފިނިފެންމަލެއްނު، އެއީ އެކަކަށްވެސް އޮޅިފައިވާ ކަމެއްނޫން، ހުދު އޯކިޑު މަލާއި ރަތްފިނިފެންމާ މިހާތަނަށް މަސައްކަތްކުރީ ކުލައެއްނުވި މަލެއްގައި ކުލަޖެއްސުމަށް، އެހެންނަމަވެސް އެ މަލަށް ރަތްކުލަ އަރައިގެން ދިޔަކަން ހުދުއޯކިޑުމަލަށް މީހަކު އޮޅުވާލީ.... މިއަދު ބަގީޗާ މިވަނީ ފުރިހަމަވެފައި، ދެމަލަށް އެއް ބަގީޗާއެއްގައި ކައިރިކައިރީގައި ހުރުމުގެ ފުރުޞަތުމިވަނީ ލިބިފަ" ޔާނާގެ ދެލޯ ފެންކަޅިވިއެވެ.
"ޔާނާއާއި ޒޭންގެ ކައިވެނި އެހެންވީމަ ވާނީ ހުދުއޯކިޑުމަލާއި ރަތްފިނިފެންމަލުގެ ކައިވެންޏަކަށްތާ ދޯ" ޔާނާގެ ކޮނޑުގައި ފިރުމާލަމުން ހުސްނާ ސާމާސާ ރާގެއްގައި ބުނެލިއެވެ. ޔާނާ އުފަލުން ހުރެ ހުސްނާއަށް ބަލާލަމުން ބޯޖަހާލިއެވެ.
ޔާނާ އެ ޚަބަރު ޒޭންއަށް ދިނުމަށް އަވަސްވެލިއެވެ. ޒޭންގެ ކަންފަތަށް ޔާނާއާއި އަޒާން ގެއަށް އައިސްގެން އުޅޭ ވާހަކަ ފޯރުމާއެކު އަވަސްވެގަތީ ގެއަށް އައުމަށެވެ. ކާރުގައި ދުއްވަން ހުއްދަދީފައި އޮންނަ އެންމެ ބާރު ދުވެލީގައި އައިސް ގޭގެ ދޮރުމަތީ ކާރު ޕާކުކޮއްލިއެވެ. އަވަސް އަވަހަށް ގޭތެރެއަށް ވަދެގެން އައިސް އަޒާން ފެނުމާއެކު ހުއްޓުން އެރިއެވެ. އޭރު ޔާނާ ވެސް އަޒާންގެ ގާތުގައި އިނެވެ. ޒޭން ފުންނޭވާއެއް ބޭރުކޮއްލަމުން އަޒާންއާއި ހައިކަލްއަށް ބަލާލިއެވެ. އަޒާންއަށް ޒޭންގެ އަތުގައި އޮތް ޑޮކްޓަރ ކަށިގަނޑު ފެނުމުން ހައިރާންވިއެވެ.
"ދަރިފުޅު ނުބުނަމެއްނު ޒޭންއަކީ ޑޮކްޓަރެއް ކަމެއް" ޔާނާއަށް ބަލާލަމުން އަޒާން ބުނެލިއެވެ.
"ބައްޕަ ނުވެސް އަހަމެންނު ޒޭން އަދާކުރަނީ ކޮންކަހަލަ ވަޒީފާއެއްތޯ" ޔާނާ ހިނިތުންވެލަމުން ބުނެލިއެވެ.
ޒޭންއަށް ހައިކަލް ގޮވާލާފައި އަތުން ސޯފާގައި ޖަހާލަމުން އިޝާރާތް ކުރީ އޭނާގެ ގާތުގައި އައިސް އިށީނުމަށެވެ. އަޒާންގެ ކުރިމަތިން އައިސް ހައިކަލްގެ ގާތުގައި އިށީން ޒޭނަށް އަޒާން ވަރަށް ރަނގަޅަށް ބަލާލިއެވެ. އަދި ހިނިތުންވުމަކާއެކު ޒޭންއާ ވާހަކަ ދައްކަންފެށިއެވެ. މިންނުއަށް ޓަކައި އެންމެންގެ ހިތް ވެސް ހެޔޮކަމާއި އެކަން މާޒީއަށް ދޫކޮއްލުން މުހިންމުކަމުގައި އަޒާން ބުންޏެވެ. އަދި ކުރިއަށް ޔާނާއާއި ޒޭންގެ ކައިވެނި ރާވަންވީ ކަމުގައި ބުންޏެވެ. ޒޭންގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. ޒޭންގެ ހިތުގެ އެދުން ފުރިހަމަވީއެވެ. މަންމަގެ ހަޔާތައް އައި އެންމެ މުހިންމު ދެ މީހުން މިއަދު އެ ތިބީ އެކަކުއަނެކަކު ކުރިމަތީގައެވެ. ހިނިތުންވެއެވެ. އެކަކުއަނެކަކަށް ހިތް ސާފުކޮށްގެންނެވެ. ދެރަވަނީ އެ މަންޒަރު ދުށުމަށް އެ ތަނުގައި މިންނު ނެތީތީއެވެ.
* * * *
ދެމަސްދުވަހަށް ފަހު މިރޭ ޔާނާ ހުއްޓިލައިގެން ހުރިއިރު އެންމެންގެ ލޯތަށް އަމާޒުވަމުން ދިޔައީ އޭނައަށެވެ. މުޅި ހޯލުތެރެ ހީވަނީ ހުދުކުލައާއި ރަތްކުލައިގެ މާބަގީޗާއެއްހެންނެވެ. ލާފައިވާ ހުދުކުލައާއި ރަތްކުލައިގެ ކައިވެނި ހެދުމުގައި ޒޭންގެ ގާތުގައި ޔާނާ ހުއްޓިލައިގެން ހުރިއިރު ޒޭން ހުރީ އަޅިކުލައިގެ ކޯޓުފަޓުލޫނުގައެވެ. ކޯޓުގައިހަރުކޮށްލާފައި ވަނީ ރަތްކުލައިގެ ފިނިފެންމަލެކެވެ. ޔާނާގެ އަތުގައި އޮތީ ހުދުއޯކިޑު މަލުން ތައްޔާރުކޮށްފައި އޮތް މާބޮޑުއެކެވެ. އަލަތު ދެމަފރިންގެ ގާތުގައި މަޑުކޮށްލައިގެން ތިބި ހައިކަލްއާއި އަޒާންގެ މޫނުމަތިން އުފާވެރިކަން ފެންނަމުންދިޔައެވެ. ސުހާ އޭނާގެ ކުދިންނާއިއެކު އެ ހަފުލާގައި ބައިވެރިވިއެވެ. މިންނުގެ ހަޔާތުގައި ޚާއްޞަވީ ކޮންމެ މީހެއް އެ ކައިވެނި ހަފުލާ ތެރޭގައި ވިއެވެ. އެ ހަފުލާ ވެގެން ދިޔައީ ޔާނާ ހީކުރިވަރަށްވުރެ ވެސް ފުރިހަމަ ކައިވެނި ހަފުލާއަކަށެވެ. ޔާނާ އަށްޓަކައި ކޮންމެ ކަމެއްވެސް ކޮއްދޭން ޒޭން ހުރީ ތައްޔާރަށެވެ. އެތަނުގައިވާ އެންމެން އެ ދެމަފިރިންގެ އާދިރިއުޅުމަށް މަރުޙަބާ ކިޔާ ހެޔޮދުޢާ ކުރިއެވެ. އެ ޒުވާނުން އަބަދުވެސް އުފަލުގައި ލެއްވުމަށްއެދިއެވެ. ޒޭންއަށް އޭނާގެ މަންމަ އަނބުރާ ލިބުނެވެ. އަޒާންގެ އަތުގައި އޮތް މިންނުގެ ޑައިރީ ޒޭންއާ އަނބުރާ ހަވާލުކުރީއެވެ. އެ ޑައިރީއަށް އެންމެ ހައްޤުކަން ބޮޑީ ޒޭންއާއި ހައިކަލް ކަމުގައި އަޒާން ޤަބޫލުކުރެއެވެ.
މި ފަނާވަނި ދުނިޔެއާ މިންނު ޢަލްވަދާޢު ކީ ނަމަވެސް އެންމެންގެ ހިތްތަކަށް އުފާވެރިކަން ގެނެސް ދިނެވެ. ކެނޑިފައިވާ ގުޅުންތައް އަލުން ގުޅުވައިދީފިއެވެ. ތިމާ އެންމެ ލޯބިވާ މީހާ ނުލިބުނު ނަމަވެސް ތިމާދެކެ އިންތިހާއަށް ލޯބިވާނޭ ބައިވެރިއަކު ހުރެދާނެއެވެ. ހަމައެކަނި ތިބާގެ ނަޒަރުން ދުށުމުގެ ބަދަލުގައި އަނެކާގެ އިހުސާސްތައް ވެސް ދެނެގަންނަ މަސައްކަތް ކުރާންވާނޭކަން މިންނު ބުނެދީފިއެވެ. ފެންނަ ކޮންމެ މަންޒަރަކާއި އިވޭ ކޮންމެ އަޑަކީ ހަޤީޤަތެއް ނޫންކަން ޒޭނަށް ވިސްނިއްޖެއެވެ. ކުށެއްކުރެވުމުން ތަޢުބާވާން އަވަސްވެގަންނަން ޖެހޭކަން ހައިކަލްއަށް ބުނެދިނީ މިންނުއެވެ. ތިމާއަށް އެންމެ ރަނގަޅު ގޮތަކީ ﷲ އެ މީހަކަށް މިންވަރުކުރައްވާ ގޮތްކަމުގައި އަޒާން ޤަބޫލުކުރިއެވެ. އެ ހުރިހާ ހިތްތަކުގައި މިންނުއަށް ޓަކައިވީ ލޯބި ފަނޑުވުމެއްނުވެއެވެ. ދުނިޔޭގައި ހުރެ އަޒާންގެ ލޯބި ނުލިބުނު ނަމަވެސް ވަކިވެގެން މިންނު އެ ދިޔައީ އަޒާންއާއި މިންނުއާ ދެމެދު އޮތް ގުޅުން ދަމަހައްޓާފައެވެ. ނަމަވެސް އެއީ އެހެން ސިފައެއްގައެވެ. ޔާނާއާއި ޒޭންގެ ގޮތުގައެވެ. އެ ދެމީހުންނަށް މާތް ރަސްކަލާނގެ ދެ ދުނިޔޭގެ އުފާދެއްވުމަށް ދުޢާކުރާ ހާލުގައެވެ. (ނިމުނީ)